about 11 hours 0
އައްޒާމް އަލިފުޅު
ސާފް ފުޓްސަލް މުބާރާތަށް ތައްޔާރުވާ ގައުމީ އަންހެން ފުޓްސަލް ޓީމުން ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ފަރިތަކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
about 11 hours 0
ދެކުނު އޭޝިއާގެ ފުޓްބޯޅަ އިދާރާ، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ފުރަތަމަ ފަަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް މި މަހު 13-26 އަށް ތައިލެންޑްގައި ކުރިއަށްދާނެ އެވެ. އެ ގޮތުން، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ، އަންހެން އަދި ފިރިހެން ޑިވިޝަނުގައި ކުޅޭ 14 ޓީމުގެ ތެރެއިން، އިންޑޯއެއްގައި ފަރިތަނުކުރެވި މުބާރާތް ކުޅެން ޖެހޭނެ ހަމައެކަނި ޓީމަކީ ރާއްޖޭގެ އަންހެން ޓީމަށް ވުމުގެ ފުރުސަތު ބޮޑެވެ.
އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ ކުޅުން މިދިޔަ މަހު 23 ވަނަ ދުވަހު ނިމުނުތާނާހެން، ގައުމީ އަންހެން ފުޓްސަލް ޓީމުގެ ޕްރެކްޓިސްތައް ފެށުނެވެ.
ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުން ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ސާފް ފުޓްސަލް މުބާރާތަށް ޕްރެކްޓިސް ފެށި އެވެ.
އުޒްބެކިސްތާންގެ ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ފިރިހެން ގައުމީ ފުޓްސަލް ޓީމުން މަހެއްހާ ދުވަހު، ހުޅުމާލޭ ރެެހެންދި ފުޓްސަލް ދަނޑުގައި ޕްރެކްޓިސްކޮށް، މި ވަގުތު ޗައިނާގައި ތިބީ، މުބާރާތުގެ ކުރިން އިންޑޯގައި ޕްރެކްޓިސްތައް ކުރިއަށްގެންދިއުމަށެވެ.
"އަދަދު ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުގައި، އެފްއޭއެމް އިން ފުރަތަމަ މަސައްކަތް ކުރީ ފިރިހެން އަދި އަންހެން ޓީމަށް ވެސް ޗައިނާ ސަރުކާރުގެ އެހީގައި، އެ ގައުމުގައި ޓްރެއިނިން ކޭމްޕެއް ހޯދައިދިނުމަށެވެ. އެކަމަކު، މި ފަހަރު އެ ފުރުސަތު ލިބުނީ ހަމައެކަނި ފިރިހެން ޓީމަށެވެ.
"ވަން ސްޕޯޓްސް" އަށް ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު އާތިފް މުހައްމަދު (އާތީ) ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ގައުމީ ފިރިހެން ފުޓްސަލް ޓީމުގެ ކޯޗު، ފާރޫކްގެ އިރުޝާދުތައް އަންހެން ޓީމުގެ ކަންކަން ރޭވުމުގައި ވެސް ލިބެމުން އަންނަ ކަމަށެވެ. އަދި، ސާފް ފުޓްސަލް މުބާރާތުގައި ވާދަކުރާ އެހެން އަންހެން ޓީމުތަކުން އިންޑޯއެއްގައި ޕްރެކްޓިސްކޮށްފައި މުބާރާތަށްދާއިރު، ރާއްޖެ އަށް އެ ފުރުސަތު ނުލިބި އޮތުމަކީ "ޗެލެންޖަކަށް" ވާނެ ކަމަށެވެ.
