އަލަށް އުފަންވާ ތުއްތު ކުދިންގެ އެންމެ ޅަފަތުގައި ޖެހޭ ހަކުރު ބަލީގެ ވަރަށް ނާދިރު ބާވަތެއް ދެނެގަނެވިއްޖެ ކަމަށް ސައެންސްވެރިން ބުނެފިއެވެ. މި ބާވަތުގެ ހަކުރު ބަލި ޖެހެނީ ހަމަ އެންމެ ޖީންއަކަށް އަންނަ ބަދަލެއްގެ ސަބަބުން، އިންސުލިން އުފައްދާ ސެލްތައް ފުރިހަމައަށް މަސައްކަތް ނުކުރާ ގޮތް ވުމުންނެވެ. މި ސެލްތަކުގެ މަސައްކަތް ފެއިލްވުމުން، ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވެއެވެ. ނަތީޖާއެއްގެ ގޮތުން ހަކުރު ބަލި ޖެހި އަދި ބައެއް ހާލަތުގައި އެ ކުއްޖާގެ ނާރުތަކުގެ ނިޒާމަށް ވެސް މައްސަލަތަކެއް ކުރިމަތިވެއެވެ.
ބެލްޖިއަމްގައި ހުންނަ ފްރީ ޔުނިވަސިޓީ އޮފް ބްރަސެލްސް އާއި ޔުނިވަސިޓީ އޮފް އެކްސެޓާ މެޑިކަލް ސްކޫލް ގުޅިގެން ކުރި މި ދިރާސާއިން އެނގުނު ގޮތުގައި، ބައެއް ތުއްތު ކުދިންގެ ޅަފަތުގައި މި ބާވަތުގެ ހަކުރު ބަލި ޖެހެނީ ޖީން (TMEM167A) އަށް އަންނަ ބަދަލުތަކެއްގެ ސަބަބުންނެވެ. މި މައްސަލަ މެދުވެރިވާ ބައެއް ކުދިންނަށް އުމުރުން އެންމެ ހަ މަހުގައި ވެސް ހަކުރު ބަލި ޖެހެއެވެ.
މިފަދަ ކުދިންގެ ތެރެއިން 85 އިންސައްތަ ކުދިންނަށް މި ބާވަތުގެ ހަކުރު ބަލި ޖެހެނީ، އެކުދިންގެ ޑީއެންއޭ އަށް، މައިންބަފައިންގެ ފުށުން ވާރުތަވާ ބަދަލުތަކެއްގެ ސަބަބުންނެވެ. މި ދިރާސާގައި ސައެންސްވެރިން ތަހުލީލުކޮށް ބެލީ، މި ބާވަތުގެ ހަކުރު ބަލި ޖެހުމުގެ އިތުރުން، ނާރުތަކުގެ ނިޒާމަށް ކުރިމަތިވާ މައްސަލަތަކެއްގެ ސަބަބުން ޖެހޭ ވެއްޓޭ ބަލި (epilepsy) އަދި އުފަންވާއިރު ބޯ މާ ކުޑަވުމުގެ (microcephaly) މައްސަލަ ކުރިމަތިވެފައިވާ ހަ ކުދިންގެ ސިއްހީ ހާލަތެވެ.
ސައެންސްވެރިންނަށް ފާހަގަކުރެވުނު ގޮތުގައި މި ހަ ކުދިންގެ ޖީންތަކުގެ ތެރެއިން ބަދަލު އައިސްފައިވަނީ (TMEM167A) ޖީންއަށް އެކަންޏެވެ. އެހެންކަމުން، އެންމެ ޖީންއަކަށް ވާރުތައިން އަންނަ ބަދަލެއްގެ ސަބަބުން، ނާރުތަކުގެ ނިޒާމަށާއި، ކާނާއިން ހަކަތަ އުފައްދައިދޭ ނިޒާމަށް ވެސް ބަދަލުތައް އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި (TMEM167A) ޖީންއަށް ގެއްލުންތައް ލިބުމުން، އިންސުލިން އުފައްދާ ސެލްތައް ފުރިހަމައަށް މަސައްކަތް ކުރުމުގެ ގާބިލުކަން ގެއްލިގެން ދެއެވެ. އަދި އެ ސެލްތަކަށް އޭގެ މަސައްކަތް ފުރިހަމައަށް ކުރެވޭ ގޮތް ނުވުމުން، ސެލްގެ އެތެރޭގައި ހާސްކަން ބޮޑުވެ، އެންމެ ފަހުން އެ ސެލްތައް މަރުވާން ފަށައެވެ.
ސައެންސްވެރިން ބުނާ ގޮތުގައި ތުއްތު ކުދިންނަށް ހަކުރު ބަލި ޖައްސާ ޑީއެންއޭގެ ބަދަލުތައް ދެނެގަނެވުމުން، މި މައްސަލައަށް ހައްލެއް ހޯދުމުގެ ދޮރު މިހާރު ވަނީ ހުޅުވިފައެވެ. އެކަމުގެ އެއް ހައްލަކީ، ސްޓެމް ސެލް ބޭނުންކޮށްގެން، އިންސުލިން އުފައްދާ ސެލް އުފެއްދުމެވެ.
Comment