Advertisement

އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާއަށް ސޯލިހު އާއި ނަޝީދު މި ހަފުތާގައި ބައްދަލުކުރައްވަނީ

ކުރީގެ ރައީސް ނަޝީދު އާއި ކުރީގެ ރައީސް ސޯލިހު -- ފޮޓޯ: ރައީސް އޮފީސް


އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާއަށް ސޯލިހު އާއި ނަޝީދު މި ހަފުތާގައި ބައްދަލުކުރައްވަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމަށް އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާއަށް ކުރީގެ ދެ ރައީސުން ކަމުގައިވާ އިބްރާހިމް މުހައްމަދު ސޯލިހު އާއި މުހައްމަދު ނަޝީދު މި ހަފުތާގައި ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުންގެ ބައްދަލުވުން އޮންނާނީ ސޯލިހު އާއިލީ ބައްދަލުވުމަކަށް ސްރީލަންކާއަށް ވަޑައިގަތުމުގެ ކުރިންނެވެ.

އެކަމާބެހޭ ގޮތުން މައުލޫމާތު ދެއްވަމުން، އަލިފުށި ދާއިރާގެ ކުރީގެ މެންބަރު، މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ ދެ ބޭފުޅުންގެ ބައްދަލުވުން ތާވަލުކޮށްފައި ވަނީ މި ހަފުތާއަށް ކަމަށެވެ.

"މި ހަފުތާ ތެރޭގައި ބައްދަލުކުރައްވާނެ، ސްރީލަންކާއަށް ވަޑައިގަތުމުގެ ކުރިން ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައި އޮތީ," ބިގޭ ވިދާޅުވި އެވެ.

ސޯލިހު އާއި ނަޝީދު ބައްދަލުކުރައްވަން ނިންމަވާފައި މި ވަނީ، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގައި ޕާޓީ ދެފަޅިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފައްދައިގެން ސިޔާސީ މަސައްކަތްތަކެއް ކުރެއްވުމަށްފަހު ނަޝީދު އާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނިކޮށެވެ.

ނަޝީދުގެ އިތުރުން ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން މިދިޔަ ޖޫން މަހު އެމްޑީޕީން ވަނީ އެ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ވެސް ކިޔައިފަ އެވެ. އެހެންމަވެސް، ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ވާދައިގައި އަނެއްކާ ވެސް ޕާޓީގެ އެތެރޭގައި ވަނީ ހިޔާލުތަފާތުވުން އުފެދި ކޯޅުން ބޮޑުވެފަ އެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުންތަކަށް ހައްލު ހޯދުމަށް ސޯލިހު އާއި ނަޝީދު ބައްދަލުކުރައްވަން ނިންމަވާފައިވާއިރު، ރޭގައި ނަޝީދު ވަނީ އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު އާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެހެންމަވެސް އެ ބައްދަލުވުމުގެ ތަފުސީލެއް އަދި ނޭނގެ އެވެ.

ނަޝީދު އާއި ސޯލިހުއަކީ ތުއްޕުޅުއިރުން ފެށިގެން ވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ. ސިޔާސީ މަސައްކަތުގައި ވެސް ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި ދެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވެ ހައްލު ނުކުރެވޭ ވަރަށް މައްސަލަ ގޯސްވީ 2023 ވަނަ އަހަރުގެ ރިޔާސީ ވާދައިގަ އެވެ.