about 2 hours 0
ލީވާން އަލީ ނާސިރު
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު: ސްޓޫޑެންޓް ލޯނުގައި ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑް މުރާޖައާ ކުރަން ފަށާފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު
about 2 hours 0
ސްޓޫޑެންޓް ލޯނުގައި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދޭ ސްޓައިޕެންޑް މުރާޖައާ ކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފަށައިގެން ކުރިއަށްދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ގެނެސްދެއްވާ ޕޮޑްކާސްޓުގައި ހައިދަރު ވިދާޅުވީ ދިރިއުޅުމުގެ ހަރަދުތައް ކޮންމެ ގައުމެއްގައި ވެސް އިތުރުވަމުންދާތީ، އެ ގައުމެއްގައި ދިރިއުޅެވޭ އަދަދަށް ފައިސާ ދޫކުރުމުގެ މަގުސަދުގައި ދަރިވަރުންނަށް ދޭ ސްޓައިޕެންޑް މުރާޖައާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"ދިރިއުޅުމުގެ ހަރަދުތައް ކޮންމެ ގައުމެއްގައި ވެސް އަންނަނީ އިތުރުވަމުން. އެހެންވީމަ [ސްޓައިޕެންޑް] އަޅުގަނޑުމެން މުރާޖައާ ކުރުމުގެ މަރުހަލާއެއް މި އަހަރު ތެރޭގައި ފަށައިގެން މިއުޅެނީ އެނގޭތޯ. އެހެންވީމަ ފަށައިގެން މުރާޖައާ ކުރީމަ އެ ގައުމެއްގައި ހަމަގައިމުވެސް ދިރިއުޅުމަށް ބޭނުންވާ އަދަދަކަށް އަޅުގަނޑުމެންނަށް ފައިސާ ދެވޭނެ އެނގޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
އެއް ސްޓައިޕެންޑެއް ގައުމުތަކަށް ދެމުން އަންނަތާ ހަތް އަހަރުވެފައިވާކަން ހައިދަރު ފާހަގަކުރެއްވި އެވެ. ހައިދަރު ވިދާޅުވީ ސްޓައިޕެންޑުގެ މައްސަލަ ހައްލުކުރަން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.
ހައިދަރު ވިދާޅުވީ ސްޓޫޑެންޓް ލޯނަށް އެއް ސްޓައިޕެންޑެއް ދެމުން އަންނަތާ ހަތް ވަރަކަށް އަހަރުވީއިރު، މިދިޔަ ހަތް ވަރަކަށް އަހަރު ތެރޭގައި ގައުމުތަކުގެ ދިރިއުޅުމުގެ ހަރަދުވެސް ބޮޑުވެފައިވުމުން ސްޓައިޕެންޑް މުރާޖައާކުރަން ޖެހިފައިވާ ކަމަށެވެ.
ވަކި ގައުމެއްގައި ކަނޑައަޅާފައި އޮންނަ ސްޓައިޕެންޑެއް އެހެން ގައުމަކަށް ބޭނުންކުރަން ޖެހޭތީ އެ ޝަކުވާވެސް އަންނަ ކަމަށް ހައިދަރު ފާހަގަކުރެއްވި އެވެ.
ސްޓޫޑެންޓް ލޯނުގައި މި ވަގުތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 36 ގައުމެއްގައި 1،740 ދަރިވަރުން ކިޔަވަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ މިދިޔަ އަހަރު ސްޓޫޑެންޓް ލޯނަށް 548.16 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. ސްޓޫޑެންޓް ލޯނަށް ދައުލަތުގެ ބަޖެޓުން މިހާތަނަށް ޖުމްލަ ދޫކޮށްފައިވަނީ 1.24 ބިލިއަން ރުފިޔާ އެވެ.
Comment