Advertisement

ކުށްކުރާ ކުދިން އެންމެ ގިނައީ ހުޅުމާލެ ފޭސް ދޭއްގައި ކަމަށް ފުލުހުން ބުނެފި

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝަރީފް: ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިތުރުވެފައިވާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި -- ފޮޓޯ: ޕޮލިސް


ކުށްކުރާ ކުދިން އެންމެ ގިނައީ ހުޅުމާލެ ފޭސް ދޭއްގައި ކަމަށް ފުލުހުން ބުނެފި

ކުށްކުރާ ކުދިން އެންމެ ގިނައީ މީހުން އަލަށް އާބާދުވަމުން އަންނަ ހުޅުމާލެ ފޭސް 2 ގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް ކްރައިމްސް އެގެއިންސްޓް ޗިލްޑްރަންސް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝަރީފް ވިދާޅުވީ ގްރޭޓާ މާލޭ އޭރިއާގެ ހުރިހާ ސަރަހައްދެއްގައި ވެސް ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ގިނައިރު، އެފަދަ ކުދިން އެންމެ ގިނައީ ހުޅުމާލެ ފޭސް 2 ގައި ކަން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ކުށްކުރާ ކުދިން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން. ދެން ގްރޭޓާ މާލޭ އޭރިއާގައި ހަމަ ހުރިހާ ހިސާބެއްގައި ވެސް އަޅުގަނޑުމެންނަށް މިކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ،" މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

"އެއީ ވިލިމާލެ ކަމުގައިވިޔަސް އަދި ހުޅުމާލެ ކަމުގައިވިޔަސް އަދި މާލޭ އޭރިއާ ކަމުގައިވިޔަސް އަދި ހާއްސަކޮށް ހުޅުމާލޭގެ ފޭސް 2 އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވަނީ ހަމަ މިގޮތަށް ކުށްކުރާ ކުދިން މިވަގުތު ވަރަށް ގިނަ ތަނެއްގެ ގޮތުގައި. އެހެންވީމަ ވަރަށް ގިނައިން އެޓެންޑުކުރަން ޖެހިފައި އޮތް އޮތުމެއް މީގެ ތެރޭގައި އޮތްކަން އަޅުގަނޑުމެން ފާހަގަކުރަން."

މުހައްމަދު ޝަރީފް ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން މަދު ކުރުމަށް އަންނަ އަހަރު ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި އެކަން ހައްލު ކުރުމަށް އެކި މަސައްކަތްތައް ފުލުހުން ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންވެސް ކަންބޮޑުވާ އަދަދަކަށް ކުޑަކުދިން ކުށްކުރުމުގެ ތެރޭގައި މިއަދު އުޅެމުންދާކަން ވަރަށް ބޮޑަށް ފާހަނގަ ކުރެވިފައި އެބަ އޮވޭ. ދެން އަޅުގަނޑުމެން އުންމީދު މިކުރަނީ މިކުރާ މަސައްކަތުން މިކަމަށް ހައްލު ހޯދަން މިކުރާ މަސައްކަތްތަކުގެ ތެރޭގައި 2025 ވަނަ އަހަރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައި މިވަނީ،" މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

"އެހެންނަމަވެސް 2026 ވަނަ އަހަރަކީ މިކަމަށް ހާއްސަ މަސައްކަތްތަކެއް ކުރެވިގެންދާނެ އަހަރެއް ގޮތުގައި އަޅުގަނޑުމެން އުންމީދު މިކުރަނީ،. ދެން އެކަމުގައި އަޅުގަނޑުމެން މަސައްކަތްތަކެއް ވެސް ކުރަމުން އެބަ ގެންދަން."

މުހައްމަދު ޝަރީފް ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ 300 އަށްވުރެ ގިނަ ކުޑަކުދިންގެ މައުލޫމާތު އެއްކޮށް ލިސްޓެއް އެކުލަވާލައި އެ ކުދިންގެ ބެލެނިވެރިންނާ ހަމައަށް ވާސިލުވެ އެ ކުދިން ކުށުގެ ވެށީގައި އުޅޭގޮތް ބެލެނިވެރިންނަށް ކިޔައިދީ އެކަމަށް ބެލެނިވެރިންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ހަމަ ކުރިއަށް އޮތް ދުވަސްތަކަކީ މި ދަންނަވާލިހެން ބެލެނިވެރިންނާއި އަޅުގަނޑުމެން ގުޅިގެން ކުރެވޭ މަސައްކަތުގެ ދަށުން ރަނގަޅު ނަތީޖާތަކެއް މިކަމުގައި ކުރިއަށް ނެރެވި ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކާއެކީގައި މަސައްކަތްތަކެއް ކުރެވި ރަނގަޅު ފިޔަވަޅުތަކެއް އެޅިގެންދާނެ ދުވަސްތަކެއް ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ދާދި ފަހުން ވިދާޅުވީ މަގުމަތި ޕެޓްރޯލް ކުރާއިރު ވެސް ކުޑަކުދިންގެ ކަންކަން ވަރަށް ކަންބޮޑުވާ ހިސާބަކަށް ގޮސްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

އެގޮތުން ކުށުގެ މާހައުލުގައި އުޅޭ މީހުންނަށްވުރެ މިހާރު އެންމެ ގިނައިން މަގުމަތިން ފެންނަނީ ކުޑަކުދިން ކަމަށާއި ގިނަ ކުދިންނަކީ އަލަށް މަގުމައްޗަށް ނިކުމެ އުޅޭ ކުދިން ކަމަށް އޭނާ ވިދާޅުވި އެވެ.