about 2 hours 0
about 2 hours 0
މިލާން (ޖެނުއަރީ 12) - އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާން މޮޅުވާން ދަނިކޮށް ސްކޮޓް މެކްޓޮމިނޭ ޖެހި ގޯލުން 2-2 އިން އެއްވަރުކޮށް ނަޕޯލީން ޕޮއިންޓެއް ހޯދައިފި އެވެ.
މި ނަތީޖާއާ އެކު، އިންޓަ އިން އެއް ވަނައިގައި އޮތީ 19 މެޗުން 43 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 19 މެޗުން 40 ޕޮއިންޓް ލިބިފަ އެވެ. އަދި، ތިން ވަނައިގައި އޮތް ނަޕޯލީ އާއި ހަތަރެއްގައި އޮތް ރޯމާ އަށް 39 ޕޮއިންޓް ލިބިފައިވާއިރު، ނަޕޯލީ ވަނީ 19 މެޗު ކުޅެފަ އެވެ. ރޯމާ އިން 20 މެޗު ކުޅެފައިވެ އެވެ.
ރޭގެ މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި އިންޓަ އިން ލީޑުނެގީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން މާކޯ ތުރާމް ދިން ބޯޅައެއް، ފެޑެރީކޯ ޑި މާކޯ ތިރިތިރިން ގޯލަަށް ފޮނުވާލައިގެންނެވެ. މެޗުގެ 26 ވަނަ މިނިޓްގައި ނަޕޯލީގެ އެލްމަސް ނަގައިދިން ހުރަހަކަށް އަރައި މެކްޓޮމިނޭ ވަނީ އޭރިއާތެރެއިން ގޯލަށް ބޯޅަ ފޮނުވާލައި ނަޕޯލީ އަށް އެއްވަރުކޮށްދީފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ދެ މިނިޓް ތެރޭ ނަޕޯލީ އަށް ލީޑުނަގައިދޭން ރަސްމުސް ހޮއިލުންޑަށް ލިބުނު ފުރުސަތުގައި ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. މެޗުގެ 68 ވަނަ މިނިޓްގައި، އިންޓަގެ ހެންރިކް މިކިތާރްޔަން އަށް ކުރި ފައުލެއް ކަމަށް ބުނެ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ޕެނަލްޓީ ދޭން ނިންމި އެވެ. އެއާ އެކު، ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހިތްހަމަނުޖެހުން ފާޅުކުރި ގޮތަކުން އޭނާ އަށް ރަތް ކާޑު ދެއްކި އެވެ. އެ ޕެނަލްޓީ ވައްދާލައި ހަކަން ޗަނޮނޯލޫ ވަނީ އިންޓަ އަށް ލީޑުނަގައިދީފަ އެވެ.
މެކްޓޮމިނޭ، ދެ ވަނަ ފަހަރަށް ނަޕޯލީ އަށް އެއްވަރުކޮށްދިނީ 81 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅައަކަށް ރަނގަޅު ތަނަށް އަރައި ހުރެ، މެކްޓޮމިނޭ ވަނީ ގޯލުގެ ތެރެެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ، އިންޓަ ކޮޅަށް އޭނާ ޖެހި ތިން ވަނަ ގޯލެވެ.
Comment