Advertisement

ކުޅުންތެރިއަކު މަދުކޮށް ކުޅުނު ސޮސިއެޑާޑުން ބާސެލޯނާ ބަލިކޮށްފި

about 2 hours 0


ކުޅުންތެރިއަކު މަދުކޮށް ކުޅުނު ސޮސިއެޑާޑުން ބާސެލޯނާ ބަލިކޮށްފި

about 2 hours 0

މެޑްރިޑް (ޖެނުއަރީ 19) - ސްޕެނިޝް ލީގުގައި ރޭ ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލަން ޖެހުނު، ރެއާލް ސޮސިއެޑާޑުން 2-1 އިން ލީގުގެ އެއް ވަަނައިގައި އޮތް ބާސެލޯނާ ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު، ލީގުގެ އެއް ވަނައިގައި ބާސެލޯނާގެ ލީޑު ވަނީ އެއް ޕޮއިންޓަށް ކުޑަވެފަ އެވެ. ބާސެލޯނާ އަށް 20 މެޗުން 49 ޕޮއިންޓް ލިބުނުއިރު، ރެއާލް ދެ ވަނައިގައި އޮތީ 20 މެޗުން 48 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ވިޔަރެއާލާއި ހަތަރެއްގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 41 ޕޮއިންޓް ލިބިފައިވާއިރު، ވިޔަރެއާލުން ކުޅުނީ 19 މެޗެވެ. އެތުލެޓިކޯ އިން ވަނީ 20 މެޗު ކުޅެފަ އެވެ.

ސޮސިއެޑާޑްގެ ދަނޑު އަނޮއެޓާގައި ރޭ ކުޅުނު މެޗުގައި، މިކޭލް އޮޔާޒަބާލް ވަނީ މެޗުގެ 32 ވަނަ މިނިޓްގައި ގޮންޒާލޯ ގުއޭޑޭޝް ދިން ބޯޅައަކުން ސޮސިއެޑާޑަށް ލީޑުނަގައިދީފަ އެވެ. މިއީ، ވޮލީ އަކުން އޮޔާޒަބާލް ޖެހި ގޯލެކެވެ. މި ގޯލު ޖެހުމުގެ ކުރިން އޮފްސައިޑް ކަމަށް ބަލައި، ބާސެލޯނާ އިން ޖެހި ތިން ގޯލެއް ބަަލައިނުގަތެވެ. މިއީ، ފާމިން ލޮޕޭޒް، ފްރެންކީ ޑި ޔޯން އަދި ލަމީން ޔަމާލް ޖެހި ގޯލުތަކެކެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި ޔަމާލަށް ސޮސިއެޑާޑް އޭރިއާތެރެއިން އެ ޓީމުގެ އީގޯ ޒުބެލްޑިއާ ކުރި ފައުލަކަށް ޕެނަލްޓީ ދިނުމަށް ފަހު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ނިންމީ އޮފްސައިޑް ކަމަށެވެ.

އޮލްމޯ ވަނީ ދެ ވަނަ ހާފު ފެށިގެން ދެ މިނިޓް ތެރޭ ދެ ފަހަރަށް ގޯލުގެ ދަނޑީގައި ޖަހައިފަ އެވެ. އަދި، ބަދަލަކަށް ކުޅެން އެރި މާކަސް ރެޝްފޯޑް، ވަނީ ކުޅެން އެރިތާ ހަތް މިނިޓް ތެރޭ، މެޗުގެ 70 ވަނަ މިނިޓްގައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. މިއީ، ނޮވެމްބަރު ދެ ވަނަ ދުވަހު ފަހުން ލީގުގައި ރެޝްފޯޑްގެ ފުރަތަމަ ގޯލެވެ.

ބާސެލޯނާ އިން އެއްވަރުކުރިތާ މިނިޓެއް ފަހުން، ގުއޭޑޭޝް ޖެހި ގޯލުން ސޮސިއެޑާޑުން އަލުން ލީޑުނެގި އެވެ. ނަތީޖާ ހަމަހަަމަކުރަން ބާސެލޯނާގެ ޖޫލްސް ކޫންޑޭ މެޗުގެ 85 ވަނަ މިނިޓްގައި ބޮލުން ޖެހި ބޯޅައެއް އަމާޒުވީ ހުރަސްދަނޑިއަށެެެވެ.

މެޗުގެ 88 ވަނަ މިނިޓްގައި ބާސެލޯނާގެ ޕެޑްރީ އަށް ކުރި ފައުލަކަށް ސޮސިއެޑާޑްގެ ކާލޮސް ސޮލާ އަށް ސީދާ ރަތް ކާޑެއް ދެއްކިއިރު، އެ ޓީމުން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ.