Advertisement

ޓީ20 ވޯލްޑް ކަޕް ކުޅެން އިންޑިއާ އަށް ނުދާން ބަންގްލަދޭޝް އިން ނިންމައިފި

5 ޖަނަވަރީ 2026 - 11:13 0


ޓީ20 ވޯލްޑް ކަޕް ކުޅެން އިންޑިއާ އަށް ނުދާން ބަންގްލަދޭޝް އިން ނިންމައިފި

5 ޖަނަވަރީ 2026 - 11:13 0

ޑާކާ، ބަންގްލަދޭޝް (ޖެނުއަރީ 5) - އަންނަ މަހު ފަށާ ޓީ20 ވޯލްޑް ކަޕްގައި ބަންގްލަދޭޝް ކުޅެން އޮތް މެޗުތަކަށް އިންޑިއާ އަށް ނުދާން ބަންގްލަދޭޝް ކްރިކެޓް ބޯޑް (ބީސީބީ) އިން ނިންމައިފި އެވެ.

އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މާޗް އަށް ވަނަ ދުވަހުގެ ނިޔަލަށް ޓީ20 ކްރިކެޓް ވޯލްޑް ކަޕް ހޯސްޓްކުރަނީ އިންޑިއާ އާއި ލަންކާގަ އެވެ.

އިންޑިއާއާ އެކު އޮތް މައްސަލަތަކުގެ ސަބަބުން، ޓީ20 ވޯލްޑް ކަޕްގައި ޕާކިސްތާންގެ މެޗުތައް ކުޅެނީ ލަންކާގަ އެވެ. އަދި، މުބާރާތުގެ ފައިނަލަށް ޕާކިސްތާން ގޮސްފިނަމަ އެ މެޗު ވެސް ކުޅެން ޖެހޭނީ ލަންކާގަ އެވެ. ޕާކިސްތާނެކޭ އެއްގޮތަށް ބަންގްލަދޭޝް އިން ވެސް އެ ގައުމުގެ މެޗުތައް ލަންކާގައި ކުޅޭ ގޮތަށް ހަދައިދޭން އައިސީސީ އަށް ހުށަހަޅަން ބަންގްލަދޭޝް ކްރިކެޓް ބޯޑުން އިއްޔެ ވަނީ ނިންމައިފަ އެވެ.

ބަންގްލަދޭޝް އިން އިއްޔެ ބޭއްވި އިމަޖެންސީ ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ގައުމުން އިންޓަނޭޝަނަލް ކްރިިކެޓް ކައުންސިލަށް އަންގާފައިވަނީ، ޓީ20 ވޯލްޑް ކަޕްގައި ކުޅެން އިންޑިއާ އަށް ދާން ބަންގްލަދޭޝް ޓީމަށް ރައްކާތެރި މާހައުލެއް އޮތް ކަމަށް ނުފެންނާތީވެ، މެޗުތަކަށް އިންޑިއާ އަށް ދެވެން ނެތް ކަމަށެވެ.

ބަންގްލަދޭޝް އިން މި ގޮތަށް އަމަލުކުރަން ނިންމީ، ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ކުރިއަށް އޮތް ސީޒަނަށް ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އިން ގަތް، ބަންގްލަދޭޝްގެ މުސްތަފިޒުރް ރަހްމާން، އެ ޓީމުން ބާކީ ކުރަން އިންޑިއާގެ ކްރިކެޓް ބޯޑު، ބީސީސީއައި އިން އަންގައިގެން، އެ ގޮތަށް އަމަލުކުރުމުންނެވެ.

ކުރިއަށް އޮތް އައިޕީއެލް ސީޒަނަށް، މިދިޔަ މަހުގެ އޯކްޝަނުގައި، ކޭކޭއާރް އިން މުސްތަފިޒުރް ގަތީ އެއް ލައްކަ ޑޮލަރު ދީފަ އެވެ.

އެކަމަކު، ބީސީސީއައި އިން އެންގުމުން ކޭކޭއާރް އިން ވަނީ މުސްތަފިޒުރް ޓީމުން ބާކީކޮށްފަ އެވެ. މުސްތަފިޒުރް ޓީމުން އުނިކުރަން ކޭކޭއާރް އަަށް ބީސީސީއައި މެދުވެރިކޮށް އެންގީ އިންޑިއާގެ ސަރުކާރުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ، ބަންގްލަދޭޝް އާއި އިންޑިއާގައި މި ވަގުތު ހިންދޫ ދީނުގެ މީހުންނާއި މުސްލިމުންގެ މެދުގައި، ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ދިމާކޮށް، މުސްތަފިޒުރްއާ ދެކޮޅަށް އިންޑިއާގެ ސިޔާސީ ފަރާތްތަކުން ޝުއޫރުފާޅުކުރަން ފެށުމުންނެވެ. އަދި، ކަލްކަތާގެ އެއް ހިއްސާދާރު، މަޝްހޫރު ފިލްމީ ތަރި، ޝާރުކް ހާން އަށް ވެސް ވަނީ ކޭކޭއާރް އިން މުސްތަފިޒުރް ގެންނަން ނިންމުމުން ފާޑުކިޔުން އަމާޒުވެފަ އެވެ

ޖުމްލަ އެކު، 20 ޓީމު ވާދަކުރާ ޓީ20 ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ހިމެނެނީ، އިންޑިއާ، ޕާކިސްތާން، އެމެރިކާ، ނަމީބިއާ އަދި ނެދަލެންޑްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ، އޮސްޓްރޭލިއާ، ސްރީ ލަންކާ، ޒިމްބާބްވޭ، އޮމާން އަދި އަޔަލެންޑް އެވެ. ގްރޫޕް ސީގައި، މުޅިން އަލަށް ވޯލްޑް ކަަޕަށް ކޮލިފައިވި އިޓަލީން ވާދަކުރާނީ ނޭޕާލާއި ބަންގްލަދޭޝާއި ވެސްޓް އިންޑީސް އަދި އިންގްލެންޑް އެވެ. އަދި، ގްރޫޕް ޑީގައި ހިމެނެނީ، ނިއު ޒީލެންޑާއި ދެކުނު އެފްރިކާ، އަފްގާނިސްތާން، ކެނަޑާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ.

ޓީ20 ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝް ކުޅޭ ހަތަރު މެޗެއް އޮތީ އިންޑިއާގައި ކުޅެން ތާވަލުކޮށްފަ އެވެ. އެކަމަކު، މިހާރު އޮތްގޮތުން، އައިސީސީ އަށް މި ވަނީ ބަންގްލަދޭޝް މެޗުތައް ބަދަލުކުރަން ޖެހިފަ އެވެ.