Advertisement

އެކްސަސައިޒް ދޯސްތީއަށް އިންޑިއާ އަދި ލަންކާގެ މަނަވަރުތަކެއް ރާއްޖެ އައިސްފި

އެކްސަސައިޒް ދޯސްތީގައި ބައިވެރިވުމަށް އައި މަނަވަރެއް --- ފޮޓޯ: އެމްއެންޑީއެފް


އެކްސަސައިޒް ދޯސްތީއަށް އިންޑިއާ އަދި ލަންކާގެ މަނަވަރުތަކެއް ރާއްޖެ އައިސްފި

ދިވެހި ސިފައިންނާއެކު ހިންގާ އަސްކަރީ ތަމްރީނަކަށް އަވައްޓެރި ސްރީ ލަންކާ އަދި އިންޑިއާގެ މަނަވަރުތަކެއް ރާއްޖެ އައިސް މާލެ ސަރަހައްދުގައި ބަނދަރުކޮށްފި އެވެ.

އެމްއެންޑީއެފް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާ އަދި ލަންކާގެ މަނަވަރުތައް އައީ ކޮންމެ ދެ އަހަރަކުން އެއް އަހަރަކު ތިން ގައުމުގެ އަސްކަރިއްޔާ ގުޅިގެން ބާއްވާ އެކްސަސައިޒް ދޯސްތީގައި ބައިވެރިވާން ކަމަށެވެ.

މި އަހަރުގެ ތަމްރީނުގައި ބައިވެރިވާން އިންޑިއާއިން ދެ މަނަވަރެއް އައެވެ. އެއީ އައިސީޖީއެސް އަތުލްޔާ އަދި އައިސީޖީއެސް ވަޖްރާ އެވެ. މީގެ އިތުރުން އިންޑިއާ ކޯސްޓުގާޑުގެ ޑޯނިއާ މަތިންދާބޯޓެއް ވެސް މި ތަމްރީނުގައި ބައިވެރިވުމަށް އައިސްފައިވެ އެވެ.

ލަންކާ އަސްކަރިއްޔާގެ ފަރާތުން ތަމްރީނުގައި ބައިވެރިވާން އައީ އެސްއެލްއެންއެސް ސުރަނިމިލާ އެވެ. މި ތަމްރީނުގައި ދިވެހި އަސްކަރިއްޔާ ތަމްސީލުކުރަނީ ކޮން އުޅަނދުތަކަކުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

މި ތަމްރީނު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ލަންކާ ކޯސްޓުގާޑުގެ ޑިރެކްޓާ ޖެނެރަލް ރޯހަން ޖޯސެފް ވަނީ މިއަދު ރާއްޖެ ވަޑައިގެންފަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ ދިވެހި ކޯސްޓުގާޑުގެ އިސްވެރިންނެވެ.

1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފަށާފައިވާ ދޯސްތީ އެކްސަސައިޒު މީގެ ކުރިން 16 ފަހަރަކު ބާއްވާފައިވެ އެވެ. މިއީ އެ ތަމްރީނު ބާއްވާ 17 ވަނަ ފަހަރެވެ. މި އެކްސަސައިޒްގައި ސްރީލަންކާ ބައިވެރިވެފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.