Advertisement

އިސްދޫ އަތޮޅު ސެމީއާ ގާތަށް، މާޅޮހާއި މަތިވެރި އެއްވަރު

about 17 hours 0

އިސްދޫގެ މީސާގް (ކ) ރޭގެ މެޗުގެ ތެރެއިން ބޯޅަ ހިފައިގެންދަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


އިސްދޫ އަތޮޅު ސެމީއާ ގާތަށް، މާޅޮހާއި މަތިވެރި އެއްވަރު

about 17 hours 0

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި، މި އަހަރުގެ މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ލ. އަތޮޅު ސެމީ ފައިނަލުގެ ޖާގައެއް ހޯދުމާ އިސްދޫން ގާތަށް ޖެހިލިއިރު، އއ. އަތޮޅު ބުރުގައި މަތިވެރި އާއި މާޅޮސް ކުޅުނު މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

ލ. އަތޮޅުން އަށް ޓީމު ކުޅޭއިރު، ދެ ގްރޫޕަށް ވަނީ ބަހާލައިފަ އެވެ. ފުރަަތަމަ މެޗުގަައި، ގަން އަތުން މޮޅުވި އިސްދޫން ވަނީ ރޭ ފޮނަދޫ އަތުން 3-0 އިން މޮޅުވެފަ އެވެ. އަދި، މި ގްރޫޕްގައި، ރޭ ގަމުން ކުޅުނު މެޗުގައި، ދަނބިދޫ އަތުން ވަނީ 2-0 އިން މޮޅުވެފަ އެވެ. ގްރޫޕް އެއް ވަނައިގައި އޮތް އިސްދޫ އަށް ހަ ޕޮއިންޓް ދެ ވަނައިގަައި އޮތް ދަނބިދޫ އާއި ތިނެއްގައި އޮތް ގަން އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ޕޮއިންޓެއް ނުލިބި ފޮނަދޫ އޮތީ ތާވަލުގެ ފުލުގަ އެވެ.

އިސްދޫން ފަހު މެޗުގައި ދަނބިދޫއާ ކުޅޭއިރު، އެ މެޗު އެއްވަރުކޮށްލައިގެން ވެސް ސެމީގެ ޖާގަ ޔަގީންވާނެ އެވެ. އަދި، އެ ގްރޫޕްގެ އަނެއް މެޗުގައި، ގަމުން ފޮނަދޫއާ ދެކޮޅަށް ނެރޭ ނަތީޖާ އަކުން ވެސް އިސްދޫ އަށް ސެމީގެ ފުރުސަތު އޮންނާނެ އެވެ.

ރޭގެ މެޗުގައި ގަމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


ގްރޫޕްގެ ފަހު މެޗުގައި ގަމުން ކުޅޭނީ ފޮނަދޫއާ އެވެ. އަދި، އިސްދޫން ބައްދަލުކުރާނީ ދަނބިދޫއާ އެވެ.

އިސްދޫ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، ލޫތު އަހުމަދު ފަތުހީ، އަލީ އަޝަމް އަދި އަލީ މީސާގް އީސާ (މީއްޓެ) އެވެ. އަދި، ގަަމަށް ރޭގެ މެޗުގައި ލަނޑު ޖަހައިދިނީ، އަހުމަދު ހަލީމް (އައްމަޑޭ)ގެ އިތުރުން، ދަނބިދޫގެ މުހައްމަދު ޝާމިލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ލ. އަތޮޅު ގްރޫޕް ބީގައި ރޭ މުންޑޫ އިން 4-1 އިން މާވަށް ބަލިކުރިއިރު، ލަނޑުތައް ޖެހީ، ހުސެއިން ލަޔާން ދެ ލަނޑަކާއި ހަމްދާން އަހުމަދު އާއި އިބްރާހިމް ދައިޝަމް ކޮންމެ ކުޅުންތެރިއަކު ލަނޑެކެވެ. އަދި، މާވަށުގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު ފަޒީލް އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި، ކަލައިދޫން 2-1 އިން ކުނަހަންދޫގެ މައްޗަށް ކުރިހޯދިއިރު، ލަނޑުތައް ޖެހީ، އިބްރާހިމް ނާއިލް އާއި އަހުމަދު ފަރީޝް އެވެ. ކުނަހަންދޫގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު މާއިޝް އެވެ.

