6 ޖަނަވަރީ 2026 - 14:20 0
ގައުމީ އަންހެން ފުޓްސަލް ޓީމުގެ ތަަރި ރާނިޔާ: އަނިޔާ އަށް ފަހު މި ފަހަރުގެ ފުޓްސަލް ޓީމުގެ ސްކޮޑުން ވަނީ ޖާގަ ހޯދައިފައި.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
6 ޖަނަވަރީ 2026 - 14:20 0
މި މަހު ތައިލެންޑުގައި ވާދަކުރާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ އަންހެން ފުޓްސަލް ޓީމުގެ ސްކޮޑު އެކުލަވާލައިފި އެވެ.
މި މަހުގެ 13-27 އަށް ތައިލެންޑުގެ ނޮންތަންބުރީގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ނެގި ރާއްޖޭގެ 14 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، މިދިޔަ މަހު ބޭއްވި އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި ކުޅުނު ގިނަ ކުޅުންތެރިން ހިމެނެ އެވެ.
އެ ގޮތުން، ވިމެންސް ފުޓްބޯލް ލީގުގައި ނުކުޅެ، ގައުމީ ސްކޮޑުން ޖާގަ ލިބުނު އެއް ކުޅުންތެރިއަކީ، ރާނިޔާ އިބްރާހިމް އެވެ. އަނިޔާ އިން ރިކަވާވެގެން ރާނިޔާ ވަނީ ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވެ، ފައިނަލް ސްކޮޑުން ޖާގަ ހޯދައިފަ އެވެ.
ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު، އާތިފް މުހައްމަދު (އާތީ) ނެގި ސްކޮޑުގައި ހިމެނޭ ދެ ކީޕަރުންނަކީ، ފާތިމަތު ސައުޝަން އާއިި ސާއިގާ ހުސެއިން އެވެ. ދެން، ހިމެނޭ 12 އައުޓްފީލްޑް ކުޅުންތެރިންނަކީ، ފާތިމަތު އަފްޒާ، ފާތިމަތު ސާލިޔާ، މަރިޔަމް ރިފާ، ފާތިމަތު އިނާޝާ އާދަމް، ރާނިޔާ އިބްރާހިމް، އައިމިނަތު ފަޒްލާ، ފާތިމަތު ސާއިނާ، މަރިޔަމް ނޫރާ، ފާތިމަތު ފައިހާ އަލީ، އައިމިނަތު ޝާމިލާ، މަރިޔަމް ޝަފާ ބިންތި އަހުމަދު އަލީ އަދި ހައްވާ ހަނީފާ އެވެ.
ޓީމުގެ އެސިސްޓަންޓް ކޯޗަކީ، މުހައްމަދު އިހުސާން ސައީދު (ލިއުބީ) އެެވެ. ގޯލްކީޕަރު ކޯޗަކަށް އިބްރާހިމް އަހުމަދު ހަމަޖައްސާފައިވާއިރު، މެނޭޖަރަކީ، އައިމިނަތު ސިޔާނާ އެވެ.
ސާފްގެ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ފުރަތަމަ މެޗުގައި، ޖެނުއަރީ 13 ވަނަ ދުވަހު އިންޑިއާއާ ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި، ޖެނުއަރީ 15 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި، ޖެނުއަރީ 17 ވަނަ ދުވަހު ޕާކިސްތާނާ ކުޅުމަށް ފަހު، ހަތަރު ވަނަ މެޗުގައި ޖެނުއަރީ 21 ވަނަ ދުވަހު ބޫޓާނާ ބައްދަލުކުރާނެ އެވެ. ފަސް ވަނަ މެޗުގައި، ޖެނުއަރީ 23 ވަނަ ދުވަހު ބޫޓާނާ ކުޅުމަށް ފަހު، ފަހު މެޗުގައި ޖެނުއަރީ 25 ވަަނަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.
Comment