Advertisement

ހޯރަފުށި އެއާޕޯޓުގައި ހުންނަ މޯލްޑިވިއަން އޮފީހުން ވައްކަންކޮށްފި

ހޯރަފުށި އެއާޕޯޓް: އެ އެއާޕޯޓުގެ މޯލްޑިވިއަން އޮފީހުން ވަނީ ވައްކަން ކޮށްފައި -- ފޮޓޯ: އެމްޓީސީސީ


ހޯރަފުށި އެއާޕޯޓުގައި ހުންނަ މޯލްޑިވިއަން އޮފީހުން ވައްކަންކޮށްފި

ހއ. ހޯރަފުށީގައި ހުންނަ މޯލްޑިވިއަން އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން އެ އޮފީހަށް ވަދެ ރޭ ދަންވަރު ވައްކަންކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 3:58 ހާއިރު ލިބިފައިވާ ރިޕޯޓާ ގުޅިގެން ބެލި ބެލުމުން މޯލްޑިވިއަންގެ އޮފީހުން ވަގަށް ނަގާފައިވަނީ ކާގޯ ދެ ފޮށިގަނޑު ކަމަށެވެ.

ނަމަވެސް އެ ކާގޯ ދެ ފޮށިގަނޑުގައި ހުރީ ސާމާނުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު މިހާތަނަށް އެއްވެސް މިހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އެއާޕޯޓްތަކަކީ 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ތަންތަނެވެ. ނަމަވެސް ރޭ ހޯރަފުށީ އެއާޕޯޓުގެ މޯލްޑިވިއަންގެ އޮފީހުން ވައްކަންކުރިއިރު އެތަނުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވި ސަބަބެއް ނޭގެ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ ބީއެމްއެލްގެ މުވައްޒަފުން އަތުން އެއް ލައްކައަށްވުރެ ގިނަ ޑޮލަރު ހުރި ބްރީފްކޭހެއް ފޭރުނު މައްސަލައެއް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.