Advertisement

ޓްރީ ޓޮޕުން އިސްތަށި ފަޅުވަދޭ އަދި ބިހި ފިލުވަދޭ ފަރުވާއެއް ތައާރަފްކޮށްފި


ޓްރީ ޓޮޕުން އިސްތަށި ފަޅުވަދޭ އަދި ބިހި ފިލުވަދޭ ފަރުވާއެއް ތައާރަފްކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑާމައެސްތެޓިކް ހިދުމަތްތަކުގެ ތެރެއިން، އިސްތަށި ފަޅުވަދިނުމަށް އެހީތެރިވެދޭ އަދި ބިހި ފިލުވުމަށް އެހީތެރިވެދޭ ފަރުވާއެއް ކަމަށްވާ ޕްލޭޓްލެޓް-ރިޗް ޕްލާޒްމާ (ޕީއާރުޕީ) ތެރަޕީގެ ހިދުމަތް ތައާރަފުކޮށްފި އެވެ.

ޓްރީ ޓޮޕްގެ ޑާމައެސްތެޓިކް ހިދުމަތްތަކުގެ ތެރެއިން ދޭ މި ފަރުވާގައި ލޭގައި ހުންނަ ޕްލޭޓްލެޓްތައް ވަކިކޮށް، ކޮންސެންޓްރޭޓް ކުރުމުން އަދަދު އިތުރުވެ އެވެ.

މިގޮތަށް ވަކިކުރެވޭ ޕްލޭޓްލެޓްތަކަކީ މީހާ އާލާވުމަށް އެހީތެރިވެދޭ މާއްދާތަކުން މުއްސަނދިވެފައިވާ ބައެކެވެ. އެ މާއްދާތަކުން ސެލްތައް މަރާމާތުވެ، ކޮލަޖެން އުފެއްދުމާއި ޓިޝޫތައް އަލުން އުފެދުމަށް މަގުފަހިވެ އެވެ.

މި ޒަމާނީ ހިދުމަތުގެ ތެރޭގައި ހިމެނޭ އިސްތަށި ފެޅުމަށް ދެވޭ ޕީއާރްޕީ ހިދުމަތުން އިސްތަށި ފަޅާ ވަޅުތަކަށް ބާރުދީ، އިސްތަށި ފެޅުމަށް އެހީތެރިވެދެ އެވެ.

މީގެއިތުރުން ބިހި ނެގުމުގެ ސަބަބުން އުފެދޭ ލަކުނު ފިލުވުމަށް ދެވޭ ޕީއާރްޕީ ހިދުމަތުން ހަށިގަނޑުގައި ބިހި ނެގުމުގެ ސަބަބުން އުފެދޭ ލަކުނުތައް ފިލުވައިދީ، ސިއްހަތު ރަނގަޅު ހަންގަނޑެއް ލިބުމަށް މަގުފަހިވެ އެވެ.

ޑާމައެސްތެޓިކް ހިދުމަތްތަކަށް ޕީއާރުޕީ ތައާރަފުކުރުމުގެ ކުރިންވެސް، ޓްރީ ޓޮޕުން ހުޅުހުޅުގެ ބަލިތަކަށް ޕީއާރުޕީ އިންޖެކްޝަންގެ ފަރުވާ ދެ އެވެ. އެއީ ހުޅުހުޅުގެ ބަލިތައް ގުދުރަތީ ގޮތުން ފަސޭހަވުން އަވަސްކޮށްދީ، ދުޅަވުން ކުޑަކޮށްދީ، ހުޅުހުޅުގެ މަސައްކަތް ހަރުދަނާކުރުމަށް ދެވޭ ފަރުވާއެކެވެ.

އޭގެ ތެރޭގައި އޮސްޓިއޯއާތުރައިޓިސް، ޓެންޑޮނައިޓިސް އަދި ލިގަމެންޓަށް ލިބޭ އަނިޔާތައް ހިމެނެ އެވެ. އެ ހިދުމަތް ތައާރަފުކުރުމަކީ ބަލިމީހުންނަށް އިސްކަންދީގެން، އައު އަދި ޒަމާނީ ފަރުވާތައް ފޯރުކޮށްދިނުމަށް ޓްރީ ޓޮޕުން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ފަރުވާތަކުގެ ހިދުމަތްތަކާއި އެކު ރާއްޖޭގައި ސިއްހީ ފަރުވާ ދިނުމަށް އިސް ދައުރެއް އަދާކުރާ ޓްރީ ޓޮޕްގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ހިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.