ސަންޓޯސް (ޖެނުއަރީ 1) - ކަކުލުގެ އޮޕަރޭޝަނެއްކޮށް ފިޓްވުމަށް މަސައްކަތް ކުރަމުން އަންނަ ބްރެޒިލްގެ ތަރި، ނޭމާ، އެންމެ ފަހުން ކުޅުނު ބްރެޒިލްގެ ސަންޓޯސްއާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް އާ ކޮށްފި އެވެ.
ނޭމާ، 33، ވާތު ކަކުލުގެ މެނިސްކަސް އަށް ލިބުނު އަނިޔާއާ އެކު ކުޅުމަށް ފަހު، ދާދި ފަހުން ވަނީ އޮޕަރޭޝަނެއްކޮށްފަ އެވެ. މި ސާޖަރީ ކުރިއަށްގެންދިޔައީ ބްރެޒިލް ގައުމީ ޓީމުގެ ޑޮކްޓަރުގެ ބެލުމުގެ ދަށުންނެވެ. އެ ޑޮކްޓަރަކީ، 2023 ވަނަ އަހަރު ނޭމާގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވުމުން ވެސް އޮޕަރޭޝަން ކުރިއަށްގެންދިޔަ ޑޮކްޓަރެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ކުރީގެ ކްލަބް، ސަންޓޯސް އަށް ނޭމާ ސޮއިކުރީ، ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުން ހަމަވުމުން، ނޭމާ، އަލުން ޔޫރަޕްގެ ޓީމަކަށް ބަދަލުވާނެ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު، ނޭމާ ވަނީ، މިދިޔަ މަހުގެ ނިޔަަލަަށް ސަންޓޯސްއާ އެކު ކޮންޓްރެކްޓް އާ ކޮށް، މުސްތަގުބަލާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް ނިމުމެއް ގެނެސްފަ އެވެ.
ސަންޓޯސް އިން އެންމެ ފުރަތަމަ ބޭނުންވީ އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުޅޭ ފީފާ ވޯލްޑް ކަޕާ ހަމައަށް ނޭމާ އެ ޓީމުގައި މަޑުކުރުވުމަށެވެ. އެކަމަކު، އެ ކްލަބާ އެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހު ނޭމޭ ނިންމީ މި އަހަރުގެ ޑިސެމްބަރުގެ ނިޔަަލަށް އެ ކްލަބާ އެކު ކޮންޓްރެކްޓް ހެދުމަށެވެ. އަދި، ނޭމާ ވަނީ އެ ޓީމާ އެކު އެއް އަހަރަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ.
މިދިޔަ ސީޒަނުގައި ނޭމާ ވަނީ ސަންޓޯސް އަށް ކުޅެދިން 30 މެޗުން 11 ގޯލު ޖަހައި، ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އަދި، އެންމެ ފަހުން ކުޅުނު ފަހު މަހުގައި ނޭމާ މެޗުތަކުގައި ކުޅުނީ މެނިސްކަސް އަށް ލިބިފައިވާ އަނިޔާއަކާ އެކުގަ އެވެ.
Comment