އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމިޝަނުން ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުޅުވާލީ ފެބްރުއަރީ 1، ގެ ނިޔަލަށް -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އަންނަ އެޕްރީލް 4، ގައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.
އީސީން ބުނީ ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވާލީ މިއަދުން ފެށިގެން ފެބްރުއަރީ 1، ވާ އާދީއްތަ ދުވަހުގެ 15:30 ގެ ނިޔަލަށެވެ.
މިގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 15:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ފެށިގެން އިރުއޮއްސި 18:00 އަށް ފޯމު ހުށަހެޅެ އެވެ.
އެހެން އަހަރުތަކާ މި އަހަރު އިންތިހާބަށް ކުރިމަތިލާ މީހުން ހުރިހާ ލިޔެކިޔުންތަކާއި، އިދާރީ ފީ ދައްކަން މިފަހަރު ޖެހެނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ. ހުށަހެޅުންތަކާމެދު ނިންމި ގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަނުން އަންގާނީ ވެސް ޕޯޓަލް މެދުވެރިކޮށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި ސިޓީ ކައުންސިލްގެ މެންބަރުންނާއި ސިޓީ ކައުންސިލްގެ އަންހެން މެންބަރުން ހޮވާނެ އެވެ.
ރަށު ކައުންސިލްތަކުގެ ރައީސުންނާއި ރަށު ކައުންސިލްތަކުގެ މެންބަރުންގެ އިތުރުން ރަށު ކައުންސިލްތަކުގެ އަންހެން މެންބަރުވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހޮވާނެ އެވެ.
ޑަބްލިއުޑީސީގެ އިންތިހާބުގައި ރަށްރަށުގެ ޑަބްލިއުޑީސީގެ ރައީސުންނާއި ކޮމިޓީގެ މެންބަރުން ހޮވާނެ އެވެ. ސިޓީތަކުގައި ވެސް ޑަބްލިއުޑީސީގެ ރައީސުންނާއި ކޮމިޓީ މެންބަރުން އިންތިހާބުކުރާނެ އެވެ.
އިންތިހާބާ ދިމާކޮށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި އިދިކޮޅު އެމްޑީޕީން ވެސް ވަނީ ޕްރައިމަރީތައް ބާއްވާ ނިންމާ، ޓިކެޓުތައް ލިބޭ ކެންޑިޑޭޓުން ކަނޑައަޅާފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބުގެ ވޯޓުލުން އެޕްރީލް 4، ގައި ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އަށެވެ. ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހު އެވެ.
އިންތިހާބުގެ ރަސްމީ ނަތީޖާ އީސީން އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް 11، ވާ ހޮނިހިރު ދުވަހެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment