Advertisement

ޑްރަގް ހުރި ފޮއްޓަކާއެކު ރާއްޖެ އައީ ރައްޓެއްސަކު ދިން އޮފާއެއްގައި ކަމަށް ބުނެފި


ޑްރަގް ހުރި ފޮއްޓަކާއެކު ރާއްޖެ އައީ ރައްޓެއްސަކު ދިން އޮފާއެއްގައި ކަމަށް ބުނެފި

މަސްތުވާތަކެތި ހުރި ފޮއްޓަކާއެކު ރާއްޖެ އައީ ރައްޓެއްސަކު ދިން އޮފާއެއްގައި ކަމަށް އެ މައްސަލައިގައި ހައްޔަރުކުރި މެލޭޝިއާއަށް ނިސްބަތްވާ ރަންޖިނި ޖިވަނަންތަން, 38, ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ރާއްޖެއަށް ވައިގެ މަގުން ރަންޖިނި ޖިވަނަންތަން އެތެރެކުރަން އުޅުނެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފެހެއްޓީ ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކުގަ އެވެ.

މި މައްސަލައާ ގުޅިގެން މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކުރުމުން ރަންޖިނި ޖިވަނަންތަން ބުނީ މަސްތުވާތަކެތި ހުރި ފޮއްޓަކީ ރައްޓިއްސަކު ދިން ފޮއްޓެއް ކަމަށްވާއިރު، އޭނާ ރާއްޖެ އައީ ރައްޓިއްސަކު ދިން ތިން ދުވަހުގެ އޮފާއެއްގައި ކަމަށެވެ.

"މި ފޮއްޓަކީ [މަސްތުވާތަކެތި ހުރި ފޮށި] ރައްޓިއްސަކު ދިން ފޮއްޓެއް ކަމަށާއި، ރާއްޖެއައި ރައްޓެއްސަކު ދިން އޮފާއެއްގައި ތިން ދުވަހަށް އައީ ކަމަށާއި، އޭނާ ބުނެގެން ގެނައި ފޮއްޓެއްކަމަށާއި އެ ފޮއްޓާއި މާލެއިން މީހަކު ހަވާލުވާނެ ކަމަށް ބުނި،" އޭނާ ބުނި ކަމަށް ކޯޓު އަމުރުގައިވެ އެވެ.

މި އަހަރު މިހާތަނަށް ހިންގި ބޮޑު ޑްރަގް އޮޕަރޭޝަން


ޖެނުއަރީ 5، ގައި މާލެއިން ތިން ކިލޯއަށްވުރެ ގިނަ ޑްރަގާއެކު ދެ ދިވެހިން ހައްޔަރުކުރިއިރު، ޖެނުއަރީ 7، ގައި މާލެއިން ކިލޯއަކަށްވުރެ ގިނަ ޑްރަގާއެކު ފުލުހުން ދެ ދިވެހިން ހައްޔަރުކޮށްފައިވެ އެވެ. ކަނޑުމަގުން ރާއްޖެއަށް 36 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ފެބްރުއަރީ 15، ގައި ދެ މީހަކު ހައްޔަރުކުރި އެވެ. ފެބްރުއަރީ 22، ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ބިދޭސީއަކާއި ދިވެއްސަކު ހައްޔަރުކުރި އެވެ. މާޗު 8، ގައި ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ ދެ މީހުންނާއި ރާއްޖެއަށް ނިސްބަތްވާ މީހެކެވެ.

މައްސަލައާ ގުޅިގެން ރަންޖިނި ޖީވަނަންތަންގެ އިތުރުން ގދ. ވާދޫ، ފުރުސަތު، ލޫތު އިބްރާހިމް، 29، އަދި ގއ. ދާންދޫ، ސަންލައިޓްވިލާ، އަހްމަދު ރިޝްމާހް، 21، ވެސް ހައްޔަރުކުރި އެވެ. އެ ދެ މީހުން ހައްޔަރުކުރީ މާލޭގެ ހުރި ގެސްޓްހައުސްއަކަށް ޑްރަގް ހުރި ފޮއްޓާ ހަވާލުވާން ދިޔުމުންނެވެ.

އެ ދެ މީހުން އެ ސަރަހައްދުން ފިލަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވެ އެވެ. އޭގެއިތުރުން އެ ދެ މީހުން ކުޑަ ކަމުދާ ތަކެތި ދިނުމަށްވެސް އެ ދެ މީހުން ވަނީ ދެކޮޅު ހެދާފައިވެ އެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް އެ މުއައްސަސާއިން ބުންޏެވެ.