Advertisement

މި ދައުރުގެ ތެރޭގައި ރަޖިސްޓްރީ ހަދާފައި ގޯތި ހަވާލުކުރާނަން: މުއްތަލިބު

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: މި ދައުރުގެ ތެރޭގައި ރަޖިސްޓްރީ ހަދައި ގޯތިތައް ހަވާލުކުރާނެކަމުގެ ޔަގީންކަން މުއްތަލިބު ދެއްވާ -- ފޮޓޯ: ރައީސް އޮފީސް


މި ދައުރުގެ ތެރޭގައި ރަޖިސްޓްރީ ހަދާފައި ގޯތި ހަވާލުކުރާނަން: މުއްތަލިބު

މި ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މި ދައުރުގެ ތެރޭގައި 15،000 ގޯތީގެ އިންވަކިކޮށް، ރަޖިސްޓްރީ ވެސް ހަވާލުކޮށް ނިންމާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއްތަލިބު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މި ދައުރުގެ ތެރޭގައި ގޯތިތަކުގެ ރަޖިސްޓްރީ ވެސް ހަވާލުކޮށް ނިންމާނެ ކަމަށެވެ.

"އަޅުގަނޑު މިދެންނެވީ އެއްވެސް ޕްރޮޖެކްޓެއް ނުފަށާ ޕްރޮޖެކްޓެއް މީގެތެރޭގައި ނުހިމެނޭނެ. ތިބޭފުޅުންނަށް އެނގޭނެ ރަސްމާލެ މިހާރު ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ. އަޅުގަނޑު މިދެންނެވީ މި ދައުރު ތެރޭގައި އަޅުގަނޑުމެން ހަމައެކަނި ރަޖިސްޓްރީ ހަދާފައި ގޯތިވެސް ހަވާލުކޮށްދޭނަމޭ،" މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ ކުރިމަތިލާން މިހާރު ހުޅުވާލާފައިވާ 7،900 ފްލެޓަކީ އެޅޭނެކަން މިހާރު ޔަގީންވެފައިވާ އަދަދު ކަމަށާއި އެއަށްވުރެ ގިނައިން ވެސް ފްލެޓްތައް އެޅޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

މިގޮތުން ބެންކް އޮފް މޯލްޑިވްސް އިން އިމާރާތްކުރާ ފްލެޓްތައް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށާއި އިންޑިއާ ސަރުކާރުން އަޅަން ޔަގީންކަން ދީފައިވާ 4،000 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އޭގެއިތުރުން ސައުދީ ފަަންޑާއި އެހެނިހެން ތަންތަނުން ވެސް ފްލެޓްތައް އަޅަން ޔަގީންކަން ލިބިފައިވާކަން މުއްތަލިބު ފާހަގަކުރެއްވި އެވެ.

މުއްތަލިބު ވިދާޅުވީ ސަރުކާރަކުން ބޯހިޔާވެހިކަމުގެ މަޝްރޫއެއް ފަށައިގެން އެ ބޯހިޔާވެހިކަމުގެ މަޝްރޫއެއް ދައުރުގެ ތެރޭގައި ނިންމާ ހަމައެކަނި ސަރުކާރަށް މި ސަރުކާރު ވެގެންދާނެ ކަމަށެވެ.

ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވެހިކަން" ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ބިމާއި ފްލެޓަށް އެދި ހުށަހެޅުމަށް މިއަދު ވަނީ ހުޅުވާލާފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ބިމަށް އެޕްލައިކުރުމުގެ މުއްދަތު މާޗު 4، ގެ 23:59 އަށް ހަމަވާއިރު، ފްލެޓަށް އެޕްލައިކުރުމުގެ މުއްދަތު ހަމަވާނީ އެޕްރީލް 17، ގެ 23:59 ގެ ނިޔަލަށް ކަމަށެވެ.

އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ޖުމްލަ 15،000 ބިން އަދި 7،900 ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރެއިން ބިންތައް ރަސްމާލެއިން ދިނުމަށް ހަމަޖެހިފައިވާއިރު، ފްލެޓްތައް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެނެވެ.