Advertisement

ގޭސް ޝިޕްމެންޓަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް

މާވަށު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝާކިރު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ގޭސް ޝިޕްމެންޓަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް

ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ހަރަކާތްތެރިވާ ސަރުކާރުގެ ކުންފުނި މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓެއްގެ އެޑްވާންސަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި މާވަށު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝާކިރު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ޝާކިރު ފޮނުއްވި ސިޓީގައި ބުނީ މޯލްޑިވްސް ގޭސްގެ ގޭސް ޝިޕްމެންޓެއްގެ އެޑްވާންސަށް ދެއްކި 246،645 ޑޮލަރު ގެއްލިފައިވާ މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ކުރެވޭ ސީރިއަސް ތުހުމަތެއް ކަމަށެވެ.

"މޯލްޑިވްސް ގޭސް އިން އޮކްޓޫބަރު 2024 ގައި އޯޑަރު ކޮށްފައިވާ 800،000 ޑޮލަރުގެ ގޭސް ޝިޕްމެންޓުގެ އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 246،645 ޑޮލަރާއި ގުޅޭ މައްސަލައަކީ ސަރުކާރުގެ ކުންފުންޏެއްގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއް ކަމުން، އެކަމުގެ މައުލޫމާތު ހޯދުމުގެ އިތުރުން އޭގެ ފުރިހަމަ ތަހުގީގެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ މެދުވެރިކޮށް ހިންގައިދެއްވުން އެދެމެވެ،" ޝާކިރު ފޮނުއްވި ސިޓީގައި ބުންޏެވެ.

އޭގެއިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު، ހުސެއިން ޒިޔާދު އާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދުއަށް ބިރުދެއްކުން ދޭހަވާ މޭރުމަކުން މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު، އަބްދުالله މުހައްމަދު ސޯޝަލްމީޑިއާގައި ޕޯސްޓެއް ކުރެއްވި މައްސަލަ ވެސް ބަލައިދިނުމަށް އެ ޝާކިރުގެ ސިޓީގައި އެދިފައިވެ އެވެ.

ގޭސް ޝިޕްމެންޓެއްގެ އެޑްވާންސަށް ދެއްކި ފައިސާ ގެއްލުނުކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެވެ.

އެއީ 2024 ވަނަ އަހަރު ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ކަމަށް ނާޒިމް ކޮމިޓީގައި ހާމަކުރެއްވި އެވެ. ގެއްލުނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބައޮތް މޯލްޑިވް ގޭސްއިން އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާ ވެސް ވެއްޖެ ގެއްލިފައި މިހާރު. ދެން އެ ފައިސާ ހޯދުމުގެ ކަންތަކުގައި ވެސް އެއްވެސް ކާމިޔާބެއް ނުލިބި މިހާރު މި ދިޔައީ،" އޭނާ ވިދާޅުވި އެވެ.

އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޑްވާންސަށް ދެއްކީ 250،000 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 3.85 މިލިއަން ރުފިޔާ އެވެ.

ގޭސް ޝިޕެމެންޓަކަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ އެސްޓީއޯއިން ވެސް ތަހުގީގު ކުރި އެވެ. އެހެންނަމަވެސް، އެ ތަހުގީގުގެ އެއްވެސް އަޕްޑޭޓެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ. އަދި، އެކަމާ ގުޅިގެން ގޭސް އެމްޑީ، އަބްދުالله އަށް އެއްވެސް ފިޔަވަޅެއް ވެސް އަޅައިފައެއް ނުވެ އެވެ.