ދަތުރެއް ރާވާލާއިރު އާއިލާގެ އެންމެންގެ ހިތްހަމަޖެހުން އެއްތަނަކުން ލިބޭނެ މަންޒިލެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް، ގުދުރަތީ ރީތިކަމާއި، ތާރީހީ ބިނާތަކާއި، އަދި ޒަމާނީ ކުޅިވަރުތަކުން ފުރިގެންވާ ސްރީލަންކާއަކީ ކޮންމެ އުމުރުފުރައެއްގެ ކަމުދާނެ މަންޒިލެކެވެ. ކުޑަކުދިންގެ ހިނިތުންވުމުން ފެށިގެން ބޮޑެތިމީހުންގެ ހިތްހަމަޖެހުމާ ހަމައަށް، ލަންކާގެ ކޮންމެ ސިޓީއަކުން ތަޖުރިބާކުރެވޭނެ އެވެ.
މި ސްކޫލް ބަންދާއި އާ އަހަރުގެ ބަންދަށް ސްރީ ލަންކާއަށް ޒިޔާރަތްކޮށްުމަކީ ރަނގަޅު ފުރުސަތެކެވެ. ދިވެހިންގެ ދެވަނަ ވަޒަންގެ ގޮތުގައި މަޝްހޫރު ސްރީ ލަންކާ އަށް ޒިޔާރަތްކޮށް ކުރެވިދާނެ ބައެެއް ކަންކަން ލިސްޓުކޮށްލާނެމެވެ.
ކޮލަމްބޯއަކީ ދަތުރު ފަށާލަން އެންމެ އެކަށީގެންވާ ސިޓީއެވެ.
- ލޮޓަސް ޓަވަރު: ދެކުނު އޭޝިއާގެ އެންމެ އުސް އެއް ބިނާގެ ގޮތުގައި ބެލެވޭ މި ޓަވަރަށް އެރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މުޅި ސިޓީގެ މަންޒަރު 360 ޑިގްރީގައި މިތަނުން ފެންނަން އޮވެއެވެ.
- ދެހިވަލަ ޒޫ: އެކި ބާވަތްތަކުގެ ޖަނަވާރުތަކާއި ދޫނިސޫފާސޫފި ބަލާލުމަށް މިއީ ކުޑަކުދިން ވަރަށް ގަޔާވާނެ ތަނެކެވެ. ހާއްސަކޮށް "ނައިޓް ސަފާރީ" ތަޖުރިބާކޮށްލުން ރަނގަޅެވެ.
- ވޯޓާާ ވޯލްޑް: ކެލަނި ކޯރު ކައިރީގައި އޮންނަ މި އެކުއޭރިއަމްއަކީ ކަނޑުއަޑީގެ ދިރުންތައް ގާތުން ބަލާލަން ލިބޭ ރަނގަޅު ފުރުސަތެކެވެ.
ލަންކާއަށް ދަތުރުކުރާއިރު ފެންނަ ފެހިކަން ގަދަ މަންޒަރުތަކަކީ ހިތްގައިމު މަންޒަރުތަކެކެވެ. އެ މާހައުލު ތަޖުރިބާކޮށްލަން ޒިޔާރަތްކޮށްލަން އެންމެ ރަނގަޅި ކެންޑީ އާއި ޕިނަވަލާ އެވެ.

- ޕިނަވަލާ އެލެފަންޓް އޯފަނޭޖް: މިތަނަކީ ގިނަ އަދަދެއްގެ އެތްތައް ބަލަހައްޓާ މަރުކަޒެކެވެ. އެތްތައް ކޯރުން ފެންވަރައިގެން މަގުމަތިން ހިނގާފައިދާ މަންޒަރާއި، ކުދި އެތްތަކަށް ކިރުދޭ މަންޒަރު ބަލާލުމަކީ އާއިލާއަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ.
- ޕެރަދެނިޔާ ބޮޓޭނިކަލް ގާޑަން: ބޮޑެތި ގަސްތަކާއި ރީތި މާބަގީޗާތަކުގެ ތެރޭގައި ހިނގާލައި، ފޮޓޯ ނަގާލަން މިއީ އެއްވަނައިގެ ތަނެކެވެ.
ނުވަރައެލިޔާއަކީ ދިވެހިން ވެސް އެންމެ ގިނައިން ޒިޔާރަތްކުރާ އެއް މަންޒަިލެކެވެ. "ލިޓްލް އިންގްލެންޑް" ގެ ނަމުން މަޝްހޫރު ނުވަރައެލިޔާއަކީ ފިނި، އަދި މާބަގީޗާތައް ގިނަ ތަނެވެ. މިއީ ފޮޓޯ ނަގާލަން ސަޅި ތަނެކެވެ.

- ގްރެގަރީ ލޭކް: މި ފެންގަނޑު ކައިރީގައި އަސް ދުއްވުމާއި، ސްޕީޑް ބޯޓު ދުއްވުން ފަދަ ހަރަކާތްތައް ކުރިއަށްދެއެވެ.
- ޓީ ފެކްޓަރީތައް: ސައިފަތް ހައްދާ ދަނޑުތަކަށް ޒިޔާރަތްކޮށް، ސައިފަތް އުފައްދާ ގޮތް ބަލާލެވެނެ އެވެ.
ރާއްޖެއަކީ 99 ޕަސެންޓު ކަނޑު އޮތް ގައުމަކަށް ވިޔަސް، ބޭރު ގައުމެއްގެ މޫދަށް ޒިޔާރަތްކޮށްލުމަކީ ވެސް ހިތްގައިމު ތަޖުރިބާއެކެވެ. މޫދާ ގުޅުންހުރި ކަންކަމަށް ލޯބިކުރާ އާއިލާތަކަށް ލަންކާގެ ދެކުނުގެ އައްސޭރިފަށަކީ ރަނގަޅު މަންޒިލެކެވެ. ހާއްސަކޮށް ހިއްކަޑުވަ އާއި ގޯލް އެވެ.
- ވެލާ ހެޗަރީ: މިއީ ވެލާގެ ދިރިއުޅުމާއި ވެލާ ބޮޑުކުރާ ގޮތް ދެކިލުމަށް ރަނގަޅު ތަނެކެވެ.
- ގޯލް ފޯޓް: އިނގިރޭސިންނާއި ޕޯޗުގީޒުންގެ ޒަމާނުގެ ބިނާތައް ހުރި މި ކިއްލާއަކީ ތާރީހީ ގޮތުން މުހިންމު ތަނެކެވެ.

ބައެއް މުހިންމު އިރުޝާދު:
- އާއިލާއެއްގެ ގޮތުގައި ދަތުރުކުރާއިރު 'ޕްރައިވެޓް ވޭން' އެއް ކުއްޔަށް ހިފުމަކީ އެންމެ ފަސޭހަ ގޮތެވެ.
- ކޮލަމްބޯގެ 'ވަން ގޯލް ފޭސް' ނުވަތަ 'ހައުސް އޮފް ފެޝަން' ފަދަ ތަންތަނަކީ އާއިލާއަށް ބޭނުންވާ ހުރިހާ އެއްޗެއް އެއްތަނަކުން ލިބޭނެ ތަންތަނެވެ.
- ލަންކާގެ ހާއްސަ ކެއުންތަކުގެ އިތުރުން، ބައިނަލްއަގުވާމީ "ފާސްޓް ފުޑް" ޗެއިންތައް ބޮޑެތި ސިޓީތަކުން ލިބެން ހުންނާނެއެވެ.
- ލަންކާއަށް ދާން ބޭނުންވާ ނަމަ ސްރީލަންކަން ނުވަތަ ފްލައި ދުބާއީ އިން އަގުހެޔޮކޮށް ޓިކެޓު ލިބޭނެ އެވެ.
ސްރީލަންކާއަކީ ކޮންމެ އުމުރުފުރައެއްގެ މީހަކަށްވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ފަދަ މުއްސަނދި ސަގާފަތެއް އޮތް ގައުމެކެވެ.
Comment