މި ގްރޫޕްގެ ހަތަރު ޓީމަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ކޮންމެ ޓީމަކަށް ވެސް ސެމީ އަށް ދިއުމުގެ އަމިއްލަ ބާރު އެބައޮތެވެ.

މަތިވެރީގެ ޒާހިދު (ކ) މާޅޮހުގެ ނާއިޒް އަތުން ބޯޅަ ހޯދަން ޓެކަލް ކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


އއ. އަތޮޅުގައި މަތިވެރިން ވަނީ ރޭ ފަހަތުން އަރައި މާޅޮހާ އެއްވަރުކޮށްފަ އެވެ. މާޅޮހުން މެޗު ފަށައިގެން ފުރަތަމަ ވެސް ލިިބުނު ދެ ކައުންޓަ އެޓޭކުގައި ދެ ގޯލު ޖެހި އެވެ. އެ ޓީމުގެ ލަނޑުތައް ޖެހި، އަލީ ޒިޔާން އާއި އަހުމަދު އާރިފް (އާރީ) އެވެ. މަތިވެރިން އެއްވަރުކުރީ، ފުރަތަމަ ހާފުގައި މުހައްމަދު ޝަފުރާޒް ޖެހި ގޯލުންނާއި ދެ ވަނަ ހާފުގައި އަލީ އަލްސަން ޖެހި ލަނޑުންނެވެ. އއ. އަތޮޅުގައި ރޭ ކުޅުނު އަނެއް މެޗުން ތޮއްޑޫ އަތުން ހިމަންދޫ މޮޅުވީ، އިބްރާހިމް އިހްލާސް އާދަމް ޖެހި ގޯލާ އެކު، 1-0 އިންނެވެ.

ފަސް ޓީމު ކުޅޭ އއ އަތޮޅުގައި، މާޅޮހާއި ބޮޑުފޮޅުދޫ ފިޔަވައި ކޮންމެ ޓީމަކުން ވަނީ ދެ މެޗު ކުޅެފަ އެވެ. އެއް ވަނައިގައި އޮތް މަތިވެރި އަށް ހަތަރު ޕޮއިންޓް، ދެ ވަނައިގައި އޮތް ތޮއްޑޫ އާއި ތިން ވަނައިގައި އޮތް ހިމަންދޫ އަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ހަތަރެއްގައި އޮތް މާޅޮހަށް ޕޮއިންޓެއް ލިބުނުއިރު، ބޮޑުފޮޅުދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.

16:00 - އދ. މަހިބަދޫ - އދ. ދަނގެތި

16:00 - އދ. ހަންޏާމީދޫ - އދ. ކުނބުުރުދޫ

17:00 - އދ. މަންދޫ - އދ. އޮމަދޫ

17:00 - އދ. ފެންފުށި - އދ. މާމިގިލި

--------------------------------------------

20:00 - ހދ. މަކުނުދޫ - ހދ. ނޮޅިވަރަންފަރު

20:00 - ހދ. ނެއްލައިދޫ - ހދ. ފިނޭ

21:00 - ހދ. ނޮޅިވަރަން - ހދ. ނޭކުރެންދޫ

21:00 - ހދ. ކުމުންދޫ - ހދ. ނައިވާދޫ

22:00 - ހއ. ކެލާ - ހއ. ފިއްލަދޫ

22:00 - ހއ. ދިއްދޫ - ހއ. ވަށަަފަރު

23:00 - ހއ. މާރަންދޫ - ހއ. މުރައިދޫ

23:00 - ހއ. ބާރަށް - ހއ. ހޯރަފުށި