about 2 hours 0
ލީވާން އަލީ ނާސިރު
ހައުސިން މިނިސްޓަރު މުއްތަލިބު: ބިމާއި ފްލެޓަށް ކުރިމަތިލުން އާދީއްތަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައި -- ފޮޓޯ: ރައީސް އޮފީސް
about 2 hours 0
ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވެހިކަން" ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ބިމާއި ފްލެޓަށް އެދި ހުށަހެޅުން އާދީއްތަ ދުވަހަށް ފަސްކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ބިމާއި ފްލެޓަށް ކުރިމަތިލާން މިއަދު ހުޅުވާލާ ގޮތަށް އޮތް ނަމަވެސް، އަންނަ އާދީއްތައަށް ފަސްކުރީ ހަފްތާ ބަންދާ ދިމާކޮށް ކުރިމަތިލާން ހުޅުވާލުމުން ރައްޔިތުންނަށް ދޭންޖެހޭ މައުލޫމާތު ދިނުމުގައި ދަތިތަކެއް ދިމާވެދާނެތީ ކަމަށެވެ.
ބިމާއި ފްލެޓަށް އެދި މިނިސްޓްރީގެ ޕޯޓަލް ހުޅުވާލަން ހަމަޖެހިފައިވަނީ ޖެނުއަރީ 18، ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 ޖަހާއިރު ކަމަށް މިނިސްޓްރީން ބުންޏެވެ.
"މާލެ ސަރަހައްދުން ދޫކުރާ ބިމާއި ފްލެޓަށް އެދި ވަރަށް ގިނަ ފަރާތްތަކުން އެޕްލައިކުރާނެ ކަމަށް ލަފާކުރެވޭތީ އާއި ހަފްތާ ބަންދާ ދިމާކޮށް ހުޅުވުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ 18 ޖެނުއަރީ 2026 ވާ އާދީއްތަ ދުވަހު ހެނދުނު 09:00 ގައި ޕޯޓަލް އާންމުކޮށް ހުޅުވަން ނިންމާފައިވާކަން އާންމުކޮށް އަންގާ އިއުލާންކުރަން،" މިނިސްޓްރީން ބުންޏެވެ.
އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ޖުމްލަ 15،000 ބިން އަދި 7،900 ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރެއިން ބިންތައް ރަސްމާލެއިން ދިނުމަށް ހަމަޖެހިފައިވާއިރު، ފްލެޓްތައް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެނެވެ.
އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ބިން ދޫކުރަނީ މާލޭ ރަށްވެހިންގެ ކެޓެގަރީއަށާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށެވެ.
މިގޮތުން މާލޭގެ ރަށްވެހިންނަށް 10،000 ބިން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާއި ލާޖައްސައިގެން ބައްދަލުކުރާ ފަރާތްތަކަށް 1،500 ބިން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މާލޭ ސަރަހައްދުން ފްލެޓު ދެނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މާލޭ ރަށްވެހިންގެ ކެޓެގަރީ އާއި މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓެގަރީ އެވެ.
މާލޭ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޖުމްލަ 2،400 ފްލެޓް އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment