Advertisement

ބިމުގެ މައްސަލަ ފެށުމާއެކު މާލެ ސިޓީ ކައުންސިލްގެ ކޯރަމް ޕީއެންސީ ކައުންސިލަރުން ގެއްލުވާލައިފި

24 ޑިސެންބަރު 2025 - 10:31 4

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ބިމުގެ މައްސަލަ ފެށުމާއެކު ކައުންސިލްގެ ފްލޯ ދޫކޮށް ގޮސް ކޯރަމް ގެއްލުވައިލި ދެ ކައުންސިލަރުން -- ފޮޓޯ: މާލެ ސިޓީ ކައުންސިލް


ބިމުގެ މައްސަލަ ފެށުމާއެކު މާލެ ސިޓީ ކައުންސިލްގެ ކޯރަމް ޕީއެންސީ ކައުންސިލަރުން ގެއްލުވާލައިފި

24 ޑިސެންބަރު 2025 - 10:31 4

މާލެއިން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކާ ބެހޭ މައްސަލަ ފެށުމާއެކު ޕީއެންސީ ކައުންސިލަރުން މާލެ ސިޓީ ކައުންސިލްގެ ކޯރަމް ގެއްލުވާލައި މިއަދުގެ ޖަލްސާ ވެސް ހުއްޓުވައިފި އެވެ.

މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން 19 ބޭފުޅުން ތިއްބަވަ އެވެ. އޭގެތެރެއިން 14 ކައުންސިލަރުންނަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ބޭފުޅުންނެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާ ފެށީ 10 މެންބަރުންނާއެކު އެވެ. މިއަދުގެ ޖަލްސާ ފަށައިގެން ތިން މައްސަލައެއް ކުރިއަށް ވެސް ގެންދިޔަ އެވެ. އެއީ މިއަދުގެ އެޖެންޑާއިން އެއް އައިޓަމް އުނި ކުރުމަށްފަހު ފާސްކުރުމާއި ޑިސެމްބަރު 3، ގައި ބޭއްވި ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމުގެ އިތުރުން ބިމުގެ ދަފުތަރާ ބެހޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުހުލަތަށްވުރެ ފަހުން ހުށަހަޅާ ޝަކުވާތައް ބަލައި ނުގަތުމަށް ނިންމުމެވެ.

އެއަށްފަހު އެޖެންޑާގައި ހަތަރުވަނަ އަށް އޮތް މައްސަލަ ހަމަ ފެށުމާއެކު، މިއަދުގެ ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީ ކައުންސިލަރު، ފާތިމަތު ޝައުފާ ސަލީމް އާއި ގަލޮޅު މެދު ދާއިރާގެ ޕީއެންސީ ކައުންސިލަރު، މަރިޔަމް ރީހާން ނާޒިމް ވަނީ ކައުންސިލްގެ ފްލޯ ދޫކޮށް ގޮސްފަ އެވެ.

މާލެ ސިޓީ ކައުންސިލްގެ އެޖެންޑާ ނަންބަރު ހަތަރެއްގައި މިއަދު އޮތީ މާލެ ސިޓީ ކައުންސިލުން އާންމުކުރި ލިސްޓުގައި ނެތް ބައެއް ބިންތަކާ ބެހޭ އެގްރީމެންޓުތައް އެ ކައުންސިލުގައި ހުރި ކަމަށް ބުނެ ބައެއް ކައުންސިލަރުން ވާހަކަ ދައްކަވާތީ، އެފަދަ އެގްރީމެންޓުތައް ހުރިނަމަ، އެ އެގްރީމެންޓުތަކާމެދު އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމެވެ.

ބިމާބެހޭ މައްސަލަތައް ތާވަލު ކުރުމުން މިދިޔަ ދެ ހަފުތާގައި ވެސް ޕީއެންސީ ކައުންސިލަރުން ވަނީ މާލެ ސިޓީ ކައުންސިލްގެ ޖަލްސާތައް ބޮއިކޮޓުކޮށް ބޭއްވި ނުދީފަ އެވެ.

މިއަދުގެ ޖަލްސާގެ ކޯރަމް ޕީއެންސީން ގެއްލުވައިލުމުން ވެސް މާލޭގެ މޭޔަރު، އާދަމް އާޒިމް ވަނީ ކޯރަމް ހަމަވޭތޯ ބެލުމަށް ދެ ފަހަރެއްގެ މަތިން ޖަލްސާ މެދުކަނޑާލައި ވަގުތު ދީފަ އެވެ. އެހެންނަމަވެސް ޖަލްސާ ފެށޭ ވަރަށް ކޯރަމް ހަމަނުވުމުން ޖަލްސާ ނިންމާލީ އެ ވަގުތު ހާޒިރުވެ ތިއްބެވި ހުރިހާ ކައުންސިލަރުންނަށް ޝުކުރު އަދާކުރެއްވުމަށްފަހު އެވެ.