7 ޖަނަވަރީ 2026 - 11:05 0
7 ޖަނަވަރީ 2026 - 11:05 0
ނިއު ދިއްލީ، އިންޑިއާ (ޖެނުއަރީ 7) - އަންނަ މަހު ފަށާ ޓީ20 ވޯލްޑް ކަޕްގައި ބަންގްލަދޭޝް ކުޅެން އޮތް މެޗުތަކަށް އިންޑިއާ އަށް ނުދާން ބަންގްލަދޭޝް ކްރިކެޓް ބޯޑް (ބީސީބީ) އިން ނިންމިއިރު، އެ ޓީމުގެ މެޗުތައް އެހެން ގައުމަކަށް ބަދަލުނުކޮށް ކުރިން ވެސް ތާވަލުކުރެވިފައި އޮތް ގޮތަށް ކުރިއަށްދާން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ނިންމައިފި އެވެ.
އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މާޗް އަށް ވަނަ ދުވަހުގެ ނިޔަލަށް ޓީ20 ކްރިކެޓް ވޯލްޑް ކަޕް ހޯސްޓްކުރަނީ އިންޑިއާ އާއި ލަންކާގަ އެވެ. އިންޑިއާއާ އެކު އޮތް މައްސަލަތަކުގެ ސަބަބުން، ޓީ20 ވޯލްޑް ކަޕްގައި ޕާކިސްތާންގެ މެޗުތައް ކުޅެނީ ލަންކާގަ އެވެ. އަދި، މުބާރާތުގެ ފައިނަލަށް ޕާކިސްތާން ގޮސްފިނަމަ އެ މެޗު ވެސް ކުޅެން ޖެހޭނީ ލަންކާގަ އެވެ. ޕާކިސްތާނެކޭ އެއްގޮތަށް ބަންގްލަދޭޝް އިން ވެސް އެ ގައުމުގެ މެޗުތައް ލަންކާގައި ކުޅޭ ގޮތަށް ހަދައިދޭން އައިސީސީ އަށް ހުށަހަޅަން ބަންގްލަދޭޝް ކްރިކެޓް ބޯޑުން ވަނީ ނިންމައިފަ އެވެ.
އައިސީސީއާ ހަވާލާދީ ކްރިކްބަޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަންގްލަދޭޝް އަށް އިންޑިއާގައި ކުޅެން އެއްވެސް ސެކިއުރިޓީގެ ހުރަހެއް އޮތް ކަމަށް ނުފެންނަ ކަމަށާއި އެހެން ކަމުން މިހާރު ވެސް އޮތް ގޮތަށް ބަންގްލަދޭޝްގެ މެޗުތައް ކުޅޭނީ އިންޑިއާގައި ކަމަށެވެ. އަދި، ބަންގްލަދޭޝް އިން މެޗު ކުޅެން އިންޑިއާ އަށް ނުގޮސްފިނަމަ، އެ މެޗުތައް އިދިކޮޅު ޓީމުތަކަށް ލިބޭނެ އެވެ.
ޓީ20 ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝް ކުޅޭ ހަތަރު މެޗެއް އޮތީ އިންޑިއާގައި ކުޅެން ތާވަލުކޮށްފަ އެވެ. އެކަމަކު، މިހާރު އޮތްގޮތުން، އައިސީސީ އަށް މި ވަނީ ބަންގްލަދޭޝް މެޗުތައް ބަދަލުކުރަން ޖެހިފަ އެވެ.
ބަންގްލަދޭޝް އިން އިންޑިއާ އަށް މެޗު ކުޅެން ނުދާގޮތަށް ނިންމި ނިންމުމަޑށް އަމަލުކުރަން ނިންމީ، ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ކުރިއަށް އޮތް ސީޒަނަށް ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އިން ގަތް، ބަންގްލަދޭޝްގެ މުސްތަފިޒުރް ރަހްމާން، އެ ޓީމުން ބާކީ ކުރަން އިންޑިއާގެ ކްރިކެޓް ބޯޑު، ބީސީސީއައި އިން އަންގައިގެން، އެ ގޮތަށް އަމަލުކުރުމުންނެވެ. ކުރިއަށް އޮތް އައިޕީއެލް ސީޒަނަށް، މިދިޔަ މަހުގެ އޯކްޝަނުގައި، ކޭކޭއާރް އިން މުސްތަފިޒުރް ގަތީ އެއް ލައްކަ ޑޮލަރު ދީފަ އެވެ.
ޖުމްލަ އެކު، 20 ޓީމު ވާދަކުރާ ޓީ20 ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ހިމެނެނީ، އިންޑިއާ، ޕާކިސްތާން، އެމެރިކާ، ނަމީބިއާ އަދި ނެދަލެންޑްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ، އޮސްޓްރޭލިއާ، ސްރީ ލަންކާ، ޒިމްބާބްވޭ، އޮމާން އަދި އަޔަލެންޑް އެވެ. ގްރޫޕް ސީގައި، މުޅިން އަލަށް ވޯލްޑް ކަަޕަށް ކޮލިފައިވި އިޓަލީން ވާދަކުރާނީ ނޭޕާލާއި ބަންގްލަދޭޝާއި ވެސްޓް އިންޑީސް އަދި އިންގްލެންޑް އެވެ. އަދި، ގްރޫޕް ޑީގައި ހިމެނެނީ، ނިއު ޒީލެންޑާއި ދެކުނު އެފްރިކާ، އަފްގާނިސްތާން، ކެނަޑާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ.
Comment