Advertisement

ޕީއެންސީގެ އޮފީސް އިމާރާތް ގަވާއިދާ ހިލާފަށް ހެދުމުން ގޯތީގެ ވެރިފަރާތް 128,000ރ. އިން ޖޫރިމަނާކޮށްފި

ހ. ވެޔޮވިލާގައި ހަދާފައިވާ ޕީއެންސީގެ އޮފީސް އިމާރާތް. -- ފޮޓޯ: އަދަދު


ޕީއެންސީގެ އޮފީސް އިމާރާތް ގަވާއިދާ ހިލާފަށް ހެދުމުން ގޯތީގެ ވެރިފަރާތް 128,000ރ. އިން ޖޫރިމަނާކޮށްފި

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މައި އޮފީހުގެ ގޮތުގައި ހ. ވެޔޮވިލާ ފަސް ބުރިއަށް އިމާރާތްކޮށްފައި ވަނީ އިމާރާތްކުރުމުގެ ގަވާއިދުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، މާލޭ ސިޓީ ކައުންސިލުން އެ ގޯތީގެ ވެރިފަރާތް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.

އިތުބާރު ހުރި މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދާ ހިލާފަށް، ހުއްދަ ހޯދުމަކާ ނުލައި އެ ގޯތީގައި މަސައްކަތް ކޮށްފައިވާތީ، ޖުމުލަ 128,545ރ. އިން ގޯތީގެ ވެރިފަރާތް ސަފިއްޔާ ޒުބައިރު ވަނީ ޖޫރިމަނާކޮށްފަ އެވެ.

މި ޖޫރިމަނާ ކަނޑައަޅާފައި ވަނީ އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދުގެ ތިން މާއްދާއަކާ ހިލާފުވެފައިވާތީ އެވެ.

ޖޫރިމަނާ ކުރީ، ހުއްދަ ނެތި ފަސް ފަންގިފިލާ އިމާރާތްކުރުން 73,545ރ. އަދި ރަޖިސްޓްރީވެފައިވާ އިންޖިނިއަރެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ބިންގަނޑު ކޮނުމާއި ފައުންޑޭޝަން މަސައްކަތް ކޮށްފައިވާތީ 50,000ރ. އަދި އިމާރާތްކުރުމުގެ ގާނޫނާ ހިލާފު ކަންތައްތަކެއް ހިނގަމުންދިޔައިރު، އެކަން ކަމާބެހޭ އިދާރާއަށް އަންގާފައި ނުވާތީ އިތުރު 5,000ރ. އެވެ.

ކުރިން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ހަރުގެ ވެސް ހިންގި މި ގޯތީގައި ގަވައިދާ ހިލާފަށް ޕީއެންސީގެ އޮފީސް އިމާރާތް ހަދައި އެތަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުލަ ގަދަ ރަސްމިއްޔާތެއްގައި ހުޅުވައި ދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.