about 2 hours 0
މަހްފޫޒް ސައީދު
ކަކުނު މުހައްމަދާއި ފަލަމަޑި އިބްރާހިމްގެ މާޒީ އެކުވެރިކަމާއި، އުފެދުނު ދެކޮޅުވެރިކަމުގެ ސަބަބުން މިހާރު މޮޅިވެފައިވާ މަންޒަރު ދެއްކުމަށް އޭއައި އިން ކުރަހާފައިވާ ކުރެހުމެއް.
about 2 hours 0
ނާލާފުށީ އިބުރާހީމާއި އެރަށުގައި ދިރިއުޅުނު މާލޭ މުހައްމަދުގެ ކޯޅުމުގެ ވާހަކަ ކުރިން ލިޔުނީމެވެ. އެ ވާހަކައިގެ ފަސްފަހަތުގައި ހިނގި އެތައް ކަމެއް އޭރު ނުލިޔެ ދޫކޮށްލީ އެ ވާހަކައިގެ އަމާޒު ގެއްލުވައިނުލާން ކަމަށެވެ. އެ ވާހަކައިގެ ހަވާސާގައި ހިނގި އެހެން އެތައް ކަމެއް ލިޔާން ވެއްޖެ ނަމަ އެ ވާހަކައިގެ މައިގަނޑު ޝަހުސިއްޔަތުންނަށް ސަމާލުކަން ކުޑަވެދާނެތީ އެވެ.
ނާލާފުށީ އިބުރާހީމާއި މާލޭ މުހައްމަދުގެ ދެކޮޅުވެރިކަން ފެށުނީ އެއް ރުކެއްގައި ހަރު ބަނދެވުނު ހިސާބުންނެވެ. ބަޔަކު އެޅުވި ފަންޏެއްގައި ރަނގަޅަށް ބަނދެވި އެ ދެ މިތުރުންގެ ހަތުރުންނަށްވީ އެވެ. އެހެންނަމަވެސް، ދެ މިތުރުންގެ ހިތަށް ދަތިކުރި ކަޅު އެތައް ރެޔެއް، ފިތުރަތުގެ އުސޫލުން ނިމުނީ ތާޒާ ފަތިހަކަށެވެ. މިހާރު އެއީ މިތުރުންނެވެ. އެކަން މުޅި ރަށަށް އިއުލާނު ވެސް ކޮށްފި އެވެ. މިހެން ކުޑަކޮށް ރުޅި ހަދާލާފައި ތިއްބަސް މާ ގިނަ ދުވަހު އެގޮތުގައި ތިބެވޭ ވަރަށް ވުރެ އެ ދެމިތުރުންގެ ގުޅުން މާ ގާތް ކަމަށް ވެސް ބުނެއްޕެވެ. އެކަކު އަނެކަކަށް ގޮވިހައި ބަދުބަހެއް ބުނެފައި ހުންނާނީ ވެސް ހެޔޮވަރަށް މިނައިގެން ކަމަށް ވެސް ބުންޏެވެ. އަޑުއަހާން ތިބީ އެ ވާހަކަ ގަބޫލުކުރާ މީހުންނާއި ނުކުރާ މީހުންނެވެ. އެކަމަކުވެސް އެ ދެ މިތުރުން އެތިބީ އަލުން އަތު ގުޅާލައިގެންނެވެ.
ދެމިތުރުންގެ ގުޅުމާއެކު މުޅި ނާލާފުށްޓަށް އައީ އީދެކެވެ. މަރުހަބާއާއި ތަހާނީ ކިޔައި ވެދުމާ ދިޔައީ މަދު ބައެއް ނޫނެވެ. އަނެއްކޮޅުން، މިވީ ގޮތަކާމެދު ފިކުރު ހިންގާން ފަށާނޭ ގޮތެއް ނޭނގި ހައިރާނުގައި ތިބި މީހުންގެ އަދަދު ވެސް ވަކި މަދެއް ނޫނެވެ. މި ވީ ގޮތަކާމެދު ބުނާނޭ އެއްޗެއް ނޭނގި، ނިތްކުރިއަށް ރޫއަރުވައި، ތުނބަށް އަތް ދީގެން ދެ ލޯ މުދުނަށް އަރުވައިގެން ތިބި މީހުންގެ ތެރޭގައި ކަކުނި މުހައްމަދާއި ފަލަމަޑި އިބުރާހީމް ހިމެނެ އެވެ. ދެ މީހުންމެ، އެކަނިވެރިކަމުގައި ތިބެ، ދެމީހުންނަށްމެ ހެދުނު ގޯސްތަކާމެދު އެބަ ފިކުރު ހިންގަ އެވެ.
