Advertisement

އިރާނަށް ދަތުރު ނުކުރުމަށާއި އެ ގައުމު ދޫކޮށް ދިޔުމަށް ގިނަ ގައުމުތަކުން ރައްޔިތުން ކައިރިން އެދެފި

އިރާނުގައި މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން ބަޔަކު މަގު ބަންދުކޮށް އެއްޗެހިތަކެއްގައި ރޯކުރަނީ ---- ފޮޓޯ: އޭއެފްޕީ


އިރާނަށް ދަތުރު ނުކުރުމަށާއި އެ ގައުމު ދޫކޮށް ދިޔުމަށް ގިނަ ގައުމުތަކުން ރައްޔިތުން ކައިރިން އެދެފި

އީރާނުގެ ސަރުކާރާ ދެކޮޅު މުޒާހަރާތައް ހުއްޓުވުމަށް ގެންގުޅޭ ހަރުކަށި ފިޔަވަޅުތަކަށް ރައްދުދިނުމުގެ ގޮތުން، އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާއި އެކު އިރާނަށް ދަތުރު ނުކުރުމަށާއި އެ ގައުމުގައި ތިބި މީހުން ގައުމު ދޫކޮށް ދިނުމަށް ގިނަ ގައުމުތަކަކުން ގޮވާލައިފި އެވެ.

މި ހަފުތާގެ ކުރީކޮޅު ޓްރަމްޕް ވިދާޅުވީ އިރާނުގެ މަސްރަހު މިހާރު އޮތް ގޮތުން އެ ބައްދަލުވުމުގެ ކުރިންވެސް "ވަރުގަދަ ފިޔަވަޅުތަކެއް" އަޅަން ޖެހިދާނެ ކަމަށާއި، އޭގެ ތެރޭގައި އަސްކަރީ ފިޔަވަޅު ހިމެނޭ ކަމަށެވެ. އެއަށްފަހު އެމެރިކާއިން ވަނީ އިރާނަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާ ކަމުގެ އިޝާރާތްތަކެއް ވެސް ކޮށްފަ އެވެ.

މިއާއެކު ގިނަ ގައުމުތަކުގެ ފޮރިން މިނިސްޓްރީ ތަކާއި އިރާނުގައި ހުންނަ އެ ގައުމު ތަކުގެ އެމްބަސީތަކުން ވަނީ އެ ގައުމު ދޫކޮށް ދިޔުމަށް ރައްޔިތުންނަށް ގޮވާލާފަ އެވެ. މިފަދަ ބަޔާންތައް ނެރުނު ގައުމުތަކުގެ ތެރޭގައި އިޓަލީ، ޖަރުމަނު، އިނގިރޭސިވިލާތް، ސްޕެއިން، އިންޑިއާ ހިމެނެ އެވެ.

ސްޕެއިން އާއި އިޓަލީ އިން ވަނީ އެ ގައުމުގެ އެއާލައިންތަކުން އިރާނަށް ކުރާ ދަތުރުތައް ހުއްޓާލުމަށް ވެސް ގޮވާލާފަ އެވެ. ރޭ ފަތިހު އިރާނުން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ. ނަމަވެސް، ހައެއްކަ ގަޑިއިރަށްފަހު މިހާރު އެ ގައުމުން ދަނީ މަޑުމަޑުން ވައިގެ ސަރަހައްދު ހުޅުވާލަމުންނެވެ.

މެދު އިރުމަތީގެ ގައުމުތަކުގައި ހުންނަ އެމެރިކާގެ އެމްބަސީތަކުންނާއި އެމެރިކާގެ ސަރުކާރުން ވެސް ވަނީ އިރާނާއި ގުޅިގެން ގިނަ އެންގުންތަކެއް އަންގާ ބަޔާންތަކެއް ނެރެފަ އެވެ. އެގޮތުން ގަތަރާއި މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި ތިބި ސިފައިން އެ ތަންތަން ދޫކޮށް ދިޔުމަށް އެމެރިކާ ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދެއިދު ބޭސް އިން އިއްޔެ އެކަނި ވެސް ގިނަ އަދަދެއްގެ ސިފައިން އެހެން ސަރަހައްދުތަކަށް ގޮސްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

މުޒާހަރާތަކާ ގުޅިގެން އެމެރިކާއިން ވަނީ އިރާނަށް އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ބޮޑެތި އިންޒާރުތަކެއް ދީފައެވެ. އެގޮތުން އީރާނާއެކު ވިޔަފާރިކުރާ ކޮންމެ ގައުމަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 ޕަސެންޓު ޓެރިފް ނަގާނެ ކަމަށް ޓްރަމްޕް ވަނީ އިއުލާނުކުރައްވާފައެވެ.

އިރާނުގެ އޮފިޝަލުން މި ހަމަނުޖެހުންތަކުގެ އިލްޒާމް އަޅުވަނީ ބޭރުގެ ބާރުތަކުގެ ބޮލުގައެވެ. އީރާނުގެ ސަލާމަތީ މަޖިލީހުގެ ވެރިޔާ އަލީ ލަރީޖާނީ ވިދާޅުވީ، ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަކީ އިރާނުގެ ރައްޔިތުން މެރުމުގެ ފަހަތުގައި ތިބި އަސްލު ގާތިލުން ކަމަށެވެ. އީރާނުގެ އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި އެމެރިކާ އާއި އިސްރާއީލުން ދަނީ އިރާނުގެ ތެރޭގައި ހަމަލާދިނުމަށް އައިސިސްގެ ހަނގުރާމަވެރިން ބޭނުންކުރަމުންނެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި މި މުޒާހަރާތަކުގައި މިހާތަނަށް 2,400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާއެއް ދީފިނަމަ، އެ ގައުމު ލީބިޔާ ނުވަތަ ސޫރިޔާ ފަދައިން ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓި، ބޮޑު ހަމަނުޖެހުމެއް އުފެދިދާނެ އެވެ. މި ނުތަނަވަސްކަން ކުޑަކުރުމަށް ގަތަރާއި ފްރާންސުން ދަނީ ޑިޕްލޮމެޓިކް ފެންވަރުގައި މަސައްކަތް ކުރަމުންނެވެ.