ދެ ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށްގެންދިޔުމަށް މިއަދުގެ ވަގުތެއްގައި ސަރުކާރުގެ ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެގޮތުން، ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. ޖުމުލަ 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 142 މިލިއަން ރުފިޔާއަށެވެ.
އޭގެ އިތުރުން ގދ. ފިޔޯރީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުގެ މަގު ހަދާ ކުންފުނި، އާރުޑީސީއާ ވަނީ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް 730 ދުވަހުގެ ތެެރޭގައި ނިންމާ ގޮތަށް ހަވާލުކުރީ 72 މިލިއަން ރުފިޔާއަށެވެ.
"ބިން އިތުރުކުރުމަކީ، މިހާރު ކުރަން ޖެހިފައި އޮތް ކަމެއް. އެކަމަށްވެސް ބަޖެޓުގައި ކޮންމެވެސްވަރަކަށް ފައިސާ ހިމެނިފައި ހުރީ. އާދެ، ރައްޔިތުން ބޭނުންވެވަޑައިގަންނަވާ ގޮތަށް، ބިން ހިއްކުމުގެ މަޝްރޫއެއްވެސް، މި ރަށުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަ ތާވަލުކޮށްގެން ކުރިއަށް ގެންގޮސްދޭނެ ވާހަކަ ދަންނަވަން،" ފެބްރުއަރީ 20، ގައި ފަރެސްމާތޮޑާ ރައްޔިތުންނާ ބައްދަލުކުރައްވަމުން ދެއްކެވި ވާހަކައިގައި މުއިއްޒު ވިދާޅުވި އެވެ.
"ފިޔޯރީގެ ތަރައްގީއަށްޓަކައި އަޅުގަނޑުމެން މި އަހަރު ތެރޭގައި ކުރިއަށް ގެންދާނެ. އަދިވެސް ގިނަ ކަންކަން އެބަހުރި. މަގުހެދުން، ބަނދަރުގެ މައްސަލަ ޙައްލުކުރުން. މިހެންގޮސް ކަންތައްތައް ހުންނާނެ،" ޖެނުއަރީ 7، ގައި ފިޔޯރީގައި ހުންނަވައި މުއިއްޒު ވިދާޅުވި އެވެ.
Comment