6 ޖަނަވަރީ 2026 - 15:07 0
6 ޖަނަވަރީ 2026 - 15:07 0
މެންޗެސްޓާ (ޖެނުއަރީ 6) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ޑިފެންޑަރު، ޖޮސްކޯ ގްވާޑިއޯލްގެ ފައި ކަށިމަތިން ބިންދައިގެން ގޮސް، ދިގުމުއްދަތަކަށް ކުޅުމާ ދުރުުގައި ހުންނަން ޖެހިއްޖެ އެވެ.
ޗެލްސީއާ 1-1 އިން އެއްވަރުވި މެޗުގައި ގްވާޑިއޯލް، 23، އަށް އަނިޔާވީ މެޗުގެ 51 ވަނަ މިނިޓްގަ އެވެ. މެޑިކަލް އެހީގައި އޭނާ ދަނޑުން ބޭލިއިރު، ހެދި ޓެސްޓްތަކަށް ފަހު އެނގުނީ، ފައިގެ ކަށިމަތިން ތަންކޮޅެއް ބިންދައިގެން ގޮސްފައިވާ ކަމެވެ.
ސިޓީން ބުނެފައިވަނީ، ގާޑިއޯލްގެ މި އަނިޔާއާ ގުޅިގެން އޭނާ އޮޕަރޭޝަނެއް ކުރަން ޖެހޭކަން ޔަގީންވެފައިވާ ކަމަށާއި އެނބުރި ކުޅުމަށް އާދެވޭނެ ދުވަހެއް އެނގޭނީ، އޮޕަރޭޝަނަށް ފަހު ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން، ކްރޮއޭޝިއާ ގައުމީ ޓީމުގެ މެޑިކަލް ޑޮކްޓަރުން އަންނަނީ ސިޓީގެ މެޑިކަލް ޑިޕާޓްމަންޓާ އެކު ވާހަކަ ދައްކައި ގްވާޑިއޯލްގެ މި އަނިޔާގެ ކަންކަން ކުރިއަށްދާ ގޮތް ބަލަމުންނެވެ. މި އަހަރު ޖޫން/ޖުލައި މަހު އޮންނަ ވޯލްޑް ކަޕްގައި ކުޅޭ ކްރޮއޭޝިއާ ޓީމަށް ގްވާޑިއޯލް އަކީ މުހިންމު ކުޅުންތެރިއެކެވެ.
ސިޓީން ގްވާޑިއޯލްގެ ސޮއިހޯދީ މީގެ ދެ އަހަރު ކުރިން އާރްބީ ލައިޕްޒިގަށް 100 މިލިއަން ޑޮލަރު ދީފަ އެވެ.
ލީގުގެ ދެ ވަނައިގައި އޮތް ސިޓީ އަށް މި ވަގުތު އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާއިރު، ގްވާޑިއޯލް އަށް އަނިޔާވުމުގެ ކުރިން ޖޯން ސްޓޯންސް ހުރީ އަނިޔާގަ އެވެ. އަދި، ޗެލްސީ މެޗުގައި، ރުބެން ޑިއާސް އަށް ވެސް އަނިޔާގެ މައްސަލައެއް ދިމާވެ، ބަދަލުކުރަން ޖެހުނެވެ.
ސިޓީން އަންނަނީ މި މަހު ހުޅުވިފައި އޮތް ޓްރާންސްފާ މާކެޓްގެ ތެރޭގައި ޑިފެންޑަރެއް ހޯދަން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ކްރިސްޓަލް ޕެލަސްގެ ޑިފެންޑަރު، މާކް ގޭހީ އަށް ސިޓީން ބިޑްކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ގޭހީގެ ސޮއި ހޯދަން މަސައްކަތް ކުރަމުން އަންނަ ލިވަޕޫލްގެ ވިސްނުން ހުރީ މި ސީޒަނަށް ފަހު، ގޭހީގެ ކޮންޓްރެކްޓް ހަމަވުމުން ހިލޭ ޓްރާންސްފާއެއްގައި އޭނާ ގެނައުމަށެވެ.
Comment