about 2 hours 0
އަހުމަދު އާއިދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގިނަ އަދަދެއްގެ ބޯޓުތަކެއް ޖައްސާފައި --- ފޮޓޯ؛ އަދަދު
about 2 hours 0
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދުވަސްވަރު ކަމަށްވާ އަހަރު ފަހުކޮޅުގެ ފެސްޓިވް ސީޒަނާއި ދިމާކޮށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް މިއަދަކީ މި އަހަރުގައި އެންމެ ބާރުބޮޑު އެއް ދުވަހަށް ވެއްޖެ އެވެ.
އާންމުގޮތެއްގައި ވެސް އާދިއްތަ ދުވަހަކީ ވީއައިއޭއަށް ދަތުރުކުރާ އަދި އެ އެއާޕޯޓުން ފުރާ ފްލައިޓުތަކުގެ އަދަދު އިތުރު ދުވަހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އެކަނި ވީއައިއޭއިން 22،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭނެ އެވެ.
އޭގެތެރޭގައި އެއާޕޯޓުން ފުރާ 11،000 އެއްހާ މީހުންނާއި މިއަދު އަންނަ 11،000 އެއްހާ މީހުން ހިމެނެ އެވެ. ބާރުބޮޑުވުމާއި އެކު ވީއައިއޭގެ ހިދުމަތްތަކަށް ބުރޫނާރާނެހެން ހުރިހާ މުވައްޒަފުން ހިދުމަތްތައް ފުރިހަމަ ކުރުމަށް އެދި ވީއައިއޭ ހިންގާ އެމްއޭސީއެލް އިން މިއަދު ވަނީ މުވައްޒަފުންނަށް މެސެޖެއް ވެސް ފޮނުވާފަ އެވެ.
މިވަގުތު ވީއައިއޭ އިން ފުރައިގެން އަދި ވީއައޭގައި ޖެއްސުމަށް ދަތުރުކުރަމުންދާ ފުލައިޓުތައް ---- ފޮޓޯ: ފްލައިޓު ރާޑަރު
ޓޫރިސްޓުންގެ އިތުރުން މިއަދު ވީއައިއޭގެ ބާރުބޮޑުވާ އަނެއް ސަބަބަކީ މި ހަފުތާ ފެށުނު ސްކޫލުތަކުގެ ޗުއްޓީ އެވެ. މި ޗުއްޓީ އާއެކު އުމްރާ އަށް އަދި އެހެން ގައުމުތަކައި ޗުއްޓީ ހޭދަކުރުމަށް ފުރާ ދިވެހިންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ސީޕްލޭންތައް ހިމެނޭހެން މިވަގުތު ވެސް ގިނަ އަދަދެއްގެ ފުލައިޓުތައް ވީއައިއޭއަށް ދަނީ ދަތުރުކުރަމުންނެވެ. އަދި އައު އަހަރުގެ ޗުއްޓީ އާއި ދިމާކޮށް ރާއްޖެ އަންނަ މަހުޖަނުންގެ ޕްރައިވެޓް ޖެޓުތައް ވެސް ހުއްޓުމެއްނެތި ހުޅުލެއަށް ދަނީ ދަތުރުކުރަމުންނެވެ.
އެމްއޭސީއެލްގެ އިސް އޮފިޝަލުން ބައެއް ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މިއަދަކީ ޖުލައި 26، ގައި ހުޅުވި އައު ޓާމިނަލަށް އަދި ވީއައިއޭއަށް ވެސް އެންމެ ބާރުބޮޑުވާނެ އެއް ދުވަހެވެ.
އެއް ދުވަހަކު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަށް މިއަދު ވެގެންދިޔުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޑިސެމްބަރު ފަހުކޮޅުގެ ދުވަސްތަކުގެ ތެރެއިން އެއް ދުވަހެއްގައި އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ ވެސް ޑިސެމްބަރު 28، ގަ އެވެ. އެއީ 9،440 ޓޫރިސްޓުންނެވެ.
Comment