about 2 hours 0
ސާއިފް ޝިޔާދު
about 2 hours 0
މި އަހަރުގެ މިހާތަނަށް އިންޓަނެޓު މެދުވެރިކޮށް ކުށް ކުރުމުގެ 814 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެއީ މިދިޔަ އަހަރަށް ވުރެ 90 ޕަސެންޓު އިތުރުވުމެއް ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައިބާ ކްރައިމް ސެންޓަރުގެ ވެރިޔާ، ސުޕްްރިންޓެންޑެންޓު އޮފް ޕޮލިސް މުހައްމަދު ޝަމީމު ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ގިނައީ ސްކޭމްގެ މައްސަލަތަކާއި އެކައުންޓު ހެކް ކުރުމުގެ މައްސަލަތަކެވެ.
ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 66 ޕަސެންޓަކީ ސްކޭމާ ގުޅޭ މައްސަލަތަކެވެ. އަދި ބްލެކްމެއިލް ކުރުމުގެ މައްސަލަތައް 10 ޕަސެންޓު ހިއްސާކުރެ އެވެ.
ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި ހުށަހެޅުނު ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 37 ޕަސެންޓު ފައިސާ އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅި މައްސަލަތަކުގައި ގެއްލުނު 22 މިލިއަން ރުފިޔާގެ ތެރެއިން 8.5 މިލިއަން ރުފިޔާ އަނބުރާ ހޯދި އެވެ.
އެންމެ ބޮޑު ކަންބޮޑުވުމަކީ ސްކޫލްތަކުގެ ދަރިވަރުންނާއި، މުވައްޒަފުން އަދި ބެލެނިވެރިންނަށް އަމާޒުކޮށް ހިންގާ ކޮންފެޝަން ޕޭޖުތައް ކަމަށާއި ތިން ޕޭޖެއް އަތުލައިގަނެ 19 ޕޭޖެއް ޓޭކްޑައުން ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އިންޓަޕޯލްއިން ކުރިއަށްގެންދިޔަ ސައިބާ ސެކިއުރިޓީ އޮޕަރޭޝަނެއްގައި ބައިވެރިވެ 20،000 އަށްވުރެ ގިނަ ޑޮމެއިން އާއި އައިޕީ އެޑްރެސް ނައްތާލެވުނު ކަމަށް ފުލުހުން ބުނެ އެވެ.
މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވަނީ ފުލުހުންގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރެއް ގާއިމުކޮށްފަ އެވެ.
ފުލުހުންގެ ތެރޭގައި އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރީ 2021 ވަނަ އަހަރު އެވެ. އެ އަހަރާ ހަމައަށް 6،000 އަށްވުރެ ގިނަ ދިވެހިން އެކި ސްކޭމްތަކުގެ ޝިކާރައަކަށްވެފައިވާ ކަމަށް މިއަދު ފުލުހުން ބުންޏެވެ. އެ މައްސަލަތަކުގައި 110 މިލިއަން ރުފިޔާ ސްކޭމަރުން ފޭރިގެން ގެންދިޔަ އެވެ.
Comment