Advertisement

ރިޔާސީ ބަޔާން އިއްވާ ޖަލްސާ އޮންނާނީ ފެބްރުއަރީ 5، ގައި

މިދިޔަ އަހަރު މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވި ދުވަހު ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރިޔާސީ ބަޔާން އިއްވާ ޖަލްސާ އޮންނާނީ ފެބްރުއަރީ 5، ގައި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ ފެބްރުއަރީ 5، ގެ ހެދުނު 9:00 ގައި ކަމަށެވެ.

މި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެ އެވެ. މިއީ އެމަނިކުފާނުގެ ތިންވަނަ ރިޔާސީ ބަޔާނެވެ. އަދި، މިއީ މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ އަހަރުގެ ފުރަތަމަ ދައުރު ފެށޭ ޖަލްސާ އެވެ.

މަޖިލީހުގެ ޖަލްސާތައް ރަސްމީކޮށް ފެށުން އަންނަ މަހުގެ ފުރަތަމަ ހަފުތާއަށް ތާވަލުކުރިއިރު، މި މަހުގެ ފަހެއް އަދި ހަ ވަނަ ދުވަހު މަޖިލީހުން ވަނީ ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވާފަ އެވެ. ވެރިކަންކުރާ ޕީއެންސީގެ ޕީޖީ އިން އެދިގެން އެ ޖަލްސާތައް ބޭއްވީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލަކާއި އެހެނިހެން ބައެއް މަސައްކަތްތައް ކުރުމަށެވެ.

ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ ބަދަލަކީ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާއި އެކަން ކުރުމަށް މިހާރު ހިނގާ 20 ވަނަ މަޖިލީހުގެ ދައުރު ކުރު ކުރުމެވެ. މި ބިލު މަޖިލީހުން ފާސްކުރުން އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އެއްކޮށް، އެކަން ކުރަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ.

ބެލެވޭ ގޮތުގައި މި ބިލުގެ މަސައްކަތްތައް ނިންމަން މި ހަފުތާގެ ތެރޭ ދައުރުން ބޭރުން އިތުރު ޖަލްސާތަކެއް ބާއްވާނެ އެވެ.

މިދިޔަ އަހަރުގެ މަސައްކަތްތައް ނިންމާލާ މަޖިލީހުން ޗުއްޓީއަށް ދިޔައީ ޑިސެމްބަރު 3، 2025 ގަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކޮންމެ އަހަރަކު މަޖިލީހުގެ ދައުރު ފެށޭ ތާރީހު ޖެނުއަރީ މަހަށް ބަދަލުކުރަން މިދިޔަ އަހަރު މަޖިލީހުގެ ގަވާއިދު ބަދަލުކުރި އެވެ.

ޕީއެންސީގެ މެންބަރުން ހުށަހަޅައިގެން އެ ބަދަލު ގެނައީ ރޯދަ މަހަށް މަޖިލީހުން ޗުއްޓީއަށް ދިޔުމަށެވެ. ނަމަވެސް އެކަމަށް ފާޑުކިޔުން އަމާޒުވެ އެ ބަދަލު ބާތިލުކުރަން ނިންމީ އެވެ.