about 2 hours 0
މުހައްމަދު ޝަހްޒާން
އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
about 2 hours 0
ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލްތަކުން އެއްބާރުލުން ނުދޭތީ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަކީ ކައުންސިލުތަކުގެ އަގު ވައްޓައިލުމަށް މި ސަރުކާރުން ހިންގާ ސިލްސިލާގެ ތެރެއިން ބޮޅެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އަދަދު އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނިޒާރު ވިދާޅުވީ މި ވެރިކަން ފެށުނީއްސުރެ ތަކުރާރުކޮށް ކައުންސިލްތަކުގެ އަގު ވައްޓައިލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވި ލަސްވަނީ ކައުންސިލްތަކުގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވައި މުއިއްޒު ދެއްކެވި ވާހަކައަކީ ޒިންމާދާރުކަމެއް ނެތި ދެއްކެވި ވާހަކަތަކެއް ކަމަށް ނިޒާރު ވިދާޅުވި އެވެ.
"ބަލަންވާ ވަރަށް ނުބަލައި، އަދި ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ބަދަލުގައި އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ޒިންމާދާރުކަން ކުޑަކޮށް ކައުންސިލްތަކުގެ އަގު ހަމަ ތަކުރާރުކޮށް މި ސަރުކާރު އައިއްސުރެ ކައުންސިލްތަކުގެ އަގު ވައްޓައިލުމަށް މަސައްކަތް ކުރެވޭ، އޭގެން، އެ ސިލްސިލާގެ ތެރެއިން ހިނގާދިޔަ ވާހަކަތަކެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރަނީ މި ކަން ވެސް ހިނގައިދިޔައީ،" ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ސަރުކާރަށް މުޅި ރާއްޖެއިން ވެސް އެންމެ ބޮޑަށް އެއްބާރުލުން ދީގެން ކުރިއަށްދާ އެއް ކައުންސިލަށް އައްޑޫ ސިޓީ ކައުންސިލް ވާނެ ކަމަށެވެ. އަދި އެކަން ނަމޫނާއެއްގެ ގޮތުގައި ދައްކުވައި ވެސް ދީފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ މިސާލު ދައްކަވަމުން މުއިއްޒު އެންމެފަހުން އައްޑޫ ކުރެއްވި ދަތުރުުުގެ ތެރެއިން ވެސް އެ ސިޓީގައި 14 މަޝްރޫއުއެއްގެ ބިންގާ އަޅުއްވައިދެއްވިކަން ނިޒާރު ފާހަގަކުރެއްވި އެވެ. އެ މަޝްރޫއުތައް ހިންގުމަށް ބިންގާ އެޅި ގިނަ ބިންތައް ސަރުކާރާ ހަވާލު ކުރުމަށް އެދި ސިޓީތައް ލިބުނީ ވެސް މުއިއްޒުގެ ދަތުރުގެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންނަމަވެސް ރައީސްގެ ދަތުރާއެކު އެ ކަންކަން ޕްލޭން ކޮށްފައި އޮތް ކަން އަޅުގަނޑުމެންނަށް ވިސްނޭތީ އަވަސް އަރުވާލައިގެން އަޅުގަނޑުމެން ވެސް ހުރިހާ، އެކަމާ ގުޅުންހުރި ހުރިހާ މުއާމަލާތެއް އަޅުގަނޑުމެން ވާނީ ނިންމާފައި، އަދި އެ ހުރިހާ ޕްރޮޖެކްޓުތަކެއްގެ ބިންގާ ވެސް ރައީސް އެޅުއްވި،" ނިޒާރު ވިދާޅުވި އެވެ.
މުއިއްޒުގެ ދަތުރުފުޅުގައި 14 މަޝްރޫއުއެއްގެ ބިންގާ އަޅުއްވައިދެއްވި ނަމަވެސް، އޭގެތެރެއިން ހަމައެކަނި ކުރިއަށް ދަނީ ފޭދޫގެ ބަނދަރުގެ މަސައްކަތް ކަމަށް ނިޒާރު ވިދާޅުވި އެވެ. އެ މަޝްރޫއު ފިޔަވައި އެހެން އެއްވެސް މަޝްރޫއުއެއްގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުން ކޮންމެވެސް ވަރަކަށް ފޭދޫ ބަނދަރުގެ މަސައްކަތް ކުރާތަން އެބަ ފެނޭ، ދެން އެހެން އެއްވެސް ތަނެއްގެ މަސައްކަތް އަމަލީގޮތުން ކުރިއަށްދާ ތަން އަޅުގަނޑަކަށް ނުފެނޭ، އެހެންވީމާ، އޭގެފަހުން ވެސް ގާތްގަނޑަކަށް މިއީ މިހާރު ދެވަނަ މަހަށް މި ދަނީ، ދާއިރު އަމަލީގޮތުން މަސައްކަތް ނުފަށަންޏާމުން އަޅުގަނޑުމެންނަށް ދެންނެވޭނީ މަސައްކަތް ނުކުރެޔޭ،" ނިޒާރު ވިދާޅުވި އެވެ.
ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދިނުން މަތީގައި އައްޑޫ ސިޓީ ކައުންސިލުން ދެމިތިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށާއި ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލަތަކެއްގެ ގޮތުގައި އޭނާ ގަބޫލު ވެސް ކުރައްވާ ކަމަށެވެ.
އެހެންނަމަވެސް، ކަންކަން ނުހިނގާ ނަމަ، އެ ވާހަކަދައްކާނެ ކަމަށާއި ވޯޓު ދީފައި ކައުންސިލަށް ބަޔަކު އިންތިހާބު ކުރަނީ ވެސް ހަގީގަތް ހާމަކުރުމުގެ ޒިންމާ ބޮލުގައި އަޅުވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޒާރު އެހެން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީއެންސީ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ދެއްކެވި ވާހަކައަށް ރައްދު ދެއްވަ އެވެ. މުއިއްޒު އެ ރޭ ވިދާޅުވީ ރަށްރަށުގެ މިސްކިތްތަކާއި، ސުކޫލުތަކާއި، ސިއްހީ މަރުކަޒުތަކުގެ މަޝްރޫއުތައް ނުފެށި ލަސްވަނީ ކައުންސިލްތަކުން ބިން ހަވާލުނުކޮށްގެން ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment