Advertisement

މުއިއްޒަށް ތަރައްގީ ނުކުރެވުނު ޕާކު އާޒިމް ހަދައި ހުޅުވައިފި

ގަލޮޅު އަލިކިލެގެފާނު މަގުގައި ހެދި ސިޓީ ޕާކު. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް


މުއިއްޒަށް ތަރައްގީ ނުކުރެވުނު ޕާކު އާޒިމް ހަދައި ހުޅުވައިފި

ގިނަ އަހަރުތަކެއް ވަންދެން ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައި އޮތް ގަލޮޅު "ސިޓީ ޕާކު" ޒަމާނީ ފެންވަރަށް ތަރައްގީކޮށް އިއްޔެ ހުޅުވައިފި އެވެ.

މި ޕާކު ތަރައްގީކުރުމަށްޓަކައި އެންމެ ފުރަތަމަ އެތަން ބަންދުކުރީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުއެވެ. އެމަނިކުފާނު އޮކްޓޯބަރު 14، 2022 ގައި ޕާކުގެ ކުރެހުންތައް އިއުލާނުކުރައްވައި، ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ބައްދަލުވުމެއްވެސް ބޭއްވެވި އެވެ.

އޭރު ރައީސް މުއިއްޒު ވިދާޅުވީ ޕާކު ތަރައްގީކުރަން ބަޖެޓު ނެތް ނަމަވެސް، އަމިއްލަ ހަރަދުގައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަކީ ކައުންސިލްގެ ވިސްނުން ކަމަށެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރުވެސް، ޕާކު ބަންދުކުރުން ފިޔަވައި އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައެއް ނުވެއެވެ.

އާދަމް އާޒިމް މޭޔަރުކަމަށް އިންތިހާބުވުމަށްފަހު، އެއީ ގަލޮޅުގައި އޮތް ހަމައެކަނި ހުސްބިން ކަމަށްވާތީ، އެންމެ ފުރަތަމަ އެތަން އާންމުންނަށް ހުޅުވާލިއެވެ.

އެއަށް ފަހު ޕާކު ތަރައްގީކޮށް ހުޅުއްވައިދެއްވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ، 2024 ވަނަ އަހަރު އަލުން ޑިޒައިންކޮށް، ރޭވި ގޮތަށް މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަލުން ތަރައްގީކުރި ސިޓީ ޕާކު ފަރުމާކޮށްފައިވަނީ އެކި އުމުރުފުރާގެ މީހުންނަށް ބޭނުންކުރެވޭނެ ގިނަ ވަސީލަތްތަކަކާއެކުގައެވެ. އޭގެ ތެރޭގައި ހިމެނެނީ ބެޑްމިންޓަން ކޯޓަކާއި ތްރީ-އޮން-ތްރީ ބާސްކެޓްބޯޅަ ކޯޓަކާއި އެކި އުމުރުފުރާގެ މީހުންނަށް ކަސްރަތު ކުރެވޭނެ ހާއްސަ ސަރަހައްދަކާއި ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި، ހިތްހަމަޖައްސާލަން މަޑުކޮށްލާނެ ޖާގަ އަދި އެކި ކަހަލަ އިވެންޓްތައް ބޭއްވޭނެ ހުސް ޖާގައެއް ހިމެނެ އެވެ.

"އަޅުގަނޑުގެ މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ، ޖާގަ ލިބެން އޮތް އެންމެ މަތީ މިންވަރަކަށް، މި ފަދަ ހިތް ފަސޭހަ މައިޒާންތައް މާލެ ސިޓީގައި ގާއިމްކޮށް، ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދިނުން. މި ޕާކު ބޭނުންކުރައްވާ ހުރިހައި ފަރާތްތަކުން ޕާކު ރީތިކޮށް ބޭއްވުމަށް މަސައްކަތްކޮށް ދެއްވުމަށް، އަޅުގަނޑު ވަރަށް އިހުލާސްތެރިކަމައެކު އިލްތިމާސް ކުރަން،" އާޒިމް ވިދާޅުވި އެވެ.

މި ޕާކުގެ ހާޑްސްކޭޕިންގ މަސައްކަތް ހަވާލުކުރީ 1.8 މިލިއަން ރުފިޔާ އަށް އިމަން ކޮންސްޓްރަކްޝަނާއެވެ.