about 22 hours 0
ސާފް ފުޓްސަލް މުބާރާތަށް ރާއްޖޭގެ ޕްރެކްޓިހެއްގެ ތެރެއިން ސައްޓު.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
about 22 hours 0
ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމަށް މި މަހު ތައިލެންޑުގައި ކުރިއަށްދާ ސާފް ފުޓްސަލް މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ޓީމުގެ ތަރި، އިޝާން އިބްރާހިމް (ސައްޓު) ބުނެފި އެވެ.
ތައިލެންޑުގައި މި މަހުގެ 13-26 އަށް ކުރިއަށްދާ ސާފްގެ އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތަކީ، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ ފުރަތަމަ ފުޓްސަލް މުބާރާތެވެ.
ސާފް ފުޓްސަލް މުބާރާތަށް ގަައުމީ ފިރިހެން ފުޓްސަލް ޓީމުން ޕްރެކްޓިސް ފެށީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އުޒްބެކިސްތާންގެ ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން މާލޭގައި މަހެއްހާ ދުވަހު ޕްރެކްޓިސްތައް ކުރިއަށްގެންދިއުމަށް ފަހު، މިހާރު އަންނަނީ ޗައިނާ އަށް ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުންނެވެ. މިއީ، މި ގޮތަށް ޓްރެއިނިން ކޭމްޕެއް ފުރިހަަމަކުރާ ފުރަތަމަ ފަހަރެެވެ.
"އަދަދު ސްޕޯޓްސް" އަށް މާލޭގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ސެޝަނަކަށް ފަހު ދިން އިންޓަވިއުއެއްގައި ސައްޓު ބުނީ، ބޭރު ކޯޗަކާ އެކު މަސައްކަތް ކުރަން ފެށުމުން ރާއްޖޭގައި ކުޅޭ ގޭމަށް ބަދަލުތަކެއް އަންނަން ފަށާފައިވާ ކަމަށެވެ.
"އަހަރެމެން މިހާރު އަސްލު މި ކުޅޭ ގޭމަށް ވަރަށް ބޮޑަށް ތަފާތު، ފުރަތަމަ ދުވަހުން ފެށިގެން، ވެސް ކޯޗު މަޑުމަޑުން އޭނަ ކުޅުވަން ބޭނުންވާ ގޭމް އަހަރެމެން ޓީމު ތެރެއަށް ކިޔައިދެމުން ކިޔައިދެމުން ގޮސް މިހާރު އެންމެ ފަހުން ދެ ޕްރެކްޓިސް މެޗު ޖެހިއިރު ވެސް މަޑުމަޑުން އެބައާދޭ އަޅުގަނޑުމެން މެޗުގައި ހަދަން ބޭނުންވާ އެއްޗެއްސާއި ސެޓްޕީސްތަކާ މި އެއްޗެހި މަޑުމަޑުން އެބައާދޭ، ޓޯނަމެންޓަށް ދާއިރު ޓީމު ރަނގަޅަށް އިންނާނެ ކަމަށް ބަަލަނީ،" ސައްޓު ބުންޏެވެ.
ރާއްޖޭން ވަނީ އޭޝިއަން ފުޓްސަލް ކަޕްގެ ތިން ކޮލިފައިން ބުރުގައި މީގެ ކުރިން ކުޅެފަ އެވެ. ރާއްޖެ އަށް ވުރެން އެތައް ދަރަޖައެއް ރޭންކިން މަތި ޓީމުތަކާ ދެކޮޅަށް ކުޅެ، އެކަށީގެންވާ ނަތީޖާތަކެއް ނެރެފައިވެ އެވެ. ސައްޓު ބުނީ، ތިން ފަހަރު ވެސް ވާދަކުރަން ޖެހުނީ ހުނަރާއި ރޭންކިން އަށް ބެލިޔަސް ތަފާތު ޓީމުތަކާ ދެކޮޅަށް ކަމަށެވެ.
"ވާދަކުރަން މި ޖެހުނީ، އަޅުގަނޑުމެންނަށް ވުރެން ރޭންކިން ވެސް ހައި، ސްކިލް ލެވަލަށް ބަލާއިރު ހުރިހާ ކަމަކަށް ބެލިޔަސް، މާ ހައި ރޭންކިން ޓީމުތަކަކާ އެހެންވީމަ ކަންނޭނގެ ރާއްޖެ އަށް ފުޓްސަލްގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވިގެން މި އުޅެނީ އިންޓަނޭޝަނަލް މެޗުތަކުގައި،" ސައްޓު ބުންޏެވެ.
"އެކަމު، މި ފަހަރު ސާފްގައި އަލަށް ވާދަކުރާ މުބާރާތް ވީމަ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ އަޅުގަނޑުމެންނަށް ރަނގަޅު ނަތީޖާއެއް މިހާރު މި އޮތް ޓީމަށް އަސްލު ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށް. އެއީ، މި ވޯލްޑް ރޭންކިން އާއި އޭޝިއަން ރޭންކިން އަށް ބަލާއިރު އަނެއްހެން، މާ ބޮޑު ތަފާތެއް ނެތް ކަންނޭނގެ ރާއްޖެއާ މި ސަރަހައްދުގެ ގައުމުތަކާ، އެހެންވީމަ، އަޅުގަނޑުމެން އުންމީދު ކުރަނީ، އަޅުގަނޑުމެން މި ތައްޔާރުވަނީ ވެސް ރަނގަޅު ނަތީޖާއެއް ހޯދަން،"
ޗައިނާގައި ރާއްޖޭން ޕްރެކްޓިސް ދެ މެޗެއް މިހާތަނަށް ކުޅެފައިވެ އެވެ. އަދި، ޕްރެކްޓިސް ފަހު މެޗު މިއަދު ކުޅުމަށް ފަހު ސްކޮޑު ފައިނަލް ކުރާނެ އެވެ. ޗައިނާ ކޭމްޕްގައި 17 ކުޅުންތެރިން ބައިވެރިވާއިރު، ސްކޮޑު ކުޑަކުރަނީ، 14 ކުޅުންތެރިންނަށެވެ.
ގައުމީ ފިރިހެން ފުޓްސަލް ޓީމު މުބާރާތަށް ތައިލެންޑަށް ދާނީ ޗައިނާ މަގުންނެވެ.
ސާފް ފުޓްސަލް މުބާރާތް ކުރިއަށްދަނީ ލީގު ފޯމެޓަށެވެ. ރާއްޖޭން ކުޅޭ ފުރަތަަމަ މެޗުގައި ޖެނުއަރީ 14 ވަނަ ދުވަހު ޕާކިސްތާނާ ބައްދަލުކުރާނެ އެވެ. ދެ ވަަަނަ މެޗުގައި ޖެނުއަރީ 16 ވަނަ ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި ޖެނުއަރީ 20 ވަނަ ދުވަހު، އިންޑިއާއާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި ޖެނުއަރީ 22 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ފަސް ވަނަ މެޗުގައި ޖެނުއަރީ 24 ވަނަ ދުވަހު، ބޫޓާނާ ކުޅުމަށް ފަހު، މުބާރާތުގައި ރާއްޖޭން ފަހު މެޗުގައި، ޖެނުއަރީ 26 ވަަނަ ދުވަހު ބައްދަލުކުރާނީ، ސްރީ ލަންކާއާ އެވެ.
Comment