Advertisement

އިމާދު ދެއްކެވި ވާހަކައާ ގުޅިގެން ސުވާލު ކުރުމަށް މިނިސްޓަރު ހަލީލް މަޖިލީހަށް ހާޒިރު ކުރަނީ

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު، އަބްދުالله ހަލީލް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އިމާދު ދެއްކެވި ވާހަކައާ ގުޅިގެން ސުވާލު ކުރުމަށް މިނިސްޓަރު ހަލީލް މަޖިލީހަށް ހާޒިރު ކުރަނީ

އަވައްޓެރި ސްރީލަންކާގެ އިދާރާތަކުން ދިވެހިންނާމެދު ތަފާތުކުރާ ކަމަށް ވިދާޅުވެ އެ ގައުމަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ލަންކާގެ ނޫހަކަށް ދެއްވި އިންޓަވިއުއާ ގުޅޭގޮތުން ސުވާލު ކުރުމަށް ފޮރިން މިނިސްޓަރު، އަބްދުالله ހަލީލް މަޖިލީހަށް ހާޒިރު ކޮށްދިނުމަށް އެދި ހުށަހަޅައިފި އެވެ.

ހަލީލް މަޖިލީހަށް ހާޒިރު ކޮށްދިނުމަށް އެދި ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް އެވެ. އޭނާ ހަލީލްއާ ކުރައްވަން އެދިވަޑައިގެންފައި ވަނީ އިމާދު އަމަލު ކުރެއްވީ އެންމެ ރަނގަޅަށްތޯ އެވެ.

"ޑިޕްލޮމެސީ އާއި ބައިލެޓްރަލް މަޝްވަރާގެ ރިވެތި އުސޫލު ދޫކޮށް މިހާ ފާޅުގައި އަވައްޓެރި އެހެން ގައުމަކާ ޖެހިގަތުމަކީ އެންމެ ރަނގަޅު ގޮތްތޯ؟" މީކާއިލް ސުވާލު ކުރައްވާފައިވެ އެވެ.

ހަލީލް މަޖިލީހަށް ހާޒިރު ކުރަން މީކާއިލް ހުށަހަޅުއްވާފައި މި ވަނީ ސްރީލަންކާގެ ޑެއިލީ ނިއުސްއަށް އިމާދު ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ.

އެ އިންޓަވިއުގައި އިމާދު ވަނީ ލަންކާއަށް ދަތުރުކުރާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަން އޮފިސަރުން އިހާނެތިކޮށް ހިތުން ހުއްޓާނުލައިފި ނަމަ، ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލު ގެންނާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

އަދި، ލަންކާއަށް ދާ ދިވެހިންނާމެދު އެ ގައުމުގެ އިދާރާތަކުން، ހާއްސަކޮށް އިމިގްރޭޝަނުން ތަފާތުކުރާ ކަމަށް އިމާދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ. ލަންކާ އިމިގްރޭޝަނުން ދިވެހިންނާމެދު ކަންކުރަނީ "ދޮން މަންމަ" އަކަށް ކަންކުރާ ގޮތަށް ކަމަށް އިމާދުއާ ހަވަލާދީ އެ ނޫހުން ލިޔެފައިވެ އެވެ.

ލަންކާގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިން ވިސާ ހޯދުމަށް އަދި ވިސާ އާ ކުރުމަށް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ދިގު ކިޔޫތަކުގައި ތިބެން ޖެހޭ ކަމަށާއި ލަންކާގެ އިދާރާތަކުން ދިވެހިންނާމެދު ނަސްލީގޮތުން ތަފާތުކުރާ ކަމަށް ވެސް އޭނާ ތުހުމަތުކުރައްވާފައިވެ އެވެ.

"ލަންކާ އިމިގްރޭޝަނުގެ އޮފިޝަލުން މި ގައުމަށް އަންނަ ހަމައެކަނި މެހެމާނުންނަކީ ދޮން ނަސްލުގެ މީހުން ކަމަށް ދެކޭތީ އަހަރެން ހަމަ ހައިރާން ވޭ،" މަސްއޫދު ވިދާޅުވި ކަމަށް ލަންކާ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.

ދިގު ކިޔޫތަކަށް ނުގޮސް ވިސާ ލިބެނީ ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ވިސާއަށް ހުށަހެޅުމުން ކަމަށް ވިދާޅުވެ މަސްއޫދު ވަނީ އެގޮތަށް ކަންކުރަނީ ލަންކާގެ އިމިގްރޭޝަން އޮފިޝަލުންނަށް މާލީ ފައިދާއެއް ލިބޭތީ ކަމަށް ވެސް ތުހުމަތުކުރައްވައިފަ އެވެ.

މީގެ އިތުރުން، ވޭތުވެދިޔަ ތަނުގައި ލަންކާ އަކީ ދިވެހިންގެ މެދުގައި ޗުއްޓީ ހޭދަކުރުމަށާއި ދިރިއުޅުމަށް އަދި ބޭސްފަރުވާއަށް މަގުބޫލު މަންޒިލެއް ނަމަވެސް މިފަދަ ކަންކަން ތަކުރާރުވާނަމަ އެ މަންޒަރު ބަދަލުވާނެ ކަމަށް މަސްއޫދު ވިދާޅުވެފައިވެ އެވެ. ލަންކާއަށް ދަތުރުކުރާ ދިވެހިންގެ އަދަދު އެތައް ހާހަކުން މަދުވެފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރައްވާފައިވެ އެވެ.

އިމާދުގެ އެ ވާހަކަތަކާ ގުޅިގެން އެތައް ބަޔަކު ވަނީ ފާޑުކިޔައި ނުރުހުމުގެ ބަސްތައް އޭނާއަށް އަމާޒުކޮށްފަ އެވެ. އޭގެތެރޭގައި ރާއްޖޭގެ އިދިކޮޅު ސިޔާސީ ބޭފުޅުންނާއި ހާރިޖީ ތަޖުރިބާކާރުން ހިމެނެ އެވެ.