Advertisement

ހެކި ނައްތާލުމަށް ތިން މިނިސްޓްރީގައި ބަޔަކު ގަސްތުގައި ރޯކޮށްލި ކަމަށް ޔާމީން ތުހުމަތުކުރައްވައިފި

ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގި އިމާރާތް އަނދައިއަޅިއަށް ވެފައި ----


ހެކި ނައްތާލުމަށް ތިން މިނިސްޓްރީގައި ބަޔަކު ގަސްތުގައި ރޯކޮށްލި ކަމަށް ޔާމީން ތުހުމަތުކުރައްވައިފި

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގްރީން ބިލްޑިންގައި ރޯވި އަލިފާންގަނޑު ފެތުރި ތިން މިނިސްޓްރީ އަނދައިގެން ދިޔާ ހާދިސާއަކީ ހެކި ނައްތާލުމުގެ ގޮތުން ބަޔަކު ގަސްތުގައި ކުރި ކަމެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުالله ޔާމީން ސިފަކުރައްވައިފި އެވެ.

ރޭ ބޭއްވި "ފްރޮންޓް އޮފީސް" ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް ދައުވާ ނުކުރަން ނިންމި ނިންމުމަށް ފާޑުވިދާޅުވެފަ އެވެ.

އެޗްޑީސީގެ ތެރެއިން ވަގަށް ގޯތިތަކެއް ވިއްކާލިކަމުގެ ތުހުމަތު ކުރެއްވި މައްސަލަ ބަލަމުންދަނިކޮށް ތަހުގީގަށް އެއްބާރުލުން ދިނުމަށް ފަޒުލް އިސްތިއުފާ ދިންއިރު އޭނާގެ މައްޗަށް ދައުވާ ނުކުރީ ހެކި ނެތިވެގެން ކަމަށް ބުނެ އެވެ.

"މުއިއްޒު ވެރިކަމުން ފައިބައިގެން ދާއިރު އެއްވެސް ހެއްކެއް ނުފެންނާނެ. އެ ހެކިތައް ނައްތާލުމުގެ ގޮތުން ނޫންތޯ ގްރީން ބިލްޑިން އެ އަންދާލީވެސް. އެއީ މޭޔަރަކަށް ވެސް ހުރި. ކޮންސްޓްރަކްޝަން މިނިސްޓަރީގެ ޑޮކިއުމަންޓްތައް ވެސް ހުރީ އެ ތަނުގައި. ހަމަ ބަޔަކު އަންދާލީ ތަނެއް އިނގޭތޯ؟ ބަޔަކު އަންދާލީ، ހަމަ ރޯކޮށް ހުރިހާ ހެކި ތަނެއް ނައްތާލީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މިވަގުތު ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަން ކަމަށެވެ. އެމްޑީޕީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ފާޑުވިދާޅުވުމަށް ފަހު ޔާމީން ވަނީ މި ސަރުކާރުން ވެސް ކަން ކުރަމުން އަންނަނީ އެހެން ކަމަށް ވިދާޅުވެފަ އެވެ.

"ކަމެއް ކުރުމުގެ އުއްމީދުގައި ރައްޔިތުން ބައިތިއްބާފައި ދެ އަހަރު ވެގެން ދާއިރު ކަމެއް ނުވޭ. ބިންގާ އެބަ އަޅާ، އެކަމުގައި ވެސް ދޮގާއި އޮޅުވާލުން."

ޔާމީން އިޝާރާތް ކުރެއްވި އަލިފާނުގެ ހާދިސާއަށް އަހަރެއް ފުރުނުއިރު ވެސް ތަހުގީގުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިމާރާތް އެއްކޮށް އަނދައި ހުލިވެ، އެ އިމާރާތްތަކުގައި ހުރި މުހިންމު ބައެއް ލިޔުންތަކާއި ބައެއް ސާވާތައް ސަލާމަތް ކުރެވިފައެއް ނުވެ އެވެ.

އެނދި މިނިސްޓްރީތަކުގެ ހިދުމަތް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލު ކޮށްފައިވާއިރު، ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ މިހާރު ވަނީ އެއްކޮށްލައިފަ އެވެ.