Advertisement

ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް 315 ޝަކުވާ ހުށަހަޅައިފި

އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް: އެ ޕޯޓަލް މެދުވެރިކޮށް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅޭނެ -- ފޮޓޯ: އީސީ


ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް 315 ޝަކުވާ ހުށަހަޅައިފި

ކުރިއަށް އޮތް އޭޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް އިއްޔެ އިރުއޮއްސުމުގެ ނިޔަލަށް 315 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އީސީން ބުނީ އެ ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް ލިބިފައިވާ ޝަކުވާތަކަކީ އެޑްރެސް ބަދަލުކުރުމަށް، ރަށްވެހިކަން ބަދަލުވެފައިވާތީ އަދި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ އެ ނަން ރަޖިސްޓަރީއިން އުނިކުރުމަށް ލިބިފައިވާ ޝަކުވާތައް ކަމަށެވެ.

ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އީސީން ހުޅުވާލީ ޖެނުއަރީ 18، ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 ޖެހުމާ ހަމައަށެވެ.

އެ މުއްދަތުގައި އެންމެންވެސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ރަނގަޅަށް ބަލައި، ރަޖިސްޓްރީގައިވާ މައުލޫމާތުތައް ކަށަވަރުކުރުމަށްފަހު ޝަކުވާ ހުށަހަޅަން އީސީން އެދެ އެވެ.

މިގޮތުން ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.

މީގެއިތުރުން ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ.

ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އީސީގެ ވެބްސައިޓް ގެ އިތުރުން، (VR (space) ID number to 1414) އެސްއެމްއެސް ކޮށްގެން ޗެކްކުރެވެ އެވެ.

ކައުންސިލް އިންތިހާބާ ގުޅޭ އެއްވެސް މަޢުލޫމާތެއް ހޯދަން ބޭނުންވާނަމަ، އެ ކޮމިޝަނުގެ ކޯލް ސެންޓާ 1414 އަށް ގުޅުމަށް ވަނީ އެދިފަ އެވެ. ކޯލް ސެންޓަރުން ހިދުމަތް ލިބޭނީ ހުކުރު ދުވަސްފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 08:00 އަށެވެ.

ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 294،937 މީހުންނެވެ. އޭގެތެރެއިން 150،410 މީހުންނަކީ ފިރިހެނުން ކަމަށްވާއިރު، 144،527 މީހުންނަކީ އަންހެނުންނެވެ. އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެ އެވެ.