Advertisement

އިންޑިއާގައި ޓީ20 ވޯލްޑް ކަޕް ކުޅެން ގިނަ ޓީމުތަކަށް ދަތިތަކެއް

about 2 hours 0


އިންޑިއާގައި ޓީ20 ވޯލްޑް ކަޕް ކުޅެން ގިނަ ޓީމުތަކަށް ދަތިތަކެއް

about 2 hours 0

ނިއު ދިއްލީ (ޖެނުއަރީ 14) - އަންނަ މަހު ފަށާ ޓީ20 ވޯލްޑް ކަޕްގެ މެޗުތައް އިންޑިއާ އަށް ކުޅެން ދިއުމަށް ގިނަ ޓީމުތަކަކަށް ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މާޗް އަށް ވަނަ ދުވަހުގެ ނިޔަލަށް ޓީ20 ކްރިކެޓް ވޯލްޑް ކަޕް ހޯސްޓްކުރަނީ އިންޑިއާ އާއި ލަންކާގަ އެވެ. އިންޑިއާއާ އެކު އޮތް މައްސަލަތަކުގެ ސަބަބުން، ޓީ20 ވޯލްޑް ކަޕްގައި ޕާކިސްތާންގެ މެޗުތައް ކުޅެނީ ލަންކާގަ އެވެ. އަދި، މުބާރާތުގެ ފައިނަލަށް ޕާކިސްތާން ގޮސްފިނަމަ އެ މެޗު ވެސް ކުޅެން ޖެހޭނީ ލަންކާގަ އެވެ. ޕާކިސްތާނެކޭ އެއްގޮތަށް ބަންގްލަދޭޝް އިން ވެސް އެ ގައުމުގެ މެޗުތައް ލަންކާގައި ކުޅޭ ގޮތަށް ހަދައިދޭން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އަށް ހުށަހެޅި ނަމަވެސް އެ ޕްރޮޕޯސަލް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

އެކަމަކު، ބަންގްލަދޭޝްގެ ކްރިކެޓް ބޯޑުން އަންނަނީ އެ ގައުމުގެ މެޗުތައް ލަންކާ އަށް ބަދަލުކުރަން އަދިވެސް މަސައްކަތް ކުރަމުންނެވެ.

ބަންގްލަދޭޝްގެ އިތުރުން، އެހެން ޓީމުތަކުން ވެސް މި ވަގުތު އަންނަނީ އިންޑިއާގެ ޝަކުވާތައް އައިސީސީ އަށް ހުށަހަޅަމުންނެވެ. އެ ގޮތުން، ކްރިކެޓް ވޯލްޑް ކަޕްގައި ކުޅޭ އެމެރިކާ ޓީމުގައި ހިމެނޭ، ޕާކިސްތާނަށް އުފަން ހަތަރު ކުޅުންތެރިއަކަށް އިންޑިއާ އިން ވިސާ ނުދޭން އުޅޭ މައްސަލަ ފެންމަތިވެފައިވާއިރު، އިތުރު ހަ ގައުމެއްގައި، ޕާކިސްތާނަށް އުފަން 15 އަށް ވުރެން ގިނަ ކުޅުންތެރިން އެބަތިބި އެވެ. އަދި، އެ ކުޅުންތެރިންނަށް ވެސް ވިސާ ލިބުމުގެ ދަތިތަކެއް ހުރި ކަމުގެ ޝަކުވާ އަންނަނީ މީޑިއާގައި ދައުރުވަމުންނެވެ.