about 2 hours 0
އަހުމަދު އާއިދު
ގާނާގެ ދަނޑެއްގައި ހައްދާފައި ހުރި ކެނަބިސް ގަނޑެއް ---
about 2 hours 0
މާލޭގެ ގެއެއްގައި ކެނަބިސް ގަސްތަކެއް ހައްދައިގެން ގެންގުޅެ އަދި އެޕާޓްމަންޓެއްގައި މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ކުށް ސާބިތުވި މީހަކު 100 އަހަރަށް ޖަލަށް ލުމަށާއި 400،000ރ. އިން ޖޫރިމަނާ ކުރަން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ބެލި މި މައްސަލައަކީ 2023 ވަނަ އަހަރު މާލޭ ގެއެއްގެ ދޮރުމަތިން ކެނަބިސް ގަހެއް ފެނިގެން ފުލުހުން ހަރަކާތްތެރިވަނިކޮށް އެ ގަހާއި އަމިއްލައަށް ހަވާލުވި ނ. ކެނދިކުޅުދޫ ކެނދިކޮޅު އަވަށު ނިޝާން، އަހުމަދު ޔާސިހު މައްޗަށް ކުރި ދައުވާ އެކެވެ.
އެ ދުވަހު އެ ގަހަކީ އޭނާގެ ގަހެއް ކަމަށް ބުނުމަށްފަހު ޔާސިހު ވަނީ އޭނާ ދިރިއުޅޭ ގޭގައި އިތުރު ގަސްތައް ހުންނާނެ ކަމަށް ފުލުހުން ގާތު ބުންޏެވެ.
ފުލުހުން އޭނާއާއެކު ގޮސް އެ އެޕާޓްމަންޓު ބެލިއިރު އިތުރު ކެނަބިސް ތަކަކާއި 300 އެއްހާ ގްރާމުގެ މަސްތުވާތަކެތި ފެނުނެވެ. ފުލުހުން ވަނީ އެ އޮޕަރޭޝަނުގެ ތަފުސީލުތައް ކޯޓުގައި ހިއްސާކޮށްފަ އެވެ.
މި މައްސަލާގައި ޔާސިހުގެ މައްޗަށް ކުރި ހަތަރު ދައުވާއެއް ވަނީ ސާބިތުވެފަ އެވެ. އެއިން ކޮންމެ ދައުވާއަކީ 25 އަހަރުގެ ޖަލު ހުކުމަކާއި 100،000ރ. ގެ ޖޫރިމަނާއެއް އަންނަ ދައުވާތަކެކެވެ. ކޯޓުން އެ ހުރިހާ ދައުވާއެއް ސާބިތުވާ ކަމަށް ނިންމާ ހުކުމް ކުރީ 100 އަހަރަށް ޖަލަށް ލުމަށާއި 400،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.
ތަހުގީގާއި ޝަރީތުގެ ދުވަސްވަރު ޔާސިހު ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ޔާސިހު ޖަލުގައި ހޭދަކުރަން ޖެހޭނީ 98 އަހަރެވެ.
ޔާސިހު ހައްޔަރުކުރިއިރު އޭނާގެ އުމުރަކީ 29 އަހަރެވެ. މިހާރު އޭނާގެ އުމުރުން 31 އަހަރު ވާނެ އެވެ. އޭނާގެ ހުކުމްތައް ތަންފީޒުކޮށް ނިމޭއިރު އުމުރުން 121 އަހަރު ވާނެ އެވެ.
Comment