Advertisement

ރާއްޖެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވެ ސިއްހަތަށް ގެއްލުންވާ މިންވަރުގައި!

މާލެ ސަރަހައްދުގެ ވައި ނުސާފުވުމުގެ ސަބަބުން ސިއްހަތަށް ގެއްލުންވެދާނެ ކަމުގެ އިންޒާރު ވަނީ ނެރެފައި -- ފޮޓޯ: އަދަދު


ރާއްޖެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވެ ސިއްހަތަށް ގެއްލުންވާ މިންވަރުގައި!

ރާއްޖޭގެ ސަރަހައްދުގެ ވައި އާދަޔާހިލާފަށް ނުސާފުވެ، ސިއްހަތަށް ގެއްލުންވާ މިންވަރަށް ގޮސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފި އެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުން ފެށިގެން މާޗް މަހާ ހަމައަށް ރާއްޖޭ ސަރަހައްދަށް ވައި ނުސާފުވެ އެވެ. ވައި ނުސާފުވާން މެދުވެރިވާ އެންމެ މައިގަނޑު އެއް ސަބަބަކީ އަވައްޓެރި އިންޑިއާއިން އަންނަ ދުމާއި ހިރަފުހެވެ.

ވިލިމާލޭގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން މި ވަގުތު ވެސް މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 177 ގަ އެވެ. އެއީ ސިއްހަތަށް ނުރަނގަޅު ރަތް ކުލައިގެ މިންގަނޑެވެ.

މާލޭގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން ވައިގެ ކޮލިޓީ ހުރީ 136 ގަ އެވެ. އެއީ ސިއްހީ މައްސަލަތައް ހުންނަ މީހުންނާއި ދިފާއީ ނިޒާމު އެހައި ވަރުގަދަ ނޫން މީހުންގެ ސިއްހަތަށް ނުރަނގަޅު މިންގަޑެކެވެ.

މާލެ ސަރަހައްދުގެ އިތުރުން ދެން އެންމެ ވައި ނުސާފީ ދ. އަތޮޅަށެވެ. އެ އަތޮޅު ކުޑަހުވަދޫގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން މި ވަގުތު ވެސް އެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 172 ގަ އެވެ.

ރާއްޖެ ސަރަހައްދުގެ ވައި އާދަޔާހިލާފަށް ނުސާފުވުމުން އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މީގެ ކުރިން ވެސް އިލްތިމާސްކުރެ އެވެ.

އެގޮތުން ވައި ނުސާފު ވަގުތުތަކުގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި ނުވަތަ އެލާޖީގެ މައްސަލަތައް ހުންނަ މީހުންގެ އިތުރުން ކުޑަކުދިންނާއި ދޮށީ އުމުރުން މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރަން އެ އޭޖެންސީން މީގެ ކުރިން އިލްތިމާސް ކޮށްފައިވެ އެވެ.

މި ދުވަސްވަރު ތުއްތު ކުދިން ގެއިން ބޭރަށް ނުނެރުމަށާއި ގޭގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި ގެއިން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން ކުޑަ ދުވަސްކޮޅަކަށް މަޑު ޖައްސައިލަން އެޗްޕީއޭއިން މީގެ ކުރިން އިލްތިމާސް ކޮށްފައިވެ އެވެ.