Advertisement

ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ މައުލޫމާތު ހާމަކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި

ރައީސް މުހައްމަދު މުއިއްޒު އާއި ފިނޭންސް މިނިސްޓަރު މޫސަ ޒަމީރު. -- ފޮޓޯ: އަދަދު ނޫސް


ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ މައުލޫމާތު ހާމަކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި

ދައުލަތުގެ ބޮޑެތި މަޝްރޫއުތައް ބިޑް ކުރުމެއް ނެތި ނުވަތަ 'ސިންގަލް ސޯސް' އުސޫލުން ވަކި ބަޔަކާ ހަވާލުކުރުމުގައި އަމަލުކުރާ ގޮތްތަކާއި އެކަމާ ގުޅޭ ލިޔެކިޔުންތައް ހާމަކުރުމަށް ރައީސް އޮފީހުން އިންކާރުކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީހަށް ހުށަހެޅި މި ހުށަހެޅުމުގައި، ސަރުކާރުން މަޝްރޫއުތައް ހަވާލުކުރުމުގައި ގެންގުޅޭ ދެފުށް ފެންނަ މިންވަރު ދެނެގަތުމަށްޓަކައި މުހިންމު މައުލޫމާތުތަކެއްގެ ތަފުސީލަށް އަދަދު ނޫހުގެ ނޫސްވެރިން ވަނީ އެދިފައެވެ.

ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރައީސް އޮފީހުން އަމަލުކޮށް މައުލޫމާތު ފޯރުކޮށްނުދިނެވެ.

ހާމަކުރުމަށް އިންކާރުކުރި މައުލޫމާތުތަކުގެ ތަފްސީލު

  • ސިންގަލް ސޯސް ޕްރޮކިއުޓަމަންޓުގެ އުސޫލުން މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމާއި އެފަދަ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު
  • ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަށް ކަނޑައަޅައިދިނުމަށް އެދި އިކޮނޮމިކް ކައުންސިލަށް، މިނިސްޓްރީތަކުން ހުށަހެޅި ހުށަހެޅުމާއި ރިޕޯޓު
  • ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.20 ވަނަ މާއްދާގެ ށ. ގެ 1. ގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހަޅުމުގައި ފުރިހަމަވާންޖެހޭ ކަންކަމާ ގުޅޭ ރިޕޯޓު
  • ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަށް ވަކި ފަރާތެއް ހޮވުމަށް ފަހު އިކޮނޮމިކް ކައުންސިލުގެ ހުއްދަ އަށް އެދި ހުށަހެޅުން
  • ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.20 ވަނަ މާއްދާގެ ބ. ގެ 3 ވަނަ ނަންބަރުގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން މަޝްރޫއުއެއް ކުރިއަށް ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ ކަންކަމާ ގުޅޭ ރިޕޯޓު

މި މައުލޫމާތުތައް ހޯދުމަށް އެދިފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުނިކުރަންޖެހޭ ޒާތީ ނުވަތަ ވިޔަފާރީގެ ސިއްރުތައް އުނިކުރުމަށްފަހު ނަމަވެސް، ރައީސް އޮފީހުން ވަނީ އެއްވެސް މައުލޫމާތެއް ހިއްސާކުރަން އުޒުރުވެރިވެފަ އެވެ.

ސިންގަލް ސޯސް ޕްރޮކިއުމަންޓަކީ ވާދަވެރި ބިޑަކަށް ނުގޮސް ސީދާ ވަކި ބަޔަކަށް މަޝްރޫއު ދިނުން ކަމަށްވާއިރު، މިއީ ކޮރަޕްޝަނުގެ ނުރައްކާ އޮތް ކަމެކެވެ.

ރައީސް މުއިއްޒުގެ ވައުދުތައް ފުއްދަން 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ވެސް ބަހާލީ ބީލަމަކަށް ނުލައި، ސަރުކާރުން ބޭނުންވި ބަޔަކަށެވެ. އޭގެ ތެރޭގައި ތަޖުރިބާއެއް ނެތް ކުންފުނިތަކާއި އުވައިލަން ނިންމާފައިވާ ކުންފުނިތައް ވެސް ހިމެނެ އެވެ.

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުއިއްޒު ކުރިއަށް ގެންދާ މި މަޝްރޫއުތަކަށް ފަންޑުކުރަނީ ބީއެމްއެލްއިންނެވެ.

ގާނޫނުގެ ދަށުން މައުލޫމާތު ނުދީ ސަރުކާރުން ހިފަހައްޓާއިރު، މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ސަރުކާރުގައި ފޮރުވާނެ އެއްޗެއް ނެތް ކަމާއި އެދޭ މައުލޫމާތު ދޭނެ ކަމަށެވެ. ނަމަވެސް މިވެރިކަން ފެށުނު ފަހުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ސަރުކާރުން ދަނީ ހުރަސް އަޅަމުންނެވެ.