Advertisement

ރާއްޖެ އާއި ލަންކާއާ ދެމެދު ބޯޑާ ކޮންޓްރޯލް އުވާލައި، ވިސާ ނަގަންނުޖެހޭ ގޮތަށް ހަދަން ނަޝީދު ގޮވާލައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ރާއްޖެ އާއި ލަންކާ އިން ވިސާ އަދި ވޯކް ޕާމިޓް އުވާލުމުން ފައިދާވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް


ރާއްޖެ އާއި ލަންކާއާ ދެމެދު ބޯޑާ ކޮންޓްރޯލް އުވާލައި، ވިސާ ނަގަންނުޖެހޭ ގޮތަށް ހަދަން ނަޝީދު ގޮވާލައްވައިފި

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ބޯޑާ ކޮންޓްރޯލް އުވާލައި، ވިސާ އާއި ވޯކް ޕާމިޓް ނަގަން ނުޖެހޭ ގޮތަށް ހެދުމުން ވަރަށް ބޮޑަށް ފައިދާވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު ވިސާ އަދި ވޯކް ޕާމިޓް އުވާލުމުން ދެ ގައުމަށް ވިޔަފާރީގެ ގޮތުންނާއި ފަތުރުވެރިކަމުގެ ގޮތުން އަދި އެހެނިހެން ގޮތްގޮތުން ވެސް ފައިދާތައް ލިބިގެންދާނެ ކަމަށެވެ.

"ރާއްޖެ އާއި ލަންކާއާ ދެމެދު ބޯޑާ ކޮންޓްރޯލް އުވާލުމުން ދެ ގައުމަށް ވެސް ފައިދާވާނެ،" ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ލަންކާގެ އިދާރާތަކުން ދިވެހިންނާމެދު ތަފާތުކުރާ ކަމަށް ވިދާޅުވެ އެ ގައުމަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ލަންކާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ލަންކާގެ ނޫހެއް ކަމަށްވާ ޑެއިލީ ސްޓާއާ ވާހަކަދައްކަވަމުން މަސްއޫދު ވަނީ ލަންކާއަށް ދާ ދިވެހިންނާމެދު އެ ގައުމުގެ އިދާރާތަކުން، ހާއްސަކޮށް އިމިގްރޭޝަނުން ދިވެހިންނާމެދު ތަފާތުކުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

މަސްއޫދު ސިފަކުރެއްވި ގޮތުގައި ލަންކާ އިމިގްރޭޝަނުން ދިވެހިންނާމެދު ކަންކުރަނީ "ދޮން މަންމަ" އަކަށް ކަންކުރާ ގޮތަށް ކަމަށް އެ ނޫހުން ލިޔެފައިވެ އެވެ.

ލަންކާ ސަރުކާރަށް އަމާޒުކޮށް އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ގިނަ ބަޔަކު އޭނާއަށް އަންނަނީ ފާޑުކިޔަމުންނެވެ. މިކަމާ ގުޅިގެން މިހާތަނަށް ދިވެހި ސަރުކާރުން ނުވަތަ ފޮރިން މިނިސްޓްރީން އެއްޗެއް ބުނެފައެއް ނުވެ އެވެ.