ހަކުރު ނާޅާ ކަޅުސައިތަށްޓެއް ހިފައިގެން ގޭގެ ބޮޑު އަށީގައި ދެފައި ވަށްކޮށްގެން އިށީނދެގެން އިން ފަލަމަޑި އިބުރާހީމުގެ ހިޔާލުތައް އޭނާ ގޮވައިގެން ދިޔައީ ދެތިން އަހަރު ފަހަތަށެވެ. އެކުވެރިން ހަތުރުންނަށް ބަދަލުވެގެން ދިޔަ ގޮތާއި އެކަމަށް މެދުވެރިވީ ސަބަބުތަކުގެ ދެކޮޅުނުޖެހޭކަމާ މެދު ކުރެވެމުންދިޔަ ފިކުރުތަކަށް އޭނާ ގެނބެމުންދިޔައީ ހަމަ ގަސްތުގަ އެވެ.
ކަކުނި މުހައްމަދާއި ފަލަމަޑި އިބުރާހީމުގެ ގާތް ގުޅުން އުފެދުނީ ނާލާފުށީ އިބުރާހީމަށް ބާރުވެރިކަން ލިބުނު ދަނޑިވަޅުގަ އެވެ. އެ ދެމީހުންނަކީ ވެސް އޭރު ރަށުގައި މުހިންމު ބަޔަކަށް ވި އެވެ. އޭރު، ރުށްރުކަށް ހަމަލާދޭ މީދަލާއި ވާލާއި ސޫފިތައް މަރައި، ރުއްތައް ހިމާޔަތްކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިވެފައި އޮތީ ކަކުނި މުހައްމަދާ އެވެ. ފަލަމަޑި އިބުރާހީމުގެ ޒިންމާއަކީ ރުއްރުކުން ބާލާ ރާ ވިއްކައިގެން ލިބޭ ފައިސާގެ ހިސާބު ބެލެހެއްޓުމާއި އެ ދާއިރާގައި ހިމެނޭ އެ ނޫން ވެސް ހުރިހައި މާލީ ހިސާބުތައް ބެލެހެއްޓުމެވެ.
ނާލާފުށީ އިބުރާހީމުގެ ވެރިކަމުގެ ހިމާޔަތުގައި ދެމީހުން އެކުގައި، އެއް އަމާޒަކަށް ކުރި މަސައްކަތުގެ ސަބަބުން ދެ މީހުންގެ މެދުގައި އުފެދުނީ މާ ގާތް ގުޅުމެކެވެ. އެއީ އޭރު އެކުގައި ކަޅަށް ޖައްސައި، އެއް އަނގައިން ވާހަކަ ދައްކާ ގާތް ދެ މިތުރުންނެވެ. ދެމިތުރުން ބައްދަލުވެ އެކުގައި ސައިތަށްޓެއް ބޮއިނުލައި ދުވަހެއްގެ ސައުވީސް ގަޑިއިރު ނިމުނަކަ ނުދެ އެވެ. ނާލާފުށީ އިބުރާހީމާއި މާލޭ މުހައްމަދު ފަދައިން މިއީ ވެސް ނާލާފުށީގައި މިސާލުޖެހޭ އެކުވެރިކަމަކަށް ވެއްޖެ އެވެ.
ނާލާފުށީގައި އިބުރާހީމުގެ ވެރިކަން އޮތްއިރު މި ދެ މީހުންގެ ތާއީދު ވެސް އޮތީ އިބުރާހީމަށެވެ. އެ ވެރިކަން ގެއްލުމާއެކު، މި ދެމީހުންގެ ވަޒީފާ ގެއްލި، މުހިންމުކަން ވެސް ކުޑަވެ، ވެރިކަން ގެއްލުނު ސަބަބާމެދު ދެ މީހުންގެ މެދުގައި ދެބަސްވުން ވެސް އުފެދިއްޖެ އެވެ. ކަކުނި މުހައްމަދު ދެކުނު ގޮތުގައި ވެރިކަން ގެއްލުނީ މާލޭ މުހައްމަދުގެ ދުއްޕާނާ ހެދި އެވެ. ފަލަމަޑި އިބުރާހީމަށް ފެނުނީ ނާލާފުށީ އިބުރާހީމަށް ލިބުނު ފުރުސަތުގައި ވެރިކަން ހިންގި ގޮތް ފުރިހަމަ ނޫން ކަމުގަ އެވެ.
