Advertisement

"އެމެރިކާއިން އިރާނުގެ ބާރު "ޓެސްޓް" ކުރަން އުޅޭނަމަ އޮތީ ހަނގުރާމައަށް ތައްޔާރަށް"

about 2 hours 0

އިރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ


"އެމެރިކާއިން އިރާނުގެ ބާރު "ޓެސްޓް" ކުރަން އުޅޭނަމަ އޮތީ ހަނގުރާމައަށް ތައްޔާރަށް"

about 2 hours 0

އީރާނުގެ ސަރުކާރާ ދެކޮޅު މުޒާހަރާތައް ހުއްޓުވުމަށް ގެންގުޅޭ ހަރުކަށި ފިޔަވަޅުތަކަށް ރައްދުދިނުމުގެ ގޮތުން، އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާ ގުޅިގެން، އިރާނުގެ ބާރު "ޓެސްޓް" ކުރަން ބޭނުންވާނަމަ އެގައުމު އޮތީ ހަނގުރާމައަށް ތައްޔާރަށް ކަމަށް ވިދާޅުވެ، އިރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އެމެރިކާއަށް އިންޒާރު ދެއްވައިފިއެވެ.

އަލްޖަޒީރާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވީ، އެމެރިކާއިން އިރާނުގެ އަސްކަރީ ގާބިލުކަން ޓެސްޓް ކުރަން ބޭނުންވާނަމަ އެ ފުރުސަތު އެބައޮތް ކަމަށާއި، މިދިޔަ އަހަރު ކުރި 12 ދުވަހުގެ ހަނގުރާމައާ އަޅާބަލާއިރު އިރާނުގެ އަސްކަރީ ތައްޔާރީތައް މިހާރު މާ ވަރުގަދަވާނެ ކަމަށެވެ.

ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް، އިރާނުގެ މަސްރަހު މިހާރު އޮތް ގޮތުން އެ ބައްދަލުވުމުގެ ކުރިންވެސް "ވަރުގަދަ ފިޔަވަޅުތަކެއް" އަޅަން ޖެހިދާނެ ކަމަށާއި، އޭގެ ތެރޭގައި އަސްކަރީ ފިޔަވަޅު ހިމެނޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އަރަގްޗީ ވިދާޅުވީ އެމެރިކާއިން ބިރު ދެއްކުމުގެ ބަދަލުގައި މަޝްވަރާގެ މަގު އިހުތިޔާރު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އިޒްރޭލުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެމެރިކާ ހަނގުރާމައެއްގެ ތެރެއަށް ވައްދަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އިރާނުން ބުނާ ގޮތުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއަށް "ޓެރަރިސްޓް" ގްރޫޕްތައް ވަދެ، ސަލާމަތީ ބާރުތަކަށް ހަމަލާދީ ހަމަނުޖެހުން އުފައްދަނީ އެމެރިކާ އާއި އިޒްރޭލުގެ ރޭވުމެއްގެ ދަށުންނެވެ.

މި ހަމަނުޖެހުންތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ ސަލާމަތީ ބާރުތަކުގެ މީހުން މަރުވެފައިވާ ކަމަށް އިރާނުގެ ދައުލަތުގެ މީޑިއާއިން ބުނާއިރު، އިދިކޮޅު ފަރާތްތަކުން ބުނަނީ މަރުވި މީހުންގެ އަދަދު އެތައް ސަތޭކައަކަށް އަރާ ކަމަށެވެ. އިރާނުގައި އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާފައި އޮތުމުގެ ސަބަބުން ސައްހަ މައުލޫމާތު ހޯދުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

މި މައްސަލައިގައި އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފްވެސް ވަނީ ހަރުކަށި އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމެރިކާއިން އިރާނުގެ ކަންކަމާ ބެހޭނަމަ، އެމެރިކާގެ އަސްކަރިއްޔާ އާއި އިޒްރޭލަކީ އީރާނުގެ ހަމަލާތަކުގެ އަމާޒަކަށް ވާނެ ކަމަށެވެ.

ވައިޓް ހައުސްއިން ބުނެފައިވަނީ އިރާނުން އާންމުކޮށް ބުނާ ވާހަކަތަކާއި، ސިއްރު މަޝްވަރާތަކުގައި ބުނާ ވާހަކަތައް ތަފާތު ކަމަށެވެ.