"މިއީ، ދެން ސަރަހައްދީ ފުރަތަމަ މުބާރާތް. އެހެން ގައުމުތަކުވެސް އިންޑޯ އަންހެން މުބާރާތްތައް އޮންނަހެން ހީއެއް ނުވޭ. އެކަމަކު، އިންޑޯ އެހެން ހަރަކާތްތައް ހިނގާނެ އެހެން ގައުމުތަކުގައި. ދެން، މި އަހަރު މުބާރާތް އިއުލާނުކުރުމާއެކު ދެން ހުރިހާ ގައުމަކުން ޕްރެކްޓިސް މި ފެށީ އިންޑޯގައި. އެހެންވީމަ، އެއީ، ޗެލެންޖެއް. ދެން، އެ ޗެލެންޖާ އެކުވެސް ސަރަހައްދީ ގައުމުތަކަށް ރަނގަޅު ފައިޓެއް ދީ، ރަނގަޅު ހިސާބަކަށް ދާން މި ވިސްނަނީ،" އާތީ ބުންޏެވެ.
ސާފް ފުޓްސަލް މުބާރާތްތަކުގައި ވާދަކުރާ އަންހެން ޓީމުތަކުގެ ތެރެއިން، ރާއްޖެ ފިޔަވައި، ދެން ހުރިހާ ޓީމަކުން ވެސް އިންޑޯގައި ތަމްރީނު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ގޮތުން، ޕާކިސްތާނުން އީރާނުގެ ކޯޗިން ޓީމަކާ އެކު، އެ ގައުމުގެ ވޮލީ/ނެޓްބޯޅަ ކުޅޭ އިންޑޯއެއްގައި ފަރިތަކުރުންތައް ކުރިއަށް އެބަގެންދެ އެވެ. އަދި، އިއްޔެ، ބަންގްލަދޭޝްގެ އަންހެން އަދި ފިރިހެން ފުޓްސަލް ޓީމުން ވަނީ ސާފް ފުޓްސަލް މުބާރާތް ކުޅޭ ތައިލެންޑަށް ޓްރެއިނިން ކޭމްޕަކާ އެކު މުބާރާތަށް ގޮސްފަ އެވެ.
އެފްއޭއެމް އިން އަންނަނީ މާލެ ސަރަހައްދުގެ އިންޑޯއެއްގައި އަންހެން ފުޓްސަލް ޓީމަށް ޕްރެކްޓިސް ކުރުމުގެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރުމަށެވެ.
އެ ގޮތުން، ސޯޝަލް ސެންޓަރު އިންޑޯގައި ޕްރެކްޓިސް ކުރިއަށްގެންދަން ވެސް ސްޕޯޓްސް މިނިސްޓްރީގައި އެދިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އަދި، ޝޫޓިން ޕްރެކްޓިސް ނުކޮށް، ބޯލް މޫވްމަންޓާ އެކު، އިންޑޯއެއްގައި ޓްރެއިނިން ގެންދަން އެދުމުން ވެސް އެ ފުރުސަތު ލިބިފައިނުވާކަން ވަނީ އެނގިފަ އެވެ.
މީގެ ކުރިން، އެއް ފަހަރު، ފިރިހެން ފުޓްސަލް ޓީމު ވަނީ ސޯޝަލް ސެންޓަރު އިންޑޯގައި ޓްރެއިނިން ގެންގޮސްފަ އެވެ. އެ ފަހަރު ވެސް، ސޯޝަލް ސެންޓަރު ބޭނުންކުރަމުން އަންނަ ކުޅިވަރު އެސޯސިއޭޝަންތަކުން އެކަމާ ކަންބޮޑުވުންތައް ހިއްސާކުރި އެވެ.
އެކަމަކު، ކުޅިވަރު ނޫން ހަރަކާތްތަކަށް ވެސް ސޯޝަލް ސެންޓަރު އިންޑޯ އަންނަނީ ބޭނުން ކުރަމުންނެވެ. ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓު ހޫނުވުމުގެ މައްސަލަ ހައްލުކޮށް، އޭސީކުރި ފަހުން އެކަންކަން ވަނީ އިތުރުވެފަ އެވެ.
