8 ޖަނަވަރީ 2026 - 02:16 0
8 ޖަނަވަރީ 2026 - 02:16 0
ޖިއްދާ، ކިންގް އަބްދުﷲ ސްޓޭޑިއަމް (ޖެނުއަރީ 8) - ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެތުލެޓިކް ބިލްބާއޯ ފަސޭހަކަމާ އެކު، 5-0 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ޖިއްދާގެ ކިންގް އަބްދުﷲ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗުގައި ބާސެލޯނާ އިން ފުރަތަމަ ހާފު ނިންމާލީ ވެސް ހަތަރު ގޯލުގެ ލީޑަކާ އެކު އެވެ.
އެ ގޮތުން، މެޗުގެ 22 ވަނަ މިނިޓްގައި ބާސެލޯނާ އިން ލީޑުނެގީ، ފާމިން ލޮޕޭޒް ދިން ބޯޅައަކުން ފެރަން ޓޮރޭޒް ޖެހި ގޯލަކުންނެވެ. އޭގެ އަށް މިނިޓް ފަހުން، ބާސެލޯނާގެ ލީޑުފުޅާކޮށްދިން ލަނޑު ޖެހީ ފާމިން ލޮޕޭޒް އެވެ. އެއީ، ރަފީިނިއާ ތަަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ބާސެލޯނާގެ ތިން ވަނަ ލަނޑު 34 ވަނަ މިނިޓްގައި ޖެހީ ސްވިޑެންގެ ޒުވާން މިޑްފީލްޑަރު، ރޫނީ ބާދްގީ އެވެ. މި ލަނޑުޖަހަން ފުރުސަތު ހޯދައިދިނީ ފާމިން ލޮޕޭޒް އެވެ.
އޭގެ ހަތަރު މިނިޓް ފަހުން، ބާދްގީ ދިން ބޯޅައަކުން ބާސެލޯނާގެ ހަަތަރު ވަަނަ ލަނޑު ޖެހީ ރަފީނިއާ އެވެ. އަދި، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން، ހަތް މިނިޓް ތެރޭގައި، ބާދްގީ ދިން ބޯޅައަކުން ބާސެލޯނާގެ ރަފީނިއާ ވަނީ އެ ޓީމުގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ.
އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި ބާސެލޯނާއާ ކުޅޭނެ ޓީމެއް ކަނޑައެޅޭނީ މާދަމާރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑުން ކުޅޭ ސެމީ ފައިނަލް މެޗުންނެވެ.
Comment