Advertisement

އެމެރިކާއިން ކާނާގެ އާ ގައިޑްލައިނެއް ނެރެފި

about 2 hours 0


އެމެރިކާއިން ކާނާގެ އާ ގައިޑްލައިނެއް ނެރެފި

about 2 hours 0

އެމެރިކާގެ ސިއްހަތާ ބެހޭ ވުޒާރާ އާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާ ގުޅިގެން، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އަމަލުކުރާނެ ކާނާގެ އާ އިރުޝާދުތައް މިދިޔަ ބުދަ ދުވަހު އާންމުކޮށްފިއެވެ.

މިފަހަރުގެ އިރުޝާދުތަކަކީ އެމެރިކާގެ ހެލްތު ސެކްރެޓަރީ ރޮބާޓް އެފް ކެނެޑީ ޖޫނިއާގެ "މޭކް އެމެރިކާ ހެލްތީ އެގެއިން" ހަރަކާތުގެ ފަލްސަފާތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ އުސޫލުތަކެކެވެ.

އާ އިރުޝާދުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކެނެޑީ ވިދާޅުވީ، އެންމެ މުހިންމު މެސެޖަކީ "އަސްލު ކާނާ ކެއުން" ކަމަށެވެ.

މީގެ ކުރިން 2020 ވަނަ އަހަރު ނެރުނު 150 ސަފުހާގެ ދިގު ރިޕޯޓާ ހިލާފަށް، މިފަހަރުގެ މައިގަނޑު އިރުޝާދުތައް ވަނީ މަދު ސަފުހާ ކޮޅަކަށް ކުރުކޮށްލާފައެވެ. ނަމަވެސް މިފަހަރުގެ ނިންމުން ވެސް ބިނާވެފައި ވަނީ އެތައް ދިރާސާތަކާއި ހެކިތަކަށް ކަމަށް ސަރުކާރުން ބުނެއެވެ.

މިފަހަރުގެ އެންމެ ބޮޑު އެއް ބަދަލަކީ އެންމެ ގިނައިން ބޭނުންކުރަން ލަފާދޭ ބައިގައި މަހުގެ ބާވަތްތަކާއި، ޗީޒް އަދި ތަރުކާރީ ހިމަނާފައި ވުމެވެ. މީގެ އިތުރުން، ޕްރޮޓީން ބޭނުންކުރަންވީ މިންވަރު ވަނީ މީހާގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް 1.2 އާއި 1.6 ގްރާމަށް އިތުރުކޮށްފައެވެ.

އާ އުސޫލުގައި ސަރުބީއަށް ދީފައިވާ ވިސްނުން ވެސް ތަފާތެވެ. އޮލިވް އޮއިލް ފަދަ ތެލަށް އިސްކަންދިނުމާއެކު، ބަޓަރު އަދި ގެރިމަހުގެ ސަރުބީ ފަދަ ބާވަތްތައް ބޭނުންކުރުމަށް މިފަހަރު ވަނީ ހުއްދަދީފައެވެ. އަދި ކިރުގެ ބާވަތްތައް ބޭނުންކުރާއިރު ވެސް ހަކުރު ނުހުންނަ "ފުލް ފެޓް" ޑެއިރީ ބޭނުންކުރުމަށް ވަނީ ބާރުއަޅާފައެވެ.

މާބޮޑަށް ތައްޔާރުކޮށްފައިވާ ކާނާ ނުވަތަ "އަލްޓްރާ-ޕްރޮސެސްޑް" ފުޑްސްއާ މެދު އާ އިރުޝާދު ވަރަށް ހަރުކަށްޓެވެ. ޕެކެޓްކޮށްފައި ހުންނަ ލޮނުގަދަ ޗިޕްސް، ކުކީޒް، އަދި ހަކުރު ގިނަ ބުއިންތަކާ ދުރުވުމަށް އިރުޝާދު ދެއެވެ.

ކެނެޑީ ވިދާޅުވި ގޮތުގައި، ޕްރޮސެސްޑް ކާނާގެ އަގު ހެޔޮކަމަށް ފެނުނަސް، އޭގެ ސަބަބުން ޖެހޭ ހަކުރު ބައްޔާއި ބަރުދަން އިތުރުވުމުގެ ސަބަބުން ދިގު މުއްދަތުގައި ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ބޮޑެވެ.

ސިއްހީ މާހިރުންގެ މެދުގައި މި އާ އިރުޝާދުތަކާ މެދު ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. "އެމެރިކަން މެޑިކަލް އެސޯސިއޭޝަން"އިން ޕްރޮސެސްޑް ކާނާއާއި ހަކުރާ ދުރުވުމަށް ގޮވާލި ގޮވާލުމަށް ތާއީދުކުރިއެވެ.

ނަމަވެސް "އެމެރިކަން ހާޓް އެސޯސިއޭޝަން" އިން ބުނީ ރަތް މަހާއި ސަރުބީ ގިނަ ކާނާއަށް ބާރުއެޅުމަކީ ހިތުގެ ބަލިތައް އިތުރުވެދާނެ ކަމެއް ކަމަށާއި، އިސްކަންދޭންވާނީ ގަސްގަހާގެހިން ލިބޭ ޕްރޮޓީންއަށް ކަމަށެވެ.

ސްކޫލް ކުދިންގެ މެންދުރުގެ ކެއުމުގެ މިންގަނޑުތަކަށް ވެސް މި ބަދަލުތަކުގެ ސަބަބުން އަސަރުކުރާނެއެވެ. ސްކޫލް ނިއުޓްރިޝަން އެސޯސިއޭޝަނުން ބުނާގޮތުގައި، ޕްރޮސެސްޑް ކާނާ މަދުކޮށް، ތާޒާ ކާނާ ސްކޫލްތަކުގައި ތައްޔާރުކުރަން ފެށުމަށްޓަކައި އިތުރު މުވައްޒަފުންނާއި، އާލާތްތަކުގެ އިތުރުން ބޮޑު ބަޖެޓެއް ބޭނުންވާނެއެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެމެރިކާގެ އާންމު ސިއްހީ ނިޒާމަށާއި، ޑޮކްޓަރުން ދޭ އިރުޝާދުތަކަށް މި އާ ގައިޑްލައިންގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.