12 ޖަނަވަރީ 2026 - 22:33 0
12 ޖަނަވަރީ 2026 - 22:33 0
މެޑްރިޑް (ޖެނުއަރީ 12) - ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުގައި ހުރި ޒަބީ އަލޮންސޯ، އަށް މަސް ތެރޭ ވަކިކޮށްފައިވާކަން އެ ކްލަބުން އިއުލާނުކޮށްފި އެވެ.
މިދިޔަ އަހަރުގެ މެއި މަހު، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ރެއާލުން ގެނައި އަލޮންސޯ އަށް އެ ކްލަބްގައި އެއް އަހަރު ވެސް ނުހުރެވުނެވެ.
ރެއާލަށް ކުރިން ކުޅުނު އަލޮންސޯ، އެންމެ ފަހުން އެ ޓީމަށް އިރުޝާދުދިން މެޗަކީ، ސްޕެނިޝް ސުޕަ ކަޕް ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށެވެ. އެ މެޗުން ރެއާލް ވަނީ 3-2 އިން ބަލިވެފަ އެވެ.
ކުރިން ބަޔާ ލެވަކޫސަނަށް ކޯޗުކޮށްދިން އަލޮންސޯ އަށް ފާއިތުވި މަސްތަކުގައި ވަނީ ރެއާލްގެ ކޯޗުގެ މަގާމުގައި ހުންނަން ޕްރެޝަރު ބޮޑުވެފަ އެވެ. ހާއްސަ ގޮތެއްގައި ރެއާލަށް ސްޕެނިޝް ލީގުގެ ރޭހުގައި ކުރިއަށް ނުދެވި، ވާދަވެރި ބާސެލޯނާގެ ފަހަތަށް ވެއްޓުނު ފަހުން، އަލޮންސޯ، ރެއާލްގެ ކޯޗުކަމުން ވަކިކުރާ ވާހަކަތައް ތަކުރާރުކޮށް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.
އަލޮންސޯ ކޮށްދިން މަސައްކަތްތަކަށް ޝުކުރު އަދާކޮށް ރެއާލުން ބުނެފައިވަނީ، އެ ކްލަބްގެ ބީ ޓީމު، ކަސްޓީއާގެ ކޯޗު، އަލްވާރޯ އާބެލޯއާ އެ ޓީމުގެ ކޯޗުގެ ޒިންމާއާ ހަވާލުވާނެ ކަމަށެވެ.
ރެއާލަށް އަލޮންސޯ ކޯޗުކޮށްދިން 34 މެޗުގެ ތެރެއިން އެ ޓީމުން ވަނީ 24 މެޗުން މޮޅުވެފަ އެވެ. ހަ މެޗުން ބަލިވިއިރު، ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
Comment