ކަކުނި މުހައްމަދާއި ފަލަމަޑި އިބުރާހީމުގެ ހިޔާލު ތަފާތުވުމުގެ އަސްލަކީ މި ދެމީހުން ތަބާވާ ލީޑަރުންގެ މެދުގައި އުފެދުނު ދެކޮޅުވެރިކަމެވެ. އެ ހިޔާލުތަފާތުވުން ޒާތީ ދެކޮޅުވެރިކަމަށް ބަދަލުވީ ހީވެސް ނުކުރާހައި އަވަހަށެވެ. ދެމީހުންގެ ސައިމޭޒު ބައްދަލުވުންތައް މަދުވާން ފެށި ގޮތަށް ފަހުން އެއްކޮށް ހުއްޓިއްޖެ އެވެ. ދެ މީހުންމެ އެހެން އެކުވެރިން ހޯދައި، އެކަކު އަނެކަކަށް ބަދުބަސް ބުނާން ފެށީ ދެމީހުން ތާއީދުކުރި ލީޑަރުންގެ ހިމާޔަތުގަ އެވެ. ފަލަމަޑި އިބުރާހީމަށް ސާފުކޮށް ފެންނަ މަންޒަރު ކަކުނި މުހައްމަދަށް ނުފެންނަނީ ކީއްވެގެންތޯ އޭނާ ކިތަންމެ ފަހަރަކު ވިސްނި އެވެ. ގޮފަޅުކަން، ގަމާރުކަން ފަދަ ކިތަންމެ ބަހެއް ހިތަށް އެރިޔަސް އެއީ ހަގީގަތާ ދުރު ނިންމުމަކަށް ނޫނީ ނުވާނެކަން ދެ މީހުންނަށް ވެސް ވިސްނެ އެވެ. އެހެންވިޔަސް ހެވެވެ. ދެމީހުން ވެސް އަލަށް އުފެއްދި އެކުވެރިންގެ ބުރުގައި އެކަކު އަނެކަކަށް ބުނަމުން ދިޔައީ މިކަހަލަ ބަދުބަސްތަކެވެ. އާޖުފާޖު ނޭނގެނީކަމާއި އަމިއްލަ އެދުން ބޮޑީކަމާއި މިކަހަލަ ކިތަންމެ ބަދުބަހެކެވެ.
ދެމީހުންގެ 'އެކުވެރިން' ގެ މެދުގައި ދެއްކި މި ވާހަކަތައް ދެ މީހުންގެ ކަންފަތާ ހަމައަށް ވެސް ފޯރައިފި އެވެ. މިކަމުގެ ސަބަބުން ދެމީހުންގެ ދެކޮޅުވެރިކަމާއި ރުޅިވެރިކަން ވީ އިތުރެވެ. ކުރިން ވަރަށް ސިއްރުން ދައްކަމުން ދިޔަ ވާހަކަތައް އެކަކު އަނެކަކަށް ފާޅުގައި ގޮވާން ފެށި އެވެ. ހޮޅުއަށީގައި ތިބެ ކުރާ ޒުވާބުތަކަށް ދަރުއަޅާން ކައިރީގައި ތިބޭ އެކުވެރިންގެ އަދަދު މަދެއް ނޫނެވެ. ދަތްދޮޅިދަށަށް އަތްދިމާކޮށް އެކަކު އަނެކަކަށް ރޯއަވަގުރާނަ ގޮވަމުން ދިޔައީ ލޯ ހުޅުވައިލާން ނުކެރޭ ވަރަށެވެ. އެކުގައި ކަޅަށްޖެއްސިއިރު ދެމީހުންނަށް އެކަނި އެނގޭ، ދެމީހުންގެ ސިއްރުތައް ރަށު ހޮޅުއަށްޓާ ހަވާލުކުރީ ހިޔާލެއް ފިކުރެއް ނެތި އެވެ. އެކަކު އަނެކަކަށް ދީފައި ހުރި ތަކެއްޗާއި ކޮށްދީފައި ހުރި ކަންކަމުން ކަލަގޮވައި، މުންޑު ކޮށިކޮށްގެން އެކަކު އަނެކަކާ ދިމާއަށް ފުންމައިގަންނަނީ ދެން ދުވަހަކު މޫނު ދިމާނުކުރާން ކަމަށް ހަތްހުވާކުރަމުންނެވެ. އެކެއްގެ ދިރިއުޅުމަށް ދަތިކުރުމަކީ އަނެކެއްގެ ދިރިއުޅުމުގެ މަގުސަދުކަމަށް ހަދައި، އެކަން އާންމުކޮށް އިއުލާނުވެސް ކޮށްފި އެވެ. ދެމީހުންގެ އެކުވެރިކަމުގައި ނިމުމުގެ ސިއްކަ ޖެހީ މުޅި ނާލާފުށި ހެކިކޮށެވެ.
