about 2 hours 0
ލީވާން އަލީ ނާސިރު
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެ ޕާޓީން ބޭއްވި ކައުންސިލް ޕްރައިމަރީގެ ވަގުތީ ނަތީޖާ ވަނީ އިއުލާންކޮށްފައި -- ފޮޓޯ: އަދަދު
about 2 hours 0
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި އެވެ.
ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރު ޕްރައިމަރީ ކާމިޔާބުކުރެއްވީ 1،411 ވޯޓާއެކު އާދަމް އާޒިމް އެވެ. އޭނާއާ ވާދަކުރެއްވި އަލީ އާޒިމަށް ލިބުނީ 962 ވޯޓެވެ. މާލެ ސިޓީގެ ޑަބްލިއުޑީސީ ރައީސަކަށް 1،305 ވޯޓާއެކު އާއިޝަތު ރީޝާ ހޮވުނުއިރު، އޭނާއާ ވާދަކުރި ރީސާ އަހްމަދަށް ލިބުނީ 919 ވޯޓެވެ.
ތިނަދޫ ސިޓީގެ މޭޔަރު ޕްރައިމަރީ އަހްމަދު ނަސީރާ ބަލިކޮށް ކާމިޔާބުކުރެއްވީ ސައުދު އަލީ އެވެ. އެ ސިޓީގެ ޑަބްލިއުޑީސީ ރައީސްގެ ޕްރައިމަރީ އާދިލާ މުހައްމަދާ ބަލިކޮށް ކާމިޔާބުކުރެއްވީ މަރްޔަމް ޝަރޫނާ އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ މިފަހަރުގެ ޕްރައިމަރީއަކީ މިހާތަނަށް ބޭއްވުނު އެންމެ ސުލްހަވެރި އަދި އެންމެ އެއްބައިވަންތަކޮށްދިޔަ ޕްރައިމަރީއަށްވާތީ، އެކަމަށްޓަކާ އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
"އިންތިހާބުގެ ކަންތައްތައް ވަރަށް އޮމާންކަމާ އަމާންކަމާ އެއްކޮށް ނިމިދިޔައީ. އަނެއްހެން އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއެއްގައި މިހާތަނަށް ބޭއްވުނު އެންމެ ސުލްހަވެރި އެންމެ އެކުވެރި އެއްބައިވަންތަކަމާއެއްކޮށް ދިޔަ އިންތިހާބު، މި އިންތިހާބަކީ. އެކަމަށްޓަކާ އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު އެމްޑީޕީއަށް ނިސްބަތްވާ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
ވޯޓުލުން ކުރިއަށް ގެންދިޔަގޮތާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ކެންޑިޑޭޓެއްގެ ފަރާތުން ޝަކުވާއެއް ހުށަހެޅިފައި ނުވާކަން ޣަފޫރު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ޣަފުރު ވިދާޅުވީ ޕްރައިމަރީގައި ބ. ފެހެންދޫގެ ކައުންސިލް ވޯޓު އެއްވަރުވެފައިވާތީ، އެ ރަށުގެ ޕްރައިމަރީ މި ހަފްތާ ތެރޭގައި އަލުން ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޕްރައިމަރީގައި 123 ކެންޑިޑޭޓުން އެކި ދާއިރާތަކަށް ވާދަކުރިއިރު، ޖުމްލަ 65 ވޯޓު ފޮށި ބެހެއްޓި އެވެ. އޭގެ ތެރެއިން 31 ވޯޓު ފޮށި މާލޭގައި ބެހެއްޓިއިރު، 34 ވޯޓު ފޮށި ބެހެއްޓީ އަތޮޅު ތެރޭގެ ރަށްރަށުގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment