Advertisement

ނަޝީދު ދެއްކެވި ވާހަކައާ ގުޅިގެން އިރާން ސަފީރުގެ ވަރުގަދަ ސުވާލެއް

12 ޖަނަވަރީ 2026 - 21:36 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު


ނަޝީދު ދެއްކެވި ވާހަކައާ ގުޅިގެން އިރާން ސަފީރުގެ ވަރުގަދަ ސުވާލެއް

12 ޖަނަވަރީ 2026 - 21:36 0

އިރާންގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކޮށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން އިރާނުން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު, ޑރ. އަލީރެޒާ ދިލްކޮޝް ނަޝީދުއަށް ވަރުގަދަ ސުވާލެއް އަމާޒު ކުރައްވައިފި އެވެ.

އަލީރެޒާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ގައުމުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކަކީ މޮސާޑު އަޑީގައި އޮވެގެން ހިންގުވާ ކަންތައްތަކެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި، އެ ހާލަތުގައި ނަޝީދު ހުންނެވީ ކޮން ފަޅިއެއްގައިތޯ އޭނާ ސުވާލު ކުރައްވާފައިވެ އެވެ.

"މި ހާލަތުގައި ތި ބޭފުޅާ ހުންނެވީ ކޮން ފަޅިއެއްގައިތޯ؟" އަލީރެޒާ ކުރެއްވި ޕޯސްޓުގައި ނަޝީދުއާ ސުވާލު ކުރައްވާފައިވެ އެވެ.

އިރާންގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އިޝަރާތްކޮށް އެކްސްގައި ނަޝީދު އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރާނުގެ ރައްޔިތުން މަގުތައް މައްޗަށް ނުކުމެ އަޑު އުފުލަމުން ދަނީ އެ މީހުންގެ އިންސާނީ ކަރާމާތް ހިމާޔަތް ކުރުމަށާއި އެތައް ދުވަހެއްވީ އަނިޔާވެރިކަމުން މިންޖުވުމަށް ކަމަށެވެ.

އަދި، އެއީ އަހަރުމެންގެ މުސްލިމު އަޚުންނާއި އުޚުތުން ކަމަށާއި އިރާނުގެ ސަރުކާރު ހިމާޔަތް ކުރުމުގެ ބަދަލުގައި މުޒާހަރާ ކުރަމުންދާ އިރާނުގެ އާންމުންނާއެކު ސާބިތު ވާންޖެހޭ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދުގެ އެ ވާހަކައަށް ރައްދު ދެއްވައި އަލީރެޒާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލާއި އިރާންއާ ދެމެދު ކުރެވުނު 12 ދުވަހުގެ ހަނގުރާމައިގައި އިރާންގެ ރައްޔިތުންނާއި އާންމުންގެ ގެދޮރަށް އަމާޒުކޮށް އެ ގައުމުގެ ސިޓީތަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދިން ކަމަށެވެ.

އެ ހަމަލާތަކުގައި އާންމުންގެ ތެރެއިން 1000 އަކަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުން މަރުވި ކަމަށް އެ ޕޯސްޓުގައި އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ އެހީތެރިކަމާއެކު އިޒްރޭލުން ދިން ހަމަލާތަކާ ދެކޮޅަށް އިރާންގެ ރައްޔިތުން ސާބިތުކަން ދެއްކިކަން ފާހަގަކޮށް އެ ޕޯސްޓުގައި އަލީރެޒާ ވަނީ އިރާންގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަޑީގައި ތިބީ މޮސާޑު ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

އެ ގައުމުގައި މިހާތު ހިންގަމުންދާ ހަމަނުޖެހުންތަކުގައި މިސްކިތްތަކުގައި ހުޅުޖަހައި، ހޮސްޕިޓަލްތައް ސުންނާފަތިކޮށް ބާޒާރުމަތީގައި އުޅުނު އާންމުންނަށް ހަމަލާދީފައިވާ ކަމަށް އެ ޕޯސްޓުގައި އަލީރެޒާ ވިދާޅުވެފައިވެ އެވެ. އަދި އެ ހަމަނުޖެހުންތަކުގައި އިރާންގެ ބޭންކުތަކާއި މެޓްރޯ ސްޓޭޝަންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ނަޝީދު ހުންނެވީ ކޮން ފަޅިއެއްގައިތޯ އަލީރެޒާ ސުވާލު ކުރައްވާފައި ވަނީ އެ ޕޯސްޓު ނިންމަވައިލައްވަމުންނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އިރާންގެ ފައިސާގެ އަގު ވަރަށް ބޮޑަށް ވެއްޓުމާ ގުޅިގެން އެ ގައުމުގައި ފެށި މުޒާހަރާތައް މިހާރު ވަނީ ސަރުކާރާ ދެކޮޅު ސިޔާސީ ހަރަކާތަކަށް ބަދަލުވެފައެވެ. މިއީ 2022 ވަނަ އަހަރު މަހްސާ އަމީނީގެ މަރާ ގުޅިގެން ހިނގި މުޒާހަރާތަކަށް ފަހު އިރާންގައި ހިނގާ އެންމެ ބޮޑު ހަމަނުޖެހުމެވެ. ދައުލަތުގެ މީޑިއާ އިން ރިޕޯޓްކުރާ ގޮތުގައި މިހާތަނަށް ސަލާމަތީ ބާރުތަކުގެ 109 މީހުން މަރުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ބުނަނީ މަރުވި މީހުންގެ އަދަދު އެއަށްވުރެ މާ މަތި ކަމަށެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން އިރާންގެ ގިނަ ސަރަހައްދުތަކުން އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައި އޮންނާތާ 60 ގަޑިއިރަށްވުރެ ގިނަ އިރު ވަނީ ވެފައެވެ.