ފަލަމަޑި އިބުރާހީމު އޭނާ މާޒީއަށް ކުރަމުންދިޔަ ހިޔާލުގެ ދަތުރަށް ހުރަސް އެޅީ އޭނާގެ އަނބިގޮއްޔެގެ ގަދަ ހަޅޭކުގެ އަޑެވެ. ކުޑަމީހާ ބަނޑުހައިވެގެން އެބަ ރޮޔޭ ބުއްދަޅު ހުސްވެފައި ހުންނަތާ ކިތައް ދުވަސްހޭ ކަލެޔަކީ އަޅޭފަހެ ރަނގަޅު ބަފައެއް ނޫންހޭ ބުނެ އަމުނަމުން ދިޔަ މަލާމާތުގެ ފަތިވަރުތަކުގެ ގަދަ އަޑަށް ސިއްސައިގެން ގޮސް އޭނާގެ ހިޔާލުގެ ދުނިޔެއާ ވަކިވިއިރު ލޮލުން ފާއްދާލި ތެތްކަމުގެ އަސަރު މޫނުމަތިން ފެންނާން ހުއްޓެވެ.
ކަކުނި މުހައްމަދާއި ފަލަމަޑި އިބުރާހީމުގެ އެކުވެރިކަން ދެކޮޅުވެރިކަމަށް ބަދަލުވެ، ދެމީހުން އެކަކު އަނެކަކަށް ބަދުބަސް ބުނީ އެ ދެމީހުންގެ މެދުގައި ދެކޮޅުވެރިކަމެއް އޮވެގެނެއް ނޫނެވެ. ދެމީހުން ކުރެ މީހަކު އަނެކަކަށް ދިން ދެރައެއް ނެތެވެ. ޒާތީ ދެކޮޅުވެރިކަމެއް އޮންނާންޖެހޭ އެއްވެސް ސަބަބެއް ވެސް ނެތެވެ. ދެމީހުންމެ އެކަކު އަނެކަކަށް ވެދިން އެހީތަކާއި ކުރިހައި ހޭހަމެއް ހަނދާން ނައްތާލައި ދެކޮޅުވެރިވެ ދުޝްމަނުންނަށްވީ އެހެން ބައެއްގެ ހައްގުގަ އެވެ. އެމީހުންނާ ނުވެސް ބެހޭ ކަމެއްގަ އެވެ. އެހެންވިޔަސް އަލަކުން އެކަކުއަނެކަކާ މޫނު ދިމާކުރާނޭ ގޮތެއް ނުވިސްނެ އެވެ.
ނާލާފުށީ އިބުރާހީމާއި މާލޭ މުހައްމަދު އަލުން ގުޅި، އެ ދެމީހުންގެ ދެކޮޅުވެރިކަމަކީ ނުވެސް ނެތްކަމެއް ކަމަށް މިހާރު ދެއްކިޔަސް އެ ދެކޮޅުވެރިކަމުގައި، އެ ދެމީހުންގެ ހައްގުގައި ހަތުރުންނަށްވީ ނާލާފުށީގެ މަދުބައެއް ނޫނެވެ. ކަކުނި މުހައްމަދާއި ފަލަމަޑި އިބުރާހީމު ފަދަ އެތައް ބައެއްގެ އެކުވެރިކަން ގުރުބާންކޮށްލީ އެހެން ބައެއްގެ ދެކޮޅުވެރިކަމަށް ހުއްޖަތު ގާއިމުކުރާން ކުރި ދެކޮޅުނުޖެހޭ ޒުވާބުގަ އެވެ.
ފަލަމަޑި އިބުރާހީމު އޭނާ އިށީނދެގެން އިން ބޮޑު އަށިން ތެދުވީ ލަދު ފަހަނައަޅައި ދިއުމަށް އަޒުމު ކަނޑައަޅައިގެންނެވެ. މިއަދު އޭނާ ކަކުނި މުހައްމަދާ ބައްދަލުކޮށް މައާފަށް އެދޭނެ އެވެ. ކަކުނި މުހައްމަދު ވެސް އޭނާގެ ފުށުން މައާފަށް އެދި، އެ އެކުވެރިކަން އަލުން ގާއިމުކުރެވިދާނޭ ކަމަށް އޭނާ އުއްމީދު ކުރެ އެވެ. ވެރިންގެ ކޯޅުމުގައި މެކި، ކޮޅު ނެގުމަކީ އިންސާނަކަށް ހެދޭނޭ އެންމެ ބޮޑު ކޮސްކަން އޭނާއަށް ދަސްކޮށްދިން އެދުރަކީ ހިތުގައި އެޅުނުހައި ކޫރުމަކާއި، ފިތަށް ކުރި އަސަރެވެ. އެއީ އަލުން އެ ގޯސް ތަކުރާރު ނުކުރުމަށް ހަނދާންކޮށްދޭން ތާއަދަބު އޭނާގެ ހަށިގަނޑުގައި ހުންނާނޭ، ނުފިލާނޭ ޒަހަމެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment