Advertisement

ސިޓީ މެޗުގެ ވީއޭއާރް އޯޑިއޯ ހޯދަން ފޮރެސްޓުން އެދެފި

about 2 hours 0


ސިޓީ މެޗުގެ ވީއޭއާރް އޯޑިއޯ ހޯދަން ފޮރެސްޓުން އެދެފި

about 2 hours 0

ލަންޑަން (ޑިސެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު މެންޗެސްޓާ ސިޓީ އަތުން 2-1 އިން ނޮޓިންހަމް ފޮރެސްޓް ބަލިވި މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ރޫމުން މެޗުގެ ރެފްރީ، ރޮބް ޖޯންސާ ދެއްކި ވާހަކަތަކުގެ އޯޑިއޯ ހޯދަން ފޮރެސްޓުން އެދިއްޖެ އެވެ.

އިނގިރޭސި ރެފްރީންގެ އިސް ޖަމިއްޔާ، ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް)ގައި ފޮރެސްޓުން އެދިފައިވަނީ، ސިޓީ އާއި ފޮރެސްޓް މެޗުގެ މުހިންމު ކަންތައްތައް ހިނގައިދިޔައިރު، ރެފްރީއާ ކުރެވުނު މުއާމަލާތުތައް އެނގެން ބޭނުންވާ ކަމަށެވެ.

ފޮރެސްޓުގެ ކޯޗު، ޝޯން ޑައިޝް ވަނީ، ސިޓީން އެ މެޗުން މޮޅުވި ގޯލު ރަޔާން ޗާކީ ކާމިޔާބުކުރީ ގޯސްކޮށް ކަމަށާއި އޭގެ ކުރިން ފޮރެސްޓުގެ މޯގަން ގިބްސް-ވައިޓަށް ފައުލު ކޮށްފައިވާ ކަމަށެވެ. އަދި، އެ މެޗުގެ ދެ ވަނަ ހާފުގައި ސިޓީގެ ރުބެން ޑިއާސް އަށް ދެ ވަނަ ރީނދޫ ކާޑެއް ދައްކަައި، ދަނޑުން ފޮނުވާލަން ޖެހުނު ހާލަތުގައި އެކަން ވެސް ނުކުރެވުނުކަން ޑައިޝް ފާހަގަކުރި އެވެ.

"އަހަރެން ދެކޭ ގޮތުގައި ރެފްރީކަން ވަރަށް ފަސޭހަ މެޗެއް އެއީ. އެއީ އަހަރެންގެ ވިސްނުން. އަނެއްކާ ވީއޭއާރް އިން ނިންމާފައި ހުރީ ވެސް ވަރަށް އާދައިގެ ނިންމުންތަކެއް ގޯސްކޮށް،" ކުރިން ބާންލީ އާއި އެވަޓަން އަށް ކޯޗުކޮށްދިން ޑައިޝް ބުންޏެވެ.

އޭނާ ބުނީ، އެ މެޗުގައި ރެފްރީ ހެދި ގޯސްތައް ދަނޑުން މެޗު ބެލި މީހުންނާއި ގޭގަތިބެ ބެލި މީހުންނަށް ވެސް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

ޕީޖީއެމްއޯއެލް އިން މީގެ ކުރިން ވެސް ކްލަބްތަކުން އެދުމުން، މެޗުތަކުގެ އެކި ހާލަތްތަކުގެ ވީއޭއާރް ނިންމުން ކިޔައިދޭން ވަނީ އޯޑިއޯ ހިއްސާކޮށްފަ އެވެ. އެ ގޮތުން، މިދިޔަ އަހަރު އޭޕްރީލް މަހު ފޮރެސްޓާއި އެވަޓަން ކުުޅުނު މެޗެއްގެ އޯޑިއޯ ވެސް ފޮރެސްޓުން އެދިގެން ޕީޖީއެމްއޯއެލް އިން ހިއްސާކުރި އެވެ. އެެއީ، އެ ފަހަރު އެވަޓަން އަތުން 2-0 އިން ފޮރެސްޓް ބަލިވި މެޗެއްގައި، އެ ޓީމުން ޕެނަލްޓީ ހޯދަން ކުރި ތިން އެޕީލަށް ވެސް ރެފްރީން ޕެނަލްޓީއެއް ދީފައިނުވާތީ އެވެ.