އެކަމާ ހެދި ކުޅިވަރު އެސޯސިއޭޝަންތަކުން ތާވަލުކޮށްފައިވާ ކަލަންޑަރަށް ވެސް ބަދަލު ގެންނަން ޖެހިފައިވެ އެވެ.
ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުން މީގެ ކުރިން އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ތިން ފަހަރު ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެއް މުބާރާތުގެ ކުރިން ތައިލެންޑުގައި އިންވިޓޭޝަނަލް ކަޕެއް ވެސް ކުޅުނެވެ. ސޯޝަލް އިންޑޯގައި އެއް ފަހަރު ޕްރެކްޓިސް ކުރަން ލިބުނުއިރު، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ މެޓްގައި ވެސް ޕްރެކްޓިސް ކުރިއަށްގެންދިޔަ އެވެ.
ގައުމީ ފިރިހެން ފުޓްސަލް ޓީމުން ސޯޝަލް އިންޑޯގައި ޕްރެކްޓިސް ކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ
މީގެ ދެ މަސް ކުރިން، އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިން އަށް ރާއްޖޭގެ ފިރިހެން ޓީމުން ވެސް ވާދަކުރަން ޖެހިފައިވަނީ، އިންޑޯއެއްގައި ފަރިތަކުރުމުގެ ފުރުސަތު ނުލިބި، މާފަންނު ޓާފް ދަނޑުގައި ޕްރެކްޓިސް ކުރުމަށް ފަހު އެވެ.
މި ފަހަރުގެ ސާފް ފުޓްސަލް މުބާރާތަށް ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު ތައްޔާރުވާއިރު، އިންތިޒާމްތައް ރޭވިފައި މި އޮތީ ވަރަށް ދެރަކޮށެވެ. މުޅިން އަލަށް ރާއްޖެ ތަމްސީލް ކުރަން އަންހެން ފުޓްސަލް ޓީމެއް ބައިނަލްއަގުވާމީ މުބާރާތަކަށް ދާން ޖެހިފައި މި އޮތީ މި ވަގުތުގެ ހާލަތަށް ބަލާއިރު، އިންޑޯއެއްގައި ތަމްރީނު ކުރުމުގެ ފުރުސަތު ވެސް ނެތި އެވެ.
މިދިޔަ ސަރުކާރުގެ ކުޅިވަރާ ބެހޭ މިނިސްޓަރު، އަހުމަދު މަހުލޫފް، ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ދައުރު ނިމުމުގެ ކުރިން ފުޓްސަލް އިންޑޯއެއް އަޅާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު، ދައުރު ނިމުނުއިރު، އެ އަށް އަމަލީ ސިފައެއް ނާދެ އެވެ. އަދި، މި ސަރުކާރު ފެށިގެން ހަފްތާ 14 ގެ ތެރޭގައި، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އާއި އެޗްޑީސީ އަދި، ފިނޭންސް މިނިސްޓްރީން ފުޓްސަލް/ނެޓްބޯލް ކޮމްޕެލްކްސްގެ ބިމާ ގުޅޭ އެއްބަސްވުމެއް ވެސް ހެދި އެވެ.
އެ ގޮތުން، ސަރުކާރުގެ ދެ މިނިސްޓްރީ އާއި އެޗްޑީސީން، 24 ފެބްރުއަރީ 2025 ގައި، ނެޓްބޯލް އާއި ފުޓްސަލް ކޮމްޕްލެކްސްގެ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރިއިރު، "އަދަދު ސްޕޯޓްސް" އިން ހުށަހެޅި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު (އާރްޓީއައި)ގެ ޖަވާބުގައި، ނޮވެމްބަރު 16 ވަނަ ދުވަހު، މިނިސްޓްރީން ބުނެފައިވަނީ، ނެޓްބޯޅަ އާއި ފުޓްސަލް ކޮމްޕެލްކްސްގެ، "މަސައްކަތް ނުފަށާ،" ކަމަށެވެ.
Comment