about 2 hours 0
ރައީސް މުއިއްޒު އަދި ގަވަރުނަރު މުނައްވަރު. މާލީ ދާއިރާގެ ކުރިއެރުމަށް މި އިސްތިރާޖު މުހިންމު ކަމަށް އެމްއެމްއޭއިން ބުނޭ --- ފޮޓޯ: އެމްއެމްއޭ
about 2 hours 0
ރާއްޖޭގެ މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމުގެ އަޒުމުގައި މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދެ ސްޓްރެޓެޖީއެއް މިއަދު އިފްތިތާހުކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ސްޓްރެޓެޖީ ލޯންޗުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ. އަރިހުގައި ގަވަރުނަރު އަހްމަދު މުނައްވަރު ބައިވެރިވަޑައިގަތެވެ.
"މާލީ ހިދުމަތްތައް ފުޅާކޮށް އަދި ފައިނޭންސް ދެމެހެއްޓެނިވި ތަރައްގީއާ ގުޅުވައިގެން، އަޅުގަނޑުމެން މިވަނީ މުޅި ރާއްޖެއަށް ކުރިއެރުމާއި، ހަރުދަނާކަމާއި، ފުރުސަތުތައް ފަހިކޮށްދޭ މައިގަނޑު ވަސީލަތެއްގެ ގޮތުގައި މާލީ ދާއިރާ ބައްޓަންކޮށްފައި،" ގަވަރުނަރު މުނައްވަރު ވިދާޅުވި އެވެ.
މިއަދު އިފްތިތާހު ކުރީ އެމްއެމްއޭގެ ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އާއި އަދި ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕެވެ. މި ދެ ސްޓެރެޓެޖީއަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާވުމުގެ އިތުރުން ދިވެހި އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް ވެސް އޭގެ ހެޔޮ އަސަރުކުރާނެ ދެ ސްޓެރެޓެޖީއެއް ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
"މި ސްޓްރެޓެޖީތަކާއެކު، އެންމެން ބައިވެރިވާ، ހަރުދަނާ އަދި ގައުމީ ތަރައްގީއަށާއި، އިޖުތިމާއި އަދި މޫސުމީ ލަނޑުދަނޑިތައް ހާސިލު ކުރުމަށް އެއްބާރުލުންދޭ މާލީ ނިޒާމެއް އުފެދިގެންދާނެ," އެމްއެމްއޭއިން ބުނެ އެވެ.
މާލީ ބައިވެރިވުމާ ގުޅޭ ސްޓްރެޓެޖީއަކީ މާލީ ހިދުމަތްތަކަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށް، އެ ހިދުމަތްތައް ބޭނުންކުރުން އިތުރުކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ސްޓްރެޓެޖީއެކެވެ.
:އަންހެނުންނާއި، ޒުވާނުންނާއި، ދޮށީ އުމުރުގެ މީހުންނާއި، ކުދި، މެދު އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ހިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް މި ސްޓެރެޓެޖީގައި ވަނީ ދީފައި،" އެމްއެމްއޭއިން ބުނެފައިވެ އެވެ.
ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕްއަކީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް މާލީ ނިޒާމުގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި އެކުލަވާލެވިފައިވާ ރޯޑްމެޕެކެވެ.
"މި ރޯޑްމެޕްއިން ތިމާވެއްޓާއި ރައްޓެހި، އިޖުތިމާއީ އަދި ދެމެހެއްޓެނިވި ތަރައްގީއާ ގުޅިފައިވާ މާލީ އުފެއްދުންތައް ތައާރަފުކުރުމަށް ހިތްވަރުދީ، މިކަމާ ގުޅޭ ގަވާއިދުތައް ހަރުދަނާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި، އިއާދަކުރަނިވި ހަކަތަ އާއި، ސަސްޓެއިނަބަލް ހައުސިން ފަދަ ދާއިރާތަކަށް އިންވެސްޓްމަންޓުތައް ކުރުމަށް ބޭނުންވާ ފަންޑު މާލީ ނިޒާމުގެ ތެރެއިން ލިބޭނެ މަގު ތަނަވަސްކުރެވިގެންދާނެ،" އެމްއެމްއޭއިން ބުނެ އެވެ.
Comment