Advertisement

"މަޖިލީހުގެ ދައުރު ކުރުކުރަން ކައުންސިލް އިންތިހާބާއެކު ރެފެރެންޑަމެއް ނަގަން ސިއްރިއްޔާތުގައި ވަނީ ނިންމާފައި"


"މަޖިލީހުގެ ދައުރު ކުރުކުރަން ކައުންސިލް އިންތިހާބާއެކު ރެފެރެންޑަމެއް ނަގަން ސިއްރިއްޔާތުގައި ވަނީ ނިންމާފައި"

ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކުރުމަށް ރެފެރެންޑަމެއް ނެގުމަށް ސަރުކާރުން ސިއްރިއްޔާތުގައި ނިންމާފައިވާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި ބިލަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ. އެ ގާނޫނުގެ ދަށުން އައްޑޫ ސިޓީ ކައުންސިލް ބައިކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދި އެވެ.

އޭގެ ފަހުން އެފަދަ ވޯޓެއް ނަގާފައިވާއިރު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ވޯޓާއެކު އެހެން ވޯޓެއް ނެގުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ޝަމްހީދު މިއަދު ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބާއި މަޖުލިސް އިންތިހާބު އެއްކޮށްލައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލަން ރިފަރެންޑަމެއް ކައުންސިލް އިންތިޚާބާއި އެކު ބާއްވަން ސަރުކާރުން ސިއްރިޔާތުގަ ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ޝަމްހީދު ވިދާޅުވި ގޮތުގައި އެގޮތަށް ހަދަން އުޅެނީ ކައުންސިލް އިންތިހާބުގެ ނުފޫޒު ބޭނުންކޮށްގެން، އޮޅުވާލުންތަކެއްގެ ތެރެއިން ސަރުކާރުން ބޭނުންވާ ނަތީޖާ ހާސިލުކުރުމެވެ.

ޝަމްހީދު މިފަދަ ތުހުމަތެއް ކުރައްވާފައިވާއިރު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު ވަނީ ރައިސް އޮފީހުގައި މުއިއްޒުއާ މިފަހުން ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމާއި ގުޅޭ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

އަންގާރަ ދުވަހުގެ ބައްދަލުވުމާއި ގުޅިގެން މި ނޫހުން ޒާހިދު ވިދާޅުވީ ރައީސް އޮފީހަށް ވަޑައިގެންނެވީ ރައްޔިތުން ވޯޓުގެ ކަންކަމާއި ޑިމޮކްރެޓިކް ވެށްޓަށް ހޭލުންތެރިކަން އިތުރުކުރުމަށް އަންނަ އަހަރު ރާވާފައިވާ ކަންކަން މުއިއްޒު އާއި ހިއްސާކޮށް އެކަމަށް ބޭނުންވާ ރިސޯސަސް އަށް އެދިގެން ކަމަށެވެ. އިންތިހާބެއްގެ ވާހަކައެއް ވިދާޅެއް ނުވެ އެވެ.

ގާނޫނުއަސާސީއަށް ގެންނަން މުއިއްޒު ބޭނުންވާ ބަދަލުތަކުގެ ތެރޭގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާއި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ޕްރެފެރެންޝަލް ސިސްޓަމަކަށް ބަދަލުކުރުމުގެ އިތުރުން މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމާއި ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ގެންނަ ބަދަލުތައް ހިމެނެ